ސަލަފް ޖަމިއްޔާ

ތިމާގެ އާޚިރު މަންޒިލަކީ ކޮބައިތޯ ފުންކޮށް ވިސްނާލަންޖެހޭ: ޝައިޚު އަލީ ޒާހިރު

ޝަހީދާ އަބްދުﷲ ސައީދު

ކޮންމެ އިންސާނަކުވެސް އެމީހެއްގެ އާޚިރު މަންޒިލަކީ ކޮބައިތޯ ފުންކޮށް ވިސްނާލަންޖެހޭ ކަމަށް އައްޝައިޚު އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.

އިއްޔެގެ އަސުރު ނަމާދަށްފަހު ފުރުގާނު މިސްކިތުގައި ދެއްވި ދަރުސްގައި ޝައިޚު އަލީ ޒާހިރު ވިދާޅުވީ ނުބައި ގޮތަކަށް ނިމިގެން ނުދިއުމަށް ކޮންމެ މީހަކުވެސް ވަރަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

''މަރުވުމަށްފަހު'' މައުޟޫއަށް ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މަރުވެގެންދާ ގޮތާ މެދު އިލްމުވެރިންގެ މެދުގައި ވަރަށް ފުންކޮށް ވިސްނަވައި ފިކުރު ހިންގަވާ ކަމަށެވެ.

އެގޮތުން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ސިއްދީގު ހަސަން ޚާން އާއި ހަވާލާ ދެއްވައި އަލީ ޒާހިރު ވިދާޅުވީ އިންސާނާ މަރުވާނީ އެމީހާ ދިރިއުޅުނު ގޮތެއްގެ މަތީގައި ކަމަށެވެ. އަދި އެމީހާ އަލުން ދިރިގެން އުފަންކުރައްވާނީ އެމީހާ މަރުވި ގޮތެއްގެ މަތީގައި ކަމަށެވެ.

އެމީހަކު ދުނިޔޭގައި ރަނގަޅު ގޮތުގައި އުޅުނު ކަމަށްވާނަމަ އާންމުގޮތެއްގައި ނިމުން އަންނާނީ ހެޔޮކަމުގެ ރަނގަޅަށް ކަމަށާއި އަދި އެމީހާގެ އުޅުމަކީ ނުބައި އުޅުމެއް ކަމުގައި ވާނަމަ އެމީހެއްގެ ނިމުން އަންނާނީ ނުބައި ކަމުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

އަދި އެއްވެސް މީހަކު އެމީހާ ކުރާ ހެޔޮ އަމަލުތަކާ މެދު ފަހުރުވެރި ނުވުމަށާއި އެމީހާ ދިރިއުޅުމުގައި އަމަލުތައް ރަނގަޅުކޮށް، ރަނގަޅުގޮތުގައި ނިމިދިއުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އަލީ ޒާހިރު ވިދާޅުވީ މަހުޝަރު ބިމަށް މީހުން އެއްކުރައްވާއިރު އެމީހަކު ﷲގެ ހަޒުރަތަށް މަހުޝަރު ކުރެވޭނީ އެމީހަކު މަރުވި ގޮތަކަށް ކަމަށެވެ.

''ﷲގެ މަގުގައި ޝަހީދުވާ ބޭފުޅުން، އެބޭފުޅުން ޝަހީދުވީ ލޭތަކާއެކުގައި އެ ލެއިން ދުވާ ގޮމަ ކަސްތޫރީގެ މީރުވަހާއި އެކު އެބޭފުޅުން ﷲގެ ހަޒުރަތަށް ތެދުވެގެން އަންނާނެ. ހައްޖުގެ ހާލަތުގައި ތަލްބިޔާ ކިޔަމުންދަނިކޮށް އަވަހާރަވާ މީހުން އެމީހުން އެހާލަތުގައި ތަލްބިޔާ ކިޔާ ހާލުގައި ﷲގެ ހަޒުރަތަށް މަހުޝަރުކުރެވޭނެ. އެމީހަކު މަރުވެގެން ދިޔަ ގޮތަކަށް އެމީހަކު މަހުޝަރު ކުރެވިގެންދާނެ. އެހެންވީމާ ކޮންމެ މީހަކު ވެސް ދުނިޔޭގައި ދިރުއުޅުމުގެ ތެރޭގައި ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ ކޮންމެ މީހަކުވެސް ނިމުން ރަނގަޅު ގޮތަކަށް ވޭތޯ ބަލަން ޖެހޭނެ.'' ޝައިޚު އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ މިއުންމަތުގެ ސަލަފުއްސޯލިހު ބޭފުޅުން އެންމެ ކަންބޮޑުވެ ވަޑައިގަންނަވަނީ މުޅި ހަޔާތުގައި ރަނގަޅަށް އުޅެމުންގޮސް އެންމެ ފަހު ވަގުތުގައި ކޮށްލެވޭ ކަމަކުން ތިމާ ކުރީގައި ކުރި ހުރިހާ ހެޔޮކަމެއް ބަރުބާދުވެ ގެއްލިގެން ހިނގައިދާނެތީ ކަމަށެވެ.

އެހެންކަމުން އަބަދުވެސް ޝައިތާނާގެ ވަސްވާސްތަކާ ދުރަށް ދިއުމަށް މަސައްކަަތް ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.