ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވާހިނދު އަވައްޓެރި ގައުމުތަކަށްދޭ ހަމަލާތަކަކީ ކުޑަ ކަމެއްކަމަށް ނުބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ ''ދަ ހިންދޫ'' ނޫހަށް ދެއްވި އިންޓަވިއުއެއް ހިއްސާ ކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
''ދަ ހިންދޫ'' ނޫހަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މާރިޔާ ވަނީ ލަންކާއަށް މިދިޔަ މަހު 21ގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.
އެ އިންޓަވިއުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ލަންކާއަށް މިދިޔަ މަހު ދިން ހަމަލާއަކީ އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ހުރިހާ ގައުމެއްވެސް ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއްކަމަށެވެ. އަދި ލަންކާއަށް ދިން ބޮމުގެ ހަމަލާގައި ގެންގުޅެފައިވާ ރޭވުންތެރިކަމަކީ އެކަމާ ހައިރާންވާ އަދި ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެ ހަމަލާގެ ސަބަބުން ޓެރަރިސްޓުންގެ އަނިޔާވެރިކަން އިތުރުވެފައިވާކަން ހާމަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަންކަމަށް ބަލައި، ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާތަނަށް ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް އިންޒާރެއް ނުވަތަ އެފަދަ ހެއްކެއް ފެނިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިފަދަ ކަންކަމަކީ އެއްވެސް ގޮތަކަށް ނުވާނެ ކަންކަމޭ ބުނެ އެކަމަށް ތައްޔާރު ނުވެ ނުތިބެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ޓެރަރިޒަމްގެ ހަމަލާއަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދާ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
ސީރިއާއަށް ގޮސްފައިވާ ދިވެހިންނާ ގުޅޭ ގޮތުންވެސް މިނިސްޓަރު މާރިޔާގެ އިންޓަވިއުގައި ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން މިހާތަނަށް ސީރިއާއަށް ހަނގުރާމައަށް ގޮސްފައިވާ މީހުންގެ ރަސްމީ އަދަދެއް ހާމަކުރަން އުނދަގޫ ކަމަށް ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ރާއްޖެއިން ސީރިއާއަށް ގޮސްފައިވާ މީހުން ދެނެގަނެފައިވަނީ އެކި މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންގެ ރިޕޯޓުތަކުން ކަމަށެވެ. މިގޮތުން މިގޮތަށް ބަލާއިރު އަންހެނުންނާއި ކުޑަކުދިންނާއެކު 69 މީހުން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ގިނަ މީހުން އެކި ގައުމުތަކަށް ހަނގުރާމައަށް ދަނީ ކައިރި ގައުމުތަކަށް ދާކަމަށް ބުނެ އޮޅުވާލައިގެން ކަމަށް ވުމުން މި އަދަދު އިތުރުވެދާނެކަމަށް ވެސް މިނިސްޓަރު މާރިޔާ ވަނީ ފާހަގަ ކުރައްވައިފައެވެ.