އިލެކްޝަންސް ކޮމިޝަން

ނަތީޖާ އިއުލާނުކުރީ ރައީސް ޔާމީނާއި ސަލާމަތީ ބާރުތަކަށް އެންގުމަށް ފަހު: ޝަރީފު

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރެއްވީ ރައީސް ޔާމީނާއި ސަލާމަތީ ބާރު ތަކަށް އެންގުމަށް ފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝަރީފު މިހެން ވިދާޅުވީ އެ ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނަތީޖާ އިއުލާނުކުރީ އަވަސް އަރުވައިލައިގެން ފަޓާސް ބަރިއެއްހެން ކަމަށް ބުނެ ބަޔަކު ވާހަކަ ފެތުރިޔަސް އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.

"އަވަސް އަރުވައިލައިގެން ނަތީޖާ އިއުލާނުކުރީއޭ އޮޅުވައިލީއޭ ކިޔައިގެން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަ. ނަތީޖާ ލިބުނީމަ އެންމެ ފުރަތަމަ އަޅުގަނޑު ފޯނުން ގުޅާފަ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް. އެއަށް ފަހު ދެން ދެންނެވީ އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް. އެދެބޭފުޅުން ވެސް ވިދާޅުވީ ގާނޫނާ އެއްގޮތަށް ރައްޔިތުންގެ ނިންމުން އިއުލާނުކުރުމަށް. ދެން ގުޅީ ރައީސް ޔާމީނަށް. އެމަނިކުފާނު ވެސް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކުރިޔަށް ގެންދާށޭ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ގުޅުއްވުމުން އެގަޑީގައި ފޯނު ނުނަންގަވާ ކަމަށެވެ. ލަފާކުރެއްވޭ ގޮތުގައި އިބޫ އަށް ފޯނު ނުނެންގެވުނީ އެ ވަގުތަކީ އުފާފާޅުކުރެއްވުމުގައި އުޅުއްވި ވަގުތަށް ވުމުން ކަމަށް އެކަށީގެންވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރެއްވުމުގެ ކުރީން ސަލާމަތީ ބާރު ތަކަށާއި ރައީސް ޔާމީން އަށް އެންގެވި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވާ އިރު، އެއީ ގާނޫނީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫނެވެ.