ޑައިރެކްޓަރު ރޯހިތު ޝެޓީގެ ތިން ފިލްމު ކަމަށްވާ ސިންގަމް، ސިމްބާ އަދި ސޫރްޔަވަންޝީ އެއް ފިލްމަކުން ގެންނަން މަސައްކަތް އެބަ ކުރާ ކަމަށް އަޖޭ ދޭވްގަން ބުނެފިއެވެ.
ފުލުހުންނަށް ހާއްސަ މީގެ ފުރަތަމަ ފިލްމު ނެރުނީ 2011 ގައެވެ. އެއީ ސިންގަމްގެ ގޮތުގައެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ އަޖޭއެވެ. އެއަށް ފަހު 2014 ގައި ސިންގަމް ރިޓާންސްގެ ނަމުގައި ފިލްމުގެ ސީކުއިލެއް ނެރުނެވެ. ރަންވީރު ސިންގް ލީޑް ރޯލުން ފެނިގެން ދިޔައީ ސިމްބާ އިންނެވެ. މިހާރު ރޯހިތު މަސައްކަތް ކުރަމުން އަންނަނީ ސޫރްޔަވަންޝީ ނެރުމުގައެވެ. އެ ފިލްމުން ފެނިގެން ދަނީ އަކްޝޭ ކުމާރެވެ. ސިމްބާގައި އަކްޝޭ އަދި އަޖޭވެސް ވަނީ ކުދިކުދި މަންޒަރުތަކުން ފެނިގެން ގޮސްފައެވެ.
އަޖޭ ބުނީ ތިން ތަރިންނާ އެކު ޔުނިވާސަލް ފިލްމެއް ހެދުމުގެ މަސައްކަތް އޭނާ ރޯހިތު އާއެކު ފަށާފައިވާކަމަށެވެ.
އަޖޭ އެންމެ އަވަހަށް ދެން ފެންނާނީ ފިލްމު ދޭދޭ ޕިޔާރު ދޭ އިންނެވެ. އެ ފިލްމު ނެރެން ހަމަޖައްސައިފައިވަނީ މިމަހު 17 ގައެވެ.