ޕީޕީއެމްގެ ދަފުތަރުގައި ނެތް 42 މީހަކު ޕީޕީއެމްގެ ކޮންގްރެސް ގައި ބައިވެރިވި ކަމަށާއި ޕާޓީގެ އަސާސީ ގަވައިދު ބުނާ މުއްދަތުގައި މެންބަރުންނަށް ވެފައި ނުވާ މީހުން މަގާމު ތަކަށް ވެސް ހޮވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެގޮތަށް ނިންމީ އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ޝަރީފު ވިދާޅުވީ ޕީޕީއެމުން ބޭއްވި އާދަޔާ ޚިލާފު ގައުމީ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަނުން ނިންމީ ވަރަށް ގިނަ ކަންކަން ބެއްލެވުމަށް ފަހުގައި ކަމަށެވެ.
"އާދަޔާ ޚިލާފު ކޮންގްރެސްއެއް ކަމަށް ވިޔަސް ފުރިހަމަވާން ޖެހޭ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެންގެ އޮބްޒާވަރުން އެތަނަށް ދިޔަ ނަމަވެސް އެބޭފުޅުންނަށް ވަގުތުން ވަގުތަށް ނުބެލޭނެ ކަންކަން ހުންނާނެ. އެފަދަ ކަންކަން އަޅުގަނޑުމެންނަށް ބެލޭނީ އެ ޖަލްސާގެ ނިންމުންތައް ވެސް އަޅުގަނޑުމެންނަށް ލިބި އޮބްޒާވަރުންގެ ރިޕޯޓުވެސް އަޅުގަނޑުމެންނަށް ލިބުނީމަ. މިސާލަކަށް ދަންނަވާ ނަމަ ބައިވެރިވި މީހުންނަކީ އެޕާޓީގެ ދަފުތަރުގައި ހިމެނޭ މީހުންތޯ ފަދަ ކަންކަން." ޝަރީފު ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންގްރެސް ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް އިން ނިންމާފައިވާ އިރު ޕާޓީގެ އަސްލު ލީޑަރޝިޕާ ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލުތަފާވުތުންތަކުގެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.