ބޮލީވުޑް

ނަން ބަދަލުކުރީ ސަލްމާން ބުނެގެން: ކިއާރާ

އާލިޔާ އަދްވާނީ އިން ކިއާރާ އަދްވާނީ އަށް ނަން ބަދަލުކުރީ ސަލްމާން ޚާން ބުނެގެން ކަމަށް ކިއާރާ ބުނެފިއެވެ.

އަނައިތާ ޝްރޮފް އަދާޖާނިއާގެ ޗެޓް ޝޯގައި ވާހަކަ ދައްކަމުން ކިއާރާ ބުނި ގޮތުގައި އޭނާ ގެ އަސްލު ނަމަކީ އާލިޔާ އެވެ. ސަލްމާން ވަނީ އެނަން ބަދަލު ކުރުމަށް އޭނާ ގާތު އެދިފައެވެ. ކިއާރާ ބުނި ގޮތުގައި ނަން ބަދަލު ކުރަން ސަލްމާން އެދުނީ ބޮލީވުޑްގައި އެއް ނަން ކިޔާ ދެތަރިން ތިބުން ރަނގަޅު ނޫންކަމަށް ބުނެއެވެ.

ސަލްމާން ގެ އެދުމުގެ މަތިން ކިއާރާގެ ނަން ހޯދީ އޭނާ އަމިއްލަ އަށް ކަމަށްވެސް ކިއާރާ ވަނީ ބުނެފައެވެ. އަދި މިހާރު އާއިލާއާއި މައިންބަފައިންވެސް އެނަން ބޭނުން ކުރަން ފަށައިފި ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިއާރާ ބޮލީވުޑަށް ނުކުތީ 2014 ވަނަ އަހަރު ފިލްމު "ފަގްލީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ"، "މެޝިން"، "ކަލަންކް"، އަދި ޓެލްގޫ ފިލްމެއް ކަމަށްވާ "ބާރަތް އަނޭ ނީނޫ" އާއި "ވިނާޔާ ވިދެޔާ ރާމާ" ފަދަ ފިލްމުތައް ކުޅެފައެވެ.

މިވަގުތު ހަތަރު ފިލްމެއްގައި ކިއާރާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ "ގުޑް ނިއުސް"، "ކަބީރު ސިންގް"، "ޝޭޝާހު" އަދި "ލާކްސްޒްމީ ބޮމް" އެވެ.