ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕީޕީއެމުން އެދުނަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީގެ މެންބަރު ކަމުން ވަކިކޮށް ނުދޭން އިލްކެޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެގޮތަށް ނިންމީ އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ޝަރީފު ވިދާޅުވީ ގާނޫނު ތަކާއި ގަވައިދާ ޚިލާފަށް ޕީޕީއެމް އިން ކަންކަން ކުރަމުންދާތީ އެ ޕާޓީ 75000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވެސް އިލެކްޝަންްސް ކޮމިޝަނުގެ އިއްޔެގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
ޝަރީފު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އެދުނު ނަމަވެސް އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ވަގުތު ވަކިކޮށްނުދޭން ނިންމީ ޕާޓީގެ އަސްލު ލީޑަރޝިޕަކީ ކޮބައި ކަމާ މެދު ސުވާލު އުފެދިފައިވާތީ ކަމަށެވެ.
"ޕީޕީއެމް އިން ބޭއްވި އާދަޔާ ޚިލާފު ކޮންގްރެސްގެ ނަތީޖާ ގަބޫލު ނުކުރަން އިލެކްޝަނުން މިވަނީ ނިންމާފަ. އަނެއްކޮޅުން ޕާޓީގެ މައްސަލަ އެއޮތީ ސިވިލް ކޯޓުގަ. އެހެންވީމަ ކޯޓުން ވަކި ގޮތަށް ނިންމީމަ އަޅުގަނޑުމެންނަށް އެނގޭނެ ކުރިޔަށް ދާންވީ ގޮތެއްވެސް." ޝަރީފް ވިދާޅުވި އެވެ.