އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހަޅަން ގާނޫނުގައި ބުނެފައިވާ މުއްދަތު މިއަދަށް ހަމަވެފައިވާއިރު، އޮޑިޓް ރިޕޯޓް ހުށަހެޅީ ހަތަރު ޕާޓީން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، މުއްދަތު ހަމަވި އިރު އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ، އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްޑީޕީއާއި ޖޭޕީ އާއި އެމްޑީއޭއިން ކަމަށެވެ. އަދާލަތު ޕާޓީ އާއި ޑީއާރުޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
"ކަނޑައެޅިފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކާމެދު މިދިޔަ އަހަރުވެސް ފިޔަވަޅު އެޅިން. މިއަހަރު ވެސް ފިޔަވަޅު އަޅާނެ،" އަކުރަމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން ނުވަދިހަ ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް، އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށެވެ.
ގާނޫނުގައި ބުނާ ނުވަދިހަ ދުވަސްް ގުނަން ޖެހެނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ހިސާބުތައް ހުށަހަޅާފައި ނުވާނަމަ ވިހިހާސް ރުފިޔާ އާއި ފަންސާސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ވަނީ ލިބިދީފައެވެ.
އިލެކްޝަންސް ކޮމިޝަނުންގެ ދަފްތަރުގައި މިހާރު ނުވަ ޕާޓީއެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އެވެ.
މީގެ ތެރެއިން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ން އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭނީ އަންނަ އަހަރުން ފެށިގެންނެެވެ.