ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް ބޭފުޅަކު ކަނޑައެޅުމުގައި ޕީޕީއެމުން އަމަލުކުރާނީ ޕާޓީގެ ވިސްނުމާ އެއްގޮތަށް ކަމަށް އެޕާޓީން ބުނެފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ޝިޔާމް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ ސަރުކާރުން ބޭނުންވާ ގޮތަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރޭގައި ތަޖުރިބާ ހުރި ބޭފުޅަކު ހުންނެވި ނަމަވެސް މަޖިލީހަށް ރަނގަޅުވާނެ ގޮތަކަށް ބެލުމަށް ވުރެ ބޮޑަށް އެމްޑީޕީންވެސް ވިސްނާނީ ސަރުކާރަށާއި ޕާޓީއަށް ފައިދާހުރި ގޮތެކެވެ.
ޕީޕީއެމުން ކައުންސިލާއި މަޝްވަރާކުރާނެ ކަމަށާއި މަޖިލިސް ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގައި އަމަލުކުރާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
''މަޖިލިސް ރައީސް ނައިބު ރައީސް ކަނޑައަޅަން ވޯޓާ ހަމައަށް ދިއުމުގެ ކުރިން ކައުންސިލާ މަޝްވަރާކުރާނަން. ޕާޓީން އަމަލުކުރާނީ ޕާޓީގެ ވިސްނުމާއި ފިކުރާ އެއްގޮތަށް. ކައުންސިލުން މަޝްވަރާކޮށްފައި ވަކިގޮތެއް ނިންމުމުން ޕީޖީ ގްރޫޕުން އެގޮތަށް އަމަލަުކުރާނަން.'' ޝިޔާމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
އެމްޑީޕީގެ ޗެއާޕސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ އިންތިހާބީ ކެންޑިޑޭޓު ހަސަން ލަތީފު މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު، ވަގުތު އޮއްވައި ހުޅުވާލާނެ ކަަމަށެވެ. ނަމަވެސް ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.