އިމާދު ލަތީފު
އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ފާއިތުވި ފަސް އަހަރު ހުރި ކްރޮއޭޝިއާގެ އިގޯރ ސްޓިމަޓްސް ކުއްލި ގޮތަކަށް އެ މަގާމުން އިއްޔެ ވަނީ ވަކިކޮށްފައެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން، އޭއައިއެފްއެފުން 2019 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި އޭނާ އެ މަގާމަށް އައްޔަން ކުރިގޮތަށް ފަސް އަހަރާއި އެއްމަސް ދުވަހަށްފަހު 2024 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި މަގާމުން ވަކިކުރީވެސް ހަމަ އޭއައިއެފްއެފުންނެވެ. އެކަމަކު މި ނިންމުމަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ނިންމުމެކެވެ. ހައިރާންކަން ލިބުނީ ވަކި ކުރި ދުވަސްވަރާއި އިންޑިޔާގެ ފުޓްބޯޅައަށް އޭނާ ކޮށްދީފައިވާ ގިނަގުނަ ޚިދުމަތްތަކަށް ރިއާޔަތްކޮށްފައެވެ. ވަކިކުރި ދުވަސްވަރޭ މިދެންނެވީ ޖަރުމަންވިލާތުގައި މިހާރު ކުރިއަށްދާ ޔޫރޯއަށް އިޝާރާތްކޮށްފައެވެ. ހަމަގައިމުވެސް ގިނަ ދިވެހިންނަށް އިގޯރ ސްޓިމަޓްސް ފެނުނީ އަދި ދަސްވީ ޔޫރޯއެއްގެ ތެރެއިންނެވެ. މީގެ އަށާވީސް އަހަރު ކުރިން އިންގްލެންޑުގައި ބޭއްވުނު ޔޫރޯގެ ތެރެއިންނެވެ.
މިޒަމާނުގެ ގޮތަށް ޕްރީޝޯތަކާއެކު ދިވެހިން އެންމެ ފުރަތަމަ ބެލި ޔޫރޯއަކީ 1996 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވުނު ޔޫރޯއެވެ. އެ ޔޫރޯގައި ވާދަކުރި ސޯޅަ ޓީމުގެ ތެރެއިން އެއްޓީމަކީ ކްރޮއޭޝިއާއެވެ. އެއީ މިނިވަން ގައުމެއްގެ ގޮތުގައި ކްރޮއޭޝިއާގެ ފުރަތަމަ ބޮޑު މުބާރާތެވެ. އެ މުބާރާތުގައި ހަތަރު ނަމްބަރު ޖޯޒީގައި ކްރޮއޭޝިއާގެ ފަހަތަށް ކުޅުނު ސެންޓަރ ބެކަކީ އިގޯރ ސްޓިމަޓްސްއެވެ. ދުވަސްވަރަކީ ހަތަރު ނަމްބަރު ޖޯޒީގައި ކުޅޭ ޑިފެންޑަރުން ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގްބޫލު ދުވަސްވަރެކެވެ. މިކަމުގެ ސިއްރަކީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ދިވެހި ގައުމީ ޓީމުގެ ޑިފެންޑަރު ދޮންބިލެތް އަހުމަދު ހަލީމެވެ. އޭނާގެ ޖޯޒީ ނަމްބަރަކީ ހަތަރެކެވެ. ކޮންމެއަކަސް އެ ޔޫރޯގެ ކުއާޓަރ ފައިނަލްގައި ޖަރުމަނާއި ވާދަކޮށް ދޭއް އެކަކުން ކްރޮއޭޝިއާ ބަލިވުމުގެ އެއް ސަބަބަކަށްވީ އިގޯރ ސްޓިމަޓްސްއެވެ. ޖަރުމަނީގެ މެހްމެޓް ޝޯލަށް އޭނާ ކުރި ފައުލަކާ ގުޅިގެން ދެވަނަ ހާފުގައި ދެއްކުނު ރަތްކާޑެވެ.
ދުވަހަކީ ޖޫން ތޭވީސްވަނަ ދުވަހެވެ. މެޗު ކުޅުނީ އިންގްލެންޑުގެ މެންޗެސްޓަރގައެވެ. މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑު ކަމަށްވާ އޯލްޑް ޓްރެފަޑްގައެވެ. މެޗު ކުޅުނީ މާލޭ ގަޑިން އިރާކޮޅުގެ ވަގުތެއްގައެވެ. އޭރުވެސް އަޅުގަނޑަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އެރޭ މި މެޗާއިބެހޭ ގޮތުން ވާހަކަ ދައްކަން ޓީވީއެމްގެ ސްޓޫޑިއޯގައި ތިބީ ހަނދާންވާ ގޮތުގައި އަޅުގަނޑާއި މައުރޫފް އަހުމަދު، މާއްޓޭއެވެ. މެޗު ނިންމާފައިވެސް އަޅުގަނޑުމެން މައިގަނޑު ގޮތެެއްގައި ދެއްކީ ސްޓިމަޓްސްގެ ވާހަކައެވެ. އޭނާއަށް ދެއްކި ރަތްކާޑުގެ ވާހަކައެވެ. އެ ކާޑުގެ ސަބަބުން މެޗުގެ އޮއިވަރު ބަދަލުވެގެންދިޔަ ގޮތުގެ ވާހަކައެވެ. ފުޓްބޯޅައިގެ ސަގާފަތުގައި ހަތަރު ނަމްބަރު ޑިފެންޑަރުންގެ ދައުރާމެދުގައެވެ. ދޭތެރެއަކުން އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގެ ވާހަކަ އަޅުގަނޑު ދިޔައީ ދައްކަމުންނެވެ. ކޮންމެވެސް ދޭތެރެއެއް ހާވައިލައިފައެވެ.
އެރޭ ދަންވަރު ޕޯޗުގަލް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ކަވަރޭޖުގެ ތެރޭގައިވެސް ސްޓިމަޓްސްގެ ރަތްކާޑުގެ ވާހަކަ ދެކެވުނެވެ. މިދެންނެވި ގޮތުން ވަރަށް ގިނަ ދިވެހިންނަށް އިގޯރ ސްޓިމަޓްސް ވަނީ ދަސްވެފައެވެ. މަޝްހޫރުވެފައެވެ. އެދުވަސްވަރު އަޅުގަނޑުމެންގެ ގިނަބަޔަކު އޭނާގެ ނަން ކިޔައި އުޅުނީ ސްޓިމަޗް، މިގޮތަށެވެ. ތަންކޮޅެއްފަހުން ސްޓިމަކް، މިގޮތަށްވެސް ކިޔައި އުޅުނެވެ. އެހެންވިޔަސް މިހާރު އަޅުގަނޑު އެނަން ކިޔާހިތްވަނީ އިގޯރ ސްޓިމަޓްސް، މިގޮތަށެވެ. ކޮންމެއަކަސް ދިވެހިންނަށް ދެން އޭނާ ފެނުނީ އަނެއްކާވެސް ދެ އަހަރު ފަހުންނެވެ. ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުންނެވެ. އެ މުބާރާތުގައި ކްރޮއޭޝިއާ ހިމެނުނީ ގްރޫޕް އެޗްގައެވެ. ކްރޮއޭޝިއާގެ ފުރަތަމަ މެޗަކީ ޖޫން ސާދައިގައި ޖެމޭކާއާ ދެކޮޅަށް ކުޅުނު މެޗެވެ. ކަންދިމާކުރި ގޮތުން އެރޭވެސް މެޗާބެހޭގޮތުން ވާހަކަ ދައްކަން ޓީވީއެމްގެ ސްޓޫޑިއޯގައި ތިބި މީހުންގެ ތެރެއިން އެކަކީ އަޅުގަނޑެވެ. އެރޭ ވަރަށް މޮޅަށް ކުޅެ ތިނެއް އެކެއްގެ ނަތީޖާއަކުން މޮޅުވީވެސް ކްރޮއޭޝިއާއެވެ.
މޮޅުވުމަށްފަހު އެރޭ ބުނެވުނު ހަނދާންވެއެވެ. އެހެރަ ނުވަ ނަމްބަރު ޑާވޯރ ސުކަރ އާއި އެހެރަ ހަތަރު ނަމްބަރު އިގޯރ ސްޓިމަޓްސް މެޗު ފުރިހަމަވަންދެން ތިބޭކަމަށްވަނީވިއްޔާ މި ޓީމު ވަރަށް ދުރަށްވެސް ދަތުރުކުރުން އެކަށީގެންވެއެވެ. ކަންދިމާކުރި ގޮތުން އެފަހަރުގެ ސެމީފައިނަލްގައިވެސް ކްރޮއޭޝިއާ ކުޅުނެވެ. މުބާރާތުގެ ތިންވަނަ މަގާމުވެސް ހޯދިއެވެ. ޑިފެންސްގެ ތަނބަކަށް ސްޓިމަޓްސް ހުރެގެންނެވެ. ދިވެހިންނަށް އެންމެ ފުރަތަމަ ސްޓިމަޓްސްގެ ވާހަކަ ކިޔައިދިން މީހާގެ ހަނދާނުންވެސް އަދި ސިކުނޑިންވެސް އެނަން ފުހެވިގެންދިޔަތާ އެތައް އަހަރެއްގެ ފަހުން ހުސްވި 2023 ވަނަ އަހަރުގެ ޖޫންމަހު ހަމަދިމާ ކުރިމަތިން ސްޓިމަޓްސް ފެނިއްޖެއެވެ. އިންޑިޔާގެ ބެންގަލޫރުންނެވެ. ޓީވީއަކުން ފޮޓޯއަކުން ނޫނެވެ. ހަމަ ސީދާ ހަމަލޮލުންނެވެ. ވާހަކަ ގޮވޭހާ ކައިރިންނެވެ. ވާހަކަ ދައްކަން ފުރުސަތުވެސް ލިބި އެ ފުރުސަތުގެ ބޭނުންވެސް ހިފައިގެންނެވެ.
މި ދިމާވުމެއް ދިމާވީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކަވަރު ކުރުމަށް ވަންއޮންލައިނުގެ ފަރާތުން އަޅުގަނޑުވެސް ބެންގަލޫރަށް ގޮސްގެން އުޅުމުގެ ތެރޭގައެވެ. މިފަހަރުވެސް އިއްތިފާގުން ސްޓިމަޓްސްގެ ވާހަކަ ދައްކަން އަޅުގަނޑަށް މަޖުބޫރުވީ ރަތްކާޑަކާ ގުޅިގެންނެވެ. ސްޓިމަޓްސްއަކީ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ އިންޑިޔާގެ ހެޑްކޯޗެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް ޖޫން އެކާވީހުގައި އޭނާ ފެށީ ރަތްކާޑަކުންނެވެ. އިންޑިޔާގެ ފުރަތަމަ މެޗުގައި ޕާކިސްތާނުގެ ދެ ކުޅުންތެރިޔަކާއި ސްޓިމަޓްސްއާ ދެމެދު ޓަޗްލައިން ކައިރީގައި ހިނގި ކުރިމަތިލުމަކާ ގުޅިގެން ދެއްކުނު ރަތްކާޑެކެވެ. ދެން އެވާހަކަ ކުރުކޮށްލީއެވެ. ކޮންމެއަކަސް ސްޓިމަޓްސްއަކީ އިންޑިޔާގެ ހެޑްކޯޗުކަންކުރި އެންމެ ހައި ޕްރޮފައިލް ކޯޗެވެ. އަދި އިންޑިޔާއަށް ފުޓްބޯޅައިން އެންމެ ގިނަގުނަ ކުރިއެރުންތަކާއި މެޑަލްވެސް ހޯދައިދިން ކޯޗެވެ. އޭގެތެރޭގައި ދެ ސާފް ޗެމްޕިއަންޝިޕް ހިމެނެއެވެ. އިންޑިޔާއިން ސްޓިމަޓްސްއަށް ރަތްކާޑު ދައްކައި ރަށަށް ފޮނުވައިލީ ގަބޫލުކުރެވޭ ގޮތުން ފުޓްބޯޅަ ފެޑެރޭޝަން ބޭނުންވާ ގޮތަށް ގައުމީ ޓީމުގެ ކަންކަމުގެ ތެރެއަށް އުނދުޅި ނުބޭނޭތީއެވެ.
ގައުމީ ޓީމުގެ ކަންކަމުގެ ތެރެއަށް އިދާރީ ބާރުތަކުން އުނދުޅި ބާނަން ސްޓިމަޓްސް ތަރުހީބެއް ނުދެއެވެ. ފުރުސަތެެއް ނުދެއެވެ. އޭނާ މަގާމުން ވަކިކުރީ އެހެންކަމެއް ވެގެނަކުން ނޫނެވެ. އެކަމަކު އޭޝިއަން ކަޕަށް ކޮލިފައިނުވީއޭ، ވޯލްޑްކަޕް ކޮލިފިކޭޝަނުގެ ފަހު ބުރަށް ނުހޮވުނީއޭ ބުނެ އުޒުރު ދައްކާނެއެވެ. އެކަން އެބަކުރެއެވެ. ސްޓިމަޓްސްގެ ކެރިއަރާ އެންމެ ބޮޑަށް ގުޅިފައިވާ ރަތްކާޑެއް އޭނާއަށް ދައްކައި ރަށަށް ފޮނުވައިލުމަށްފަހު ދެން އެކަހަލަ ކޯޗަކު އިންޑިޔާއަށް ލިބިދާނެބާވައެވެ. ހިޔެއް ނުވެއެވެ. ހޯދަން އުޅޭނެހެންވެސް ހިޔެއް ނުވެއެވެ. އޭއައިއެފްއެފްގެ ވިސްނުން ބޮޑަށްހުރި ކަމަށް ބެލެވެނީ ހެޑްކޯޗަކަށް އިންޑިޔާ މީހަކު އައްޔަން ކުރުމަށެވެ. މިކަމުގެ ކެމްޕޭނު މިހާރުވެސް ފަށައިފިއެވެ. ޖަޕާނުގައިވެސް އެހެރީ އެތަނުގެ ކޯޗެކޭ، އިންގްލެންޑުގައިވެސް އެހެރީ އިނގިރޭސިއެއް ނޫންހޭ، މިޒަމާނުގައި ބޮޑެތި ޓީމުތަކުން އިސްކަންދެނީ ތަނުގެ މީހުންނަށޭ ބުނެ ނޫސްތަކުގައި ލިޔުންތައްވެސް ގިނަވަމުން އެބަދެއެވެ.