ކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިއުލާންކުރީ މިދިޔަ އޭޕްރިލް މަހުގެ 8 އިން 22 އަށެވެ. ނަމަވެސް ދެވަނަ ފަހަރަށް އިއުލާން ކުރީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުންނެވެ.

އަލުން ކުރި އިއުލާނަށް މުއްދަތު ހަމަވަނީ މިމަހުގެ 22 އަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ބީލަމުގައި ބައިވެރިވެވެނީ 500 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

އެ މިސްކިތް ރާވައި ބެހެއްޓުމަށް ހަމަޖައްސައިފައިވަނީ ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ބިމުގައެވެ. އެމިސްކިތް ބަހައްޓަން ނިންމާފައިވަނީ ނަމާދުވެސް ކުރެވޭ ގޮތަށެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.