"ޔުއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް" ނުވަތަ "ޔޫރަޕިއަން ޗެމްޕިއަންޝިޕް" ނުވަތަ "ޔުއެފާ ޔޫރޯ" ފުޓުބޯޅަ މުބާރާތަކީ، ޔޫރަޕުގެ ބައްރުގެ ޤައުމުތަކުގެ ސީނިއަރ ޤައުމީ ޓީމުތައް ވާދަ ކުރާ އެންމެ ބޮޑު އަދި އެންމެ މުހިއްމު ފުޓުބޯޅަ މުބާރާތެވެ. ޔޫރަޕުގެ ޤައުމީ ޓީމުތަކުގެ ވާދަވެރި ފުޓުބޯޅައިގެ އަސާސީ މުބާރާތެވެ. ފީފާ ދުނިޔޭގެ ފުޓުބޯޅަ މުބާރާތަށް ފަހު، ދުނިޔޭގައި އެންމެ ގިނަ މީހުން ބަލާ ފުޓުބޯޅަ އިވެންޓަކީ ޔޫރޯއެވެ. މެޗުތައް ބެލުމަށް ޓަކައި ދަނޑަށް ހާޒިރު ވާ މީހުންނާއި، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބެގެން ޓީވީގެ ޒަރީޢާއިން މެޗުތައް ބަލާ މީހުންނާ އެކު، ޔޫރޯ ފުޓުބޯޅަ މުބާރާތް ބަލާ މީހުންގެ ޢަދަދު ގުނެނީ އެތައް ސަތޭކަ މިލިއަނަކުންނެވެ.
ޔޫރަޕުގެ ޤައުމުތައް ވާދަ ކުރާ ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ ޚިޔާލު އެންމެ ފުރަތަމަ ހުށައެޅީ 1927 ގައި، ފަރަންސޭސި ވިލާތުގެ ފުޓުބޯޅަ ޝަޚްސިއްޔަތެއް ކަމަށް ވާ ހެންރީ ޑިލޯނޭއެވެ. ޔޫރަޕުގެ ފުޓުބޯޅަ އިދާރާ "ޔުއެފާ" ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލަކީ ވެސް އޭނާއެވެ. ނަމަވެސް، އޭނާގެ ޚިޔާލަށް ޢަމަލީ ސިފަ އައިސް، ޔޫރޯ ފުޓުބޯޅަ މުބާރާތް ތަޢާރަފު ކުރެވުނީ އޭނާ މަރު ވި ފަހުން، 1960 ވަނަ އަހަރުއެވެ.
1960 ވަނަ އަހަރުން ފެށިގެން، ޔުއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތް ކޮންމެ ހަތަރު އަހަރުން އެއް އަހަރު ޤަވާޢިދުން ބޭއްވެއެވެ. މުބާރާތް ކެންސަލް ކުރެވުނީ ހަމައެކަނި 2020 ގައެވެ. އެއީ ކޮވިޑު-19 ޢާލަމީ ވަބާގެ ސަބަބުންނެވެ. 2020 ވަނަ އަހަރުގެ މުބާރާތް ވެސް، ކޮވިޑާ ގުޅިގެން ލަސް ކުރެވުމަށް ފަހު، ޖެހިގެން އައި 2021 ގައި ބޭއްވުނެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ "ޔޫރަޕިއަން ނޭޝަންސް ކަޕް" މި ނަމުގައެވެ. "ޔުއެފާ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް" މި ނަން ތަޢާރަފު ކުރެވުނީ 1968 ގެ މުބާރާތާ އެކުގައެވެ.
މިހައިތަނަށް ބޭއްވުނު ޔުއެފާ ޔޫރޯގެ ސޯޅަ މުބާރާތުގައި، ޔޫރަޕުގެ 36 ޓީމެއް ކުޅެފައި ވެއެވެ. އޭގެ ތެރެއިން، މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ 10 ޓީމަކަށެވެ. މި ފަހަރުގެ މުބާރާތަށް ޖޯރޖިއާ ފުރަތަމަ ފަހަރަށް ކޮލިފައި ވެފައި ވާތީ، މި ފަހަރު ހިމަނައިގެން ގުނާ ނަމަ، މުބާރާތަށް ކޮލިފައި ވެފައި ވާ ޓީމުތަކުގެ ޖުމުލައަކީ 37 އެވެ.
މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން، ޖަރުމަން ޔޫރޯގައި 1972، 1976، 1980، 1984، އަދި 1988 ގައި ކުޅެފައި ވަނީ ހުޅަނގު ޖަރުމަނުގެ ގޮތުގައެވެ. ފަހުން، ހުޅަނގު ޖަރުމަނާއި އިރުމަތީ ޖަރުމަނު އެއްކޮށްލުމަށް ފަހު، ހުޅަނގު ޖަރުމަނުގެ ރިކޯޑުތައް ވަނީ ޖަރުމަނަށް ދެވިފައެވެ. ރަޝިއާ ވެސް އެންމެ ފުރަތަމަ މުބާރާތް ކުޅެފައި ވަނީ، އަދި 1960 ގައި މުބާރާތް ކާމިޔާބު ކުރީ އެހެން ދައުލަތެއްގެ ގޮތުގައި – ސޮވިއެޓް ޔޫނިއަން – އޮވެގެންނެވެ.
ސްލޮވޭކިއާ އާއި ޗެކް ރިޕަބްލިކް މިހާރު ދެ ގައުމެއްގެ ގޮތުގައި އަދި ދެ ޓީމެއްގެ ގޮތުގައި ޔޫރޯގައި ވާދަ ކުރިޔަސް، ކުރީން މިއީ އެއް ގައުމެކެވެ. 1960 އާއި 1992 އާ ދެމެދު ބޭއްވުނު ޔޫރޯ މުބާރާތްތަކުގައި އެ ގައުމު ވާދަ ކުރީ ޗެކޮސްލޮވޭކިއާގެ ނަމުގައެވެ. 1976 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރީ ވެސް ޗެކޮސްލޮވޭކިއާއެވެ. 1992 ވަނަ އަހަރު ޗެކޮސްލޮވޭކިއާ ރޫޅިގެން ދިޔަ އިރު، އެ ގައުމުގެ ރައްޔިތުންނާއި ސަރަޙައްދު ޗެކް ރިޕަބްލިކް އަދި ސްލޮވޭކިއާ މި ދެ ޤައުމަށް ބަދަލު ވީއެވެ. ޔުއެފާއިން ވަނީ 1976 ގެ ޗެމްޕިއަންކަމުގެ ރިކޯޑު މި ދެ ގައުމަށް ވެސް ދީފައެވެ. މިއިން ކޮންމެ ގައުމެއްގެ ރިކޯޑުގައި އެއް ރަން މެޑެލް އޮންނަ ސަބަބަކީ މިއީއެވެ.
ޔޫރޯގެ ފުރަތަމަ ތިން ދަހަރުގެ ތެރޭގައި، މުބާރާތުގެ ކާމިޔާބު އެއް ޓީމަކީ ޔޫގޮސްލާވިއާއެވެ. އެ ޓީމު ފަސް މުބާރާތެއްގައި ކުޅެފައި ވާ އިރު، 1960 އާއި 1968 ގައި މުބާރާތުގެ ރަނަރއަޕް ޓީމަކީ ވެސް ޔޫގޮސްލާވިއާއެވެ. 1992 ވަނަ އަހަރު ޔޫގޮސްލާވިއާ ރޫޅިގެން ދިޔުމަށް ފަހު، އެ ގައުމުގެ ރައްޔިތުންނާއި ސަރަޙައްދު އެތައް ގައުމަކަށް ބެހިގެން ދިޔައެވެ. އޭގެ ތެރެއިން، ޔޫރޯ މުބާރާތަށް ކޮލިފައި ވެ މުބާރާތުގައި ކުޅެފައި ވަނީ ކްރޮއޭޝިއާ، ސާރބިއާ، ސްލޮވީނިއާ، އަދި ނޯދަރން މެސެޑޯނިއާއެވެ. ޔޫރޯ މުބާރާތް ކުޅުނު ޤައުމުތަކުގެ ލިސްޓުތަކުގައި ވަރަށް ގިނަ ފަހަރު ޔޫގޯސްލާވިއާ ހިމަނައިފައި ނޯންނާތީ، ގިނަ ލިސްޓުތަކުގައި ހިމެނޭނީ 36 ގައުމެވެ. "ވަން ގައިޑް" ގައި 37 ހަމަ ކޮށްފައި ވަނީ ވަކި ގައުމެއްގެ ގޮތުގައި ޔޫގޯސްލާވިއާ ގުނައިގެންނެވެ.
ޔޫރޯ ފައިނަލަށް ދަތުރު ކުރި ޓީމުތަކުގެ ތެރެއިން، މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފު ލިބިފައި ނުވަނީ ޔޫގޯސްލާވިއާ، ބެލްޖިއަމް، އަދި އިންގްލެންޑަށެވެ. މި ތިން ގައުމަކީ ވެސް ޔޫރަޕުގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތަކެވެ. ޔޫގޯސްލާވިއާ ފަހުން ރޫޅި، ވަކިވަކި އެތައް ގައުމަކަށް ވެގެން ދިޔަ ކަމުގައި ވިޔަސް، ބެލްޖިއަމާއި އިންގްލެންޑަކީ މިހާރު ވެސް ކޮންމެ ޔޫރޯއެއްގައި މެ، މުބާރާތް ކާމިޔާބު ކޮށްފާނޭ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރެއިން ދެ ޓީމެވެ. ޚާއްސަކޮށް، މި ފަހަރުގެ ޔޫރޯ ފެށޭ އިރު، މުބާރާތުގެ އެންމެ މޮޅު ޓީމެއްގެ ގޮތުގައި ފެންނާނީ އިންގްލެންޑް ކަމަށް އެތައް ބަޔަކު ދެކެއެވެ.
ޔުއެފާ ޔޫރޯ އަބަދުވެސް ބޭއްވެމުން އަންނަނީ، ޔޫރަޕުގެ ހުރިހައި ޤައުމެއްގެ ޓީމުތަކަށް ވެސް މުބާރާތުގައި ބައިވެރި ވުމަށް ޓަކައި ކޮލފައިން ބުރެއް ކުޅުމުގެ ފުރުޞަތު ދީގެން، އެ ކޮލިފައިން ބުރުން އެންމެ ރަނގަޅު ނަތީޖާތައް ނެރޭ ވަކި ޢަދަދެއްގެ ޓީމުތައް މުބާރާތުގައި ކުޅޭ އުޞޫލުންނެވެ. ކޮލިފައިން ފަހަނައަޅައި މުބާރާތާ ހަމަޔަށް ގޮސް، މުބާރާތުގައި ކުޅޭ ޓީމުތަކުގެ ޢަދަދަށް ތާރީޚުގައި އެކި ފަހަރުފަހަރު މަތީން ބަދަލު ގެނެވިފައި ވެއެވެ.
1960 އިން ފެށިގެން 1976 ވަނަ އަހަރާ ހަމަޔަށް، މުބާރާތުގައި ކުޅުނީ 4 ޓީމެވެ. 1980 އިން ފެށިގެން 1992 ވަނަ އަހަރާ ހަމަޔަށް، 8 ޓީމެވެ. 1996 އިން ފެށިގެން 2012 އާ ހަމަޔަށް، 16 ޓީމެވެ. 2016 އިން ފެށިގެން މުބާރާތުގައި ކުޅޭ ޓީމުތަކުގެ ޢަދަދަކީ 24 އެވެ.
މުބާރާތުގައި 4 ޓީމު ކުޅުނު އިރު، ކޮލިފައިން ބުރު އިންތިޒާމު ކުރެވިފައި އޮންނަނީ ކޮންމެ ގުރޫޕެއްގައި 4 ޓީމު ހިމެނިގެން ކުޅެ، އޭގެ ތެރެއިން މުބާރާތަށް ކޮލިފައި ވާ 4 ޓީމު، މުބާރާތުގައި ފުރަތަމަ ވެސް ސެމީ ފައިނަލް ކުޅޭ ގޮތަށެވެ. ދެ ލެގު ހިމެނޭ ސެމީ ފައިނަލް ބުރަކަށް ފަހު، ދެން އޮންނަނީ ފައިނަލް މެޗެވެ.
މުބާރާތުގައި 8 ޓީމު ކުޅޭން ފެށީއްސުރެ، މުބާރާތް ބާއްވަނީ 4 ޓީމުގެ ގުރޫޕުތަކަކަށް ޓީމުތައް ބަހައިލައިގެންނެވެ. ފުރަތަމަ ކުޅެނީ ގުރޫޕް ސްޓޭޖެވެ. އެޔަށްފަހު، ގުރޫޕްތަކުން އެންމެ ރަނގަޅު ހޯދާ ޓީމުތައް ނޮކައުޓް ބުރުތަކަށް ދަނީއެވެ. ޓީމުތައް ގިނަ ވާ ވަރަކަށް، ނޮކައުޓް ބުރުތައް ވެސް ގިނަ ވެއެވެ. މިހާރު ނޮކައުޓް ތިން ބުރު ކުޅެއެވެ. އެއީ "ރައުންޑް އޮފް 16" ގެ ނަމުގައި ކުޅޭ ބުރާއި، ކުއާޓަރ ފައިނަލް ބުރާއި، ސެމީ ފައިނަލް ބުރެވެ. މި ތިން ބުރު ނިމޭ އިރު، ސެމީ ފައިނަލް ބުރު ކާމިޔާބު ކުރާ ދެ ޓީމު މުބާރާތުގެ ފައިނަލުގައި ކުޅެނީއެވެ. ފައިނަލް ކާމިޔާބު ކުރާ ޓީމަކީ، ފެށުނީއްސުރެ މިއަދާ ހަމަޔަށް ވެސް، މުބާރާތުގެ ޗެންޕިއަން ޓީމެވެ.
ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރީންގެ ލިސްޓު ތިރީގައި އެވަނީއެވެ.