ރިޕޯޓް

ފޯރިގަދަ ސަގާފީ އީދަކަށް ބ. ތައްޔާރު، އަވަހަށް ދަމާ ހިނގާ!

ބޮޑު އީދު މިއޮތީ ޖެހިފައެވެ. ނުވަ ދުވަހުގެ ބޮޑު އީދު ޗުއްޓީ މިއަދު ފެށުނު އިރު، އެއް ބަޔަކު ފޮށި ތަންމަތި ބަންދުކޮށްގެން އީދަށް ރަށްރަށަށް ފުރައިފިއެވެ. އަނެއް ބަޔަކު މިއަދާއި ކުރިއަށް އޮތް ދުވަސްތަކުގައި ފުރުމަށް ވަނީ ތައްޔާރުވެފައެވެ. ދެން ތިބީ ދާނެ ތަނެއް ނޭނގިފައި، ގޮތެއް ނުނިންމިފައި ތިބި މީހުންނެވެ. ހާސްނުވާށެވެ. މިފަހަރު ސަގާފީ އީދަކަށް ބ. އަތޮޅު ތަޖުރިބާ ކޮށްލަން ވަރަށް ސަޅި ވާނެއެވެ.

ބ. އަތޮޅަށް ހާއްސަކޮށް ބޭނުންކުރާ އެއް ބަސްކޮޅަކީ "އިޓްސް ބެޓާ އިން ބާ"އެވެ. އެއީ ހަމަ އަސްލުގައިވެސް ބ. އަތޮޅު ސަޅިވީމައެވެ. ގުދުރަތީ ގޮތުންނާއި ސަގާފަތާއި ތާރީހަށް ބެލި ކަމަށްވީ ނަމަވެސްއެވެ. ކުޅިވަރާއި ސަގާފަތްތައް ދިރުވުމުގައި ވެސް ނަމޫނާ އަތޮޅެކެވެ. ބ. އަތޮޅަކީ އަބަދުވެސް އެންމެ ފޯރިގަދަކޮށް، ސަގަފީ އަދި އިހުގެ ސަގާފަތްތައް ދަމަހައްޓައި އީދު ފާހަގަކުރާ އެއް އަތޮޅެވެ. މިއަހަރުވެސް ފުރިހަމަ ބޮޑު އީދަކަށް މުޅި ބ. އަތޮޅު އޮތީ ތައްޔާރަށެވެ. މިއޮތީ އެންމެ ފޯރިގަދަ ރަށްތަކުގެ ލިސްޓެވެ.

ކެންދޫ

މިފަހަރު އެންމެ ފޯރީގައި އީދު ފާހަގަކުރުމަށް ރާވާފައިވާ އެއް ރަށަކީ ކެންދޫއެވެ. ދެ އަވަށުގެ ރައްޔިތުން ގުޅިގެން މިފަހަރު މިވަނީ ބޮޑު އީދަށް ވަރަށް ކުރީއްސުރެ ވެސް ތައްޔާރުވާން ފަށައިފައެވެ. ސަގާފީ އެތައް ހަރަކާތްތަކެއްގެ އިތުރުން އިންޑިއާގެ ގްރޫޕަކުން މިފަހަރު ޝޯއެއް ހުށަހަޅައިދޭނެއެވެ. އެރަށުގައި އީދު ފެށުމަށް ހަވާވެސް އަރުވާނެއެވެ. އަދި ހުރިހާ ކުޅިވަރެއް ވީޓީވީއިން ލައިވްކޮށް ދައްކާނެއެވެ. އޭގެ އިތުރުން ދެން އީދުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ލިސްޓަކީ:

  • ތަކުބީރު ކިޔުން ރަށުގެ ބޮޑެތި މަގުތަކުގައި
  • އީދު ވެދުމާ ދިއުން
  • ހަވާ އެރުވުން
  • އީދު ސައި
  • އުލްހިޔާ ކަތިލުން
  • ކުޑަކުދިންގެ ބަބުލް ޝޯ
  • ފިރިހެނުންގެ ދަފި
  • އަންހެނުންގެ މާފަތި
  • ސްޓޭޖް ޝޯ (ބަނޑިޔާ، ޖާދޫ، ލަވަސެޓް)
  • ފިރިހެނުން ކޯޑި ފޮރުވުން
  • ކޯޑި ހޯދުން - އަންހެނުން
  • އަންހެނުން ކޯޑި ކުޅުން
  • ފިރިހެނުން ދޭ މެންދުރުގެ ކެއުން
  • ވާދެމުން
  • އަންހެނުންގެ ދަފި
  • ސްޓޭޖް ޝޯ (ބަނޑިޔާ، ލަވަސެޓް، ބޮޑުބެރު)
  • އަންހެނުން ކޯޑި ފޮރުވުން
  • ނާ ހެދުން
  • ފިރިހެނުން ކޯޑި ހޯދުން
  • ނަވުން މީހުން ފޭބުން
  • ފިރިހެނުން ކޯޑި ކުޅުން
  • އަންހެނުންގެ މެންދުރު ކެއުން
  • މިކްސް ރޭސް
  • ފިރިހެނުންގެ ދަފި
  • ސްޓޭޖް ޝޯ (އިންޑިއާ މިއުޒިކް ބޭންޑް)
  • އެކިއެކި ކުޅިވަރު
  • މާލި ނެށުން
  • ފަން ގޭމްސް
  • ވަދާއި ސްޓޭޖް ޝޯ

ކުޑަރިކިލު

ކުޑަރިކިލަކީ ސަގާފީ ކުޅިވަރުތަކުގެ ޖަގަހައެކެވެ. އެރަށް ހާއްސަވާ ސަބަބުތައްވެސް ގިނައެވެ. އެރަށުގައި ޖަހާ ތާރަ އާއި ދަތްޕަކީ ރާއްޖޭގެ އެހެން ރަށްރަށަކުން ނުފެންނާނެ ތަފާތު ދެ ހަރަކާތެވެ. ސަގާފީ އެ ދެ ކުޅިވަރަކީ އެރަށުގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ފޯރިގަދަ އަދި އެހާމެ ރީތި ދެ ކުޅިވަރެވެ. އޭގެ އިތުރުން އެރަށުގެ ބަނޑިޔާ ގްރޫޕަކީ ނަން މަޝްހޫރު ގްރޫޕެކެވެ. މިފަހަރުވެސް އެރަށް އޮތީ ބަނޑިޔާ ޖެހުމާއި ސަގާފީ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އީދު ވެދުމާ ދިއުން
  • ސަގާފީ ނައިޓް
  • ބޮޑު ހުޅު ޖެހުން
  • އީދު ސައި
  • ބޮޑު މާލި ނެރުން
  • އަންހެނުންގެ ދަފި
  • ބަނޑިޔާ ޖެހުން
  • ފިރިހެނުންގެ ކޯޑި
  • ކަލަލިމްޕިކްސް
  • އަންހެނުންގެ ލަނގިރި
  • ބޮޑުބެރު ޝޯ
  • އަންހެނުންގެ ކޯޑި
  • ބީޗް ކުޅިވަރު
  • ފިރިހެނުންގެ ދަފި
  • ކޯޑި ކެނޑުން
  • އަންހެނުންގެ ފަންކޯޑި/ ގުދުއައިމިނަ
  • މިކްސް ދަފި
  • އަންހެނުންގެ މާލި
  • ކުރުފަލި
  • ބޮޑުމަސް ބޭނުން
  • ފިރިހެނުންގެ ފަންކޯޑި

ފުޅަދޫ

ފުޅަދޫގައި މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ވަނީ ވަރަށް ކުރިންސުރެ ތައްޔާރުވެފައެވެ. އެގޮތުން "އީދޭމީ ފުޅަދޫ" ޝިޔާރުގެ ދަށުން އީދު ފާހަގަ ކުރުމަށް ރަށުގެ ރައްޔިތުން ގުޅިގެން ވަނީ މަސައްކަތްތައް ފަށައިފައެވެ. ސަގާފީ އެތައް ކުޅިވަރުތަކެއް ދައްކާލުމަށް އެރަށް އޮތީ ތައްޔާރަށެވެ. އެގޮތުން ދަފިނެގުމާއި ބޮޑުބެރުގެ އިތުރުން ބޮޑުމަސް ނެރުންފަދަ ސަގާފީ އެތައް ކުޅިވަރެއް އެރަށުން މިފަހަރު ފެންނާނެއެވެ. މީގެ އިތުރުން ފައިސާގެ އިނާމުތަކާ އެކުބޮޑު މަޝްރޭހެއް ވެސް ވަނީ ރާވައިފައެވެ. އޭގެ އިތުރުން އެރަށުގައި މިފަހަރު އީދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް ހަރަކާތްތަކަކީ:

  • އީދު ވެދުމާ ދިއުން
  • އީދު ހުޅުޖެހުން
  • އީދު ސައި
  • ތިން މުގޯލި
  • ކޮއްކޮ ގޮނޑި
  • ދަފި ނެގުން
  • ބޮޑުމަސް
  • ދަތިރޭސް
  • މާލި ޕެރޭޑް
  • ކޯޑި ނެރުން
  • ސްޓޭޖް ޝޯ
  • ކޯޑި ކެނޑުން (އަންހެން)
  • ކޯޑި ހޯދުން (އަންހެން)
  • ކޯޑި ކެނޑި މީހާ ހޯދައި ޝަރީއަތް ހިންގައި އަދަބު ދިނުން
  • ވާދެމުން
  • ކުޑަކުދިންގެ މާލި
  • ކުޑަކުދިންގެ ދަފި
  • މަސްރޭސް
  • ސްޓޭޖް ޝޯ
  • ޑިނާ ނައިޓް، ލައިވް މިޔުޒިކާއެކު

ކަމަދޫ

އަބަދުވެސް ކުލަ ގަދަކޮށް އީދު ފާހަގަކުރަމުން އަންނަ ކަމަދޫގައި، މިއަހަރުވެސް ވަނީ އީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި ޒުވާނުންގެ އެތައް ހަރަކާތްތަކެއް އެރަށުން މިފަހަރު އީދުގައި ފެނިގެންދާނެއެވެ. އޭގެ ތެރެއިން ބައެއް ކުޅިވަރުތަކަކީ:

  • ސްޓޭޖް ހުޅުވުން/ މެހެމާނުންނަށް މަރުހަބާ ކިޔުން
  • އީދު ސައި
  • ކުރިދަނޑި އަދި ފަތިގަނޑު ނެށުން
  • އަންހެނުންގެ ބިލެއް ދަފި
  • ސްޓޭޖް ޝޯ - 1
  • މާފަތީގެ ހަރަކާތްތައް
  • ފަތްމާލި ނެރުން
  • ދެ ޖިންސްގެ ދަފި ނެގުން
  • ބޮޑުމަހުގެ ކުޅިވަރު
  • ކުޅިވަރު ހާލި
  • އަންހެނުންގެ ކޯޑި ހެދުމަށް ހުއްދަ ހޯދަން ދިއުމާއި އަގު ކިޔަން ދިއުން
  • ފިރިހެނުންގެ ކޯޑި ކުޅިވަރު
  • ސްޓޭޖް ޝޯ - 2
  • އަންހެނުންގެ ކޯޑި ކުޅިވަރު
  • ކޯޑި ކެނޑި މީހުންގެ ޝަރީއަތް
  • ދެލިމާލި ނެރުން
  • ފެންކުޅި
  • ޝްޓޭޖް ޝޯ - 3

ދަރަވަންދޫ

މިދިޔަ ފަހަރު އެންމެ ކުލަ ގަދަކޮށް އީދު ފާހަގަ ކުރި އެއް ރަށަކީ ދަރަވަންދޫއެވެ. އެރަށް މިފަހަރު ވެސް އީދު ބޮޑުކޮށް ފާހަގަ ކުރުމަށް ވަނީ ތައްޔާރުވެފައެވެ. އެގޮތުން މާލޭގެ މަޝްހޫރު ގްރޫޕްތައް މިފަހަރު ދަރަވަންދުއަށް ޝޯ ކުޅުމަށްދާ އިރު، ފޯރިގަދަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ. މިފަހަރު ވެސް އީދު ފެށުމަށް އެރަށުގައި ހަވާ އަރުވާނެއެވެ. އޭގެ އިތުރަށް އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކަކީ:

  • ހަވާ އެރުވުން
  • އީދު ސައި
  • ފެންކުޅި
  • ފިރިހެނުންގެ މާލި
  • ފަތްމިނި ބޮޑުބެރު ގްރޫޕްގެ ސަގާފީ ހަރަކާތްތައް
  • ކުޑަކުދިންގެ ހަވީރު
  • ތާރަޖެހުން
  • ޖާދޫގެ ޝޯ
  • ކޯޑި ހިނގުން
  • ޗަނބޭލީ ބޮޑުބެރު ގްރޫޕްގެ ސަގާފީ ހަރަކާތްތައް
  • އަންހެނުންގެ މާލި
  • ވާދެމުން
  • ރައްޔިތުންގެ ބާބަކިއު

މީގެ އިތުރުން އަތޮޅު ވެރިކަންކުރާ ރަށް، އޭދަފުއްޓާއި ކިހާދޫ އާއި ދޮންފަނާއި މާޅޮހުގައިވެސް ސަގާފީ އެތައް ކުޅިވަރަކާއި އިތުރު ހަރަކާތްތަކާއެކު ފޯރިގަދަ އީދެއް ފާހަގަކުރަން އަންނަނީ ތައްޔާރުވަމުންނެވެ. ހުރިހާ ރަށެއްވެސް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރަށެވެ.

އަތޮޅަށް ދާނީ ކިހިނެއް

ބ. އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓް އޮންނަނީ ދަރަވަންދޫގައެވެ. ދަރަވަންދުއަށް ތިން އެއާލައިނަކުން ދަތުރުކުރެއެވެ. އެއީ މޯލްޑިވިއަން، މަންޓާ އަދި ފްލައިމީއެވެ. ކޮންމެ އެއާލައިނަކުން ދުވާލަކު މަދުވެގެން ތިން ފްލައިޓް އޮންނަ އިރު، އަގުތައް އުޅެނީ 700 އާއި 1،500 އާ ދެމެދުގައެވެ.

މި އަތޮޅަށް ސްޕީޑް ލޯންޗްތަކުގެ ދަތުރުތައް ވަރަށް ގިނަވާނެއެވެ. އެގޮތުން މާލެއިން ބ. އަތޮޅުގެ ރަށްތަކަށް ލޯންޗްގައި ދަތުރުކުރެވޭނެ އަގުތައް އުޅެނީ 350 އާއި 700އާ ދެމެދުގައެވެ. މީގެ އިތުރުން މުދާ އުފުލާ ބޯޓުގައި ވެސް ދާން ބޭނުންވާ ރަށަށް ދެވިދާނެއެވެ. އަދި ބ. އަތޮޅަކީ ރިސޯޓުތައް ގިނަ އަތޮޅެއް ކަމުން، ދާން ބޭނުންވާ ރަށާ ކައިރީގައި އޮންނަ ރިސޯޓަށް ސީޕްލޭންގައި ވެސް ދެވިދާނެއެވެ.

އީދަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުގެ ގިނަ ރަށްރަށުގައި ހުރިހާކަމެއް އިންތިޒާމުކޮށް، ވިލަރެސް ކުރަނީ އެރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. ކައުންސިލްތަކުން ޓީމްތައް އެކުލަވާލައި އެރަށްރަށުގައި ތަފާތު ބޮޑު އީދެއް ފާހަގަކުރުމަށް ފޯރިއާއެކު އަންނަނީ ތައްޔާރުވަމުންނެވެ. މުޅި އަތޮޅު އޮތީ އީދަށް މަރުހަބާ ކިޔަން ވަރަށް ފޯރީގައެވެ. މިފަހަރު ބ. އަތޮޅު އޮތީ ފުރިހަމަ ބޮޑު އީދަކަށް ރަނގަޅަށްވެސް ތައްޔާރަށެވެ. އީދަށް ބ. އަށް ދާން ހަމަ ވަރަށްވެސް ސަޅިވާނެއެވެ. "އިޓްސް ބެޓާ އިން ބާ"އެވެ.