ބޮލީވުޑް

ބޭންގް ބޭންގް ގެ ސީކުއިލްއެއް އުފައްދަނީ

ދެހާސް ސާދައިގައި ނެރުނު ފިލްމު ބޭންގް ބޭންގް ގެ ސީކުއިލެއް އުފައްދަން ނިންމައި، އެފިލްމާ ރިތިކް ރޯޝަން ގުޅިއްޖެއެވެ.

ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމު ބޭންގް ބޭންގް ގައި ރިތިކާއެކު ލީޑްރޯލުން ފެނިގެން ދިޔައީ ކެޓްރީނާ ކައިފެވެ. ފިލްމަށް ވަނީ 340 ކްރޯޑްގެ އާމްދަނީއެއް ލިބިފައެވެ. އެއީ އެއަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

މިވަގުތު ރިތިކް ރޯޝަން މަސައްކަތް ކުރަމުން އަންނަނީ ޖުލައި 26 ގައި ނެރެން ހަމަޖައްސައިފައިވާ ފިލްމު "ސުޕާ 30" ގެ މަސައްކަތެވެ. މީގެ އިތުރުން ޓައިގާ ޝްރޮފްއާއެކުވެސް ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރިތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ފިލްމު "ޤާބިލް" އިންނެވެ. އެ ފިލްމަކީވެސް ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ.

ސިދްއާތް އާނަންދް ޑައިރެކްޓް ކުރާ ފިލްމް ބޭންގް ބޭންގް ގެ ސީކުއިލް ގައި ލީޑް ރޯލުން ފެނިގެންދާނެ ބަތަލާގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ފިލްމު އުފައްދާ ފަރާތުން އަންނަނީ ކެޓްރީނާއާ ވާހަކަ ދައްކަމުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ފިލްމަށް ކިޔާނީ "ބޭންގް ބޭންގް ރީލޯޑް" އެވެ.

"ބޭންގް ބޭންގް" އަކީ 2010 ގައި ނުކުތް ހޮލީވުޑް ފިލްމު ނައިޓް އެންޑް ޑޭ ގެ ރީމޭކެކެވެ. އެ ފިލްމުގައި ފެނިގެން ދަނީ ޓޮމް ކްރޫޒް އަދި ކެމެރޮން ޑިއާޒްއެވެ.