އަހްމަދު ރިޒްވާން (ރިޒޭ) އާއި މުޙައްމަދު ނާއިމްގެ ހެޓްރިކާއެކު ކްލަބް އީގަލްސް އިން ނިލަންދޫގެ މައްޗަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އީގަލްސް އިން މި މެޗު ކާމިޔާބުކުރީ 0-8 ގެ ބޮޑު ނަތީޖާއަކުންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމު ބައްދަލުކުރި މެޗުން އީގަލްސް މޮޅުވީ 2-7 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް އީގަލްސް ނިކުތީ އެޓީމުގެ މުޙިއްމު މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ނުލައެވެ. އޭނާ ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައެވެ.
އީގަލްސްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 23 ވަނަ މިނެޓުގައި ހުސައިން ޝިފާޢު (ކުރޯ) ގެ ފަރާތުންނެވެ. މިއީ ރިޒޭ ތަނަވަސްކުރި ފުރުޞަތެއްގައި އޭނާ
ކަމިޔާބުކުރި ލަނޑެކެވެ. މިލަނޑާއެކު އީގަލްސް އިން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުކޮޅުގެ ތެރޭގައި އީގަލްސް އިން ވަނީ ގާތްގާތު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިމް އާއި ބިދޭސީ ކުޅުންތެރިޔާ ކޮމިލޯވް އެވެ. ނާއިމް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ދެވަނަހާފު ފެށިގެން މާގިނައިރެއްނުވެ ރިޒޭ ވަނީ ގާތްގާތު ދެލަނޑު ކާމިޔާބުކޮށް ނަތީޖާ 0-6 އަށް ބަދަލުކޮށްލާފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ރިޒޭވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ލީގުގައި އެންމެ ފަހުން އޭނާ ކުޅުނު 5 މެޗުން ހެދި 4 ވަނަ ހެޓްރިކެވެ. ނާއިމް ވެސް ވަނީ މެޗުގެ 88 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކްވެސް ފުރިހަމަ ކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ މުޙައްމަދު ނާއިމް އެވެ. މި މޮޅާއެކު އީގަލްސް އޮތީ 23 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގައެވެ.
ލީގުގައި މިއަދު ހަވީރު ވާދަކުރާނީ ޓީސީ އާއި ވިކްޓަރީއެވެ. މިރޭގެ މެޗުގައި ނިއުރޭޑިއަންޓު ނިކުންނާނީ ފޯކައިދޫ އާއި ދެކޮޅަށެވެ.