މުޙައްމަދު ޝަމްޢޫން
ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސާފަށް ދޭން ޖެހޭ ފައިސާތައް ނުދީ އޮތް މައްސަލަ ބޮޑުވެ، އެކަމުގެ ޝަކުވާ އެންމެފަހުން ބޭއްވި ކޮންގްރެސްގައި އުފުލައިފިއެވެ.
އެންމެފަހުން ބޭއްވި ސާފް ކޮންގްރެސްގައި ރާއްޖެއިން ފައިސާ ނުދޭ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސާފާއި ރާއްޖެއާ ދެމެދު ވަނީ އެކަމުގައި ނުތަވަސްކަންވެސް އުފެދިފައެވެ. ގިނަ މުހުލަތުތަކެއް ދީގެންވެސް ރާއްޖެއިން މިހާތަނަށް ސާފަށް ފައިސާ ދައްކާފައި ނުވާ އިރު، އެންމެފަހުން ބޭއްވި ކޮންގްރެސްގައި ރާއްޖެއަށް ފިޔަވަޅު އަޅަންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާއަށް ދޭން ޖެހޭ އިނާމު ފައިސާ އާއި މުބާރާތުގައި ޓީމުތައް ބައިވެރިވާން ދެއްކި ފައިސާ އަދި މުބާރާތުން ސާފަށް ދައްކަން ޖެހޭ ފައިސާވެސް އަދިވެސް ރާއްޖެއިން ދައްކާފައެއް ނުވެއެވެ. މީގެ ކުރިން މުހުލަތުތައް ދީގެންވެސް ރާއްޖެއަށް އެ ފައިސާ ދެއްކިފައި ނުވުމުން، އެ ފައިސާ ދެއްކޭނީ ކޮންއިރަކުންތޯ އިއްޔެ ރާއްޖޭގެ އެފްއޭ ރައީސް ބައްސާމް އަދީލް ޖަލީލާ ސާފުން ވަނީ ސުވާލުކޮށްފައެވެ.
ޖިނާއީ ތަހުގީގެއް ހިންގެމުންދާތީ ޕާސްޕޯޓް ހިފަހައްޓާފައި ހުރުމުން ބައްސާމް ސާފްގެ ކޮންގްރެސްގައި ބައިވެރިވެލެއްވީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ. ބައްސާމް ވިދާޅުވެފައި ވަނީ ރާއްޖެއިން ސާފަށް ފައިސާ ދައްކާނެ ކަމަށާއި އެ ފައިސާ ދެއްކޭނީ އެފްއޭއެމްގެ އިންތިހާބު ފަހުން، ދެތިން މަހަށް ފަހުގައި ކަމަށެވެ.
ބައްސާމްގެ ބަހަށް މިހާރު ސާފަށް އިތުބާރު ނުހިފޭ ކަމަށް ބައެއް ސަރަހައްދީ ނޫސްތަކުގައި ބުނެފައިވާ އިރު، ރާއްޖޭގެ އެފްއޭގެ އެ މައްސަލައަށް އޭއެފްސީ ވައްދަންވެސް މިހާރު އެހެން ގައުމުތަކުން ވަނީ ނިންމައިފައެވެ. އަދި އެ މައްސަލައިގައި ސާފްގެ ބައެއް މުބާރާތްތަކުން ރާއްޖެއަށް ފުރުސަތު ނުދޭންވެސް ވާހަކަ ދައްކާފައިވާ އިރު، އެކަމަށް ސާފު ގޮތެއް ސާފްގެ ހިންގާ ކޮމިޓީން ނިންމާފައެއް ނުވެއެވެ.
ރާއްޖޭގައި މިހާރު އޮތް ފުޓުބޯޅަ އެސޯސިއޭޝަންގެ އެކްސްކޯގެ މުއްދަތު އަންނަ މަހު ދެވަނަ ދުވަހަށް ހަމަވާނެއެވެ. އެ ހާލަތުގައި އެފްއޭ އޮތް ނަމަވެސް، އަދިވެސް އިންތިހާބެއް ބޭއްވޭނެ މާހައުލެއް ތަނަވަސްވެފައެއް ނުވެއެވެ. މީގެ ކުރިން ދެ ފަހަރަށް ބާއްވަން އުޅުނު އިންތިހާބުވެސް ބޭއްވިފައިނުވާ އިރު، އެ އިންތިހާބުތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް ތަފާތު ގޮތްގޮތުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.
އެ ތުހުމަތުތައް ބެލުމަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ހިމެނޭ ޓީމެއް ދާދިފަހުން ރާއްޖެ އައިސްފައިވެއެވެ. މިހާރު އެފްއޭއެމްއިން އިންތިޒާރު ކުރަމުންދަނީ އެޓީމުގެ ޖަވާބަކަށެވެ.