ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މުހީތު މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެރޭ މެންދަމު 1:50 އެހާކަށްހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮތް ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.
އެމައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.
އެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގައި ކްރިމިނަލް ކޯޓުން ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އަދި މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފައެވެ. އެކަމަކު ކުށް ސާބިތުވި ދެ މީހުންނަށް އަދި ހުކުމެއް ކަނޑައެއް ނާޅައެވެ.
މުހީތުގެ މަރާ ގުޅިގެން 18 އަހަރު ނުވާ ތިން ކުއްޖެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ ކުއްޖަކު މެރުމަށް 2013 ވަނަ އަހަރު އެ ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.