އިބްރާހިމް ޒަކީ
މިހާރު މިއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ފާހަގަ ވަނީ އިގްސޯދީގޮތުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މާލީ ނިޒާމު ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޭނާ ހާމަ ކޮށްދެއްވި ތަސައްވުރުންވެސް އެކަން އިތުރަށް ހާމަވެގެންދެއެވެ.
އާ މަޖިލީހާއެކު މާލިއްޔަތު ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ނިންމުމަށް މިދިޔަ ހަފުތާގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމު ވަނީ އޭނާގެ ތަަސައްވުރު ނިކަން ރަނގަޅަށް ހާމަކޮށްދެއްވައިފައެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭން ބަލައިގަނެފައިވާ ރިޔާސީ ނިޒާމު އެންމެ ކައިރި ކުރަނީ އެމެރިކާއި އޮންނަ ނިޒާމާ ކަމަށެވެ. ނަމަވެސް އެ ނިޒާމުގައި ހިމެނޭ އެންމެ މުހިއްމު ބައި ރާއްޖޭގައި ހިމެނިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އެމެރިކާގެ ވެރިކަމުގެ ނިޒާމުގައި ހިމެނޭ އެންމެ މުހިއްމު އެއްސިފަ އަޅުގަނޑުމެންގެ މަޖިލިސް ތެރެއަކު ނެތް، އެމެރިކާގައި މި ހުންނަނީ ގޮންގްރެޝަނަލް ބަޖެޓް އޮފީސް ކިޔާ އޮފީހެއް، ވަކި ޕާޓީއަކަށް ބުރަނުވެ އެއްވެސް ޕާޓީއެއްގެ ފަހަތަށް ނުޖެހި އެ އޮފީހުން ސަރުކާރުގެ ފައިސާއާބެހޭ ހުރިހާ މައުލޫމާތުތަކެއް ބަލަހައްޓާނެ، އެހެންކަމުން އަޅުގަނޑަށް ފެނޭ އަޅުގަނޑުމެންގެ މަޖިލީހުގައި އެފަދަ އޮފީހެއް، ބަޖެޓް އޮފީހެއް، މާލިއްޔަތާބެހޭ އޮފީހެއް ވުޖޫދަށް ގެންނަން،" ނާޒިމު ވިދާޅުވިއެވެ.
އެގޮތުން ނާޒިމް ވިދާޅުވީ، އެފަދަ އޮފީހެއް ގާއިމް ކުރުމުގެ ސްޓަޑީއެއް ހެދުމަށް މަޖިލީހުގެ ރިޔާސަތުން މިހާރު ކައުންސެލް ޖެނެރަލަށް ދަންނަވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ އާ ގަވާއިދު އެކުލަވާލައި ނިންމާލާއިރު އޭގެ ތެރެއަށް އެކަންތައް ލެވޭތޯ ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އޭނާ ފާހަގަ ކުރައްވާ ބަޖެޓް އޮފީހަކީ ބައިޕާޓިޝަން އޮފީހެއް ކަމަށާއި އެ އޮފީހުގައި ހުންނާނީ ޑިރެކްޓަރުގެ މަގާމުގައި ހުންނަ މީހެއްކަމަށެވެ. އެފަދަ އޮފީހެއް އުފައްދައި ޕްރޮފެޝަނަލް މުވައްޒިފުން ލައިފިނަމަ ދެން ވާނެ ގޮތް ވެސް ނާޒިމް ވަނީ ކޮމިޓީއާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ނާޒިމް ވިދާޅުވީ، މިހާރު ވެސް މަޖިލީހަށް އިންތިހާބުވެވަޑައިގެން ތިއްބެވި މެންބަރުންނަށް، ގައުމުގެ އިގްތިސޯދާއި މާލީ ހާލަތު އޮތް ހިސާބެއް، އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެފަދަ އޮފީހެއް އުފައްދައިފައި އޮތުމުން، އެ ހުރިހާ މައުލޫމާތެއް އެ އޮފީހަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގާނޫނުންނާއި ގަވާއިދުގައި ކަނޑައަޅައިގެން އެ މައުލޫމާތުތައް ހޯދުމާއި ބެލެހެއްޓުމާއި، އެ މައުލޫމާތުތައް ބޭނުންވާ ކޮންމެ މެންބަރަކަށް ފޯރުކޮށްދިނުން އެ އޮފީހުގެ މައްޗަށް ލާޒިމް ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ އޮފީހަކީ ޕީއެންސީވެގެން ނުވަތަ އެމްޑީޕީ ވެގެން، މެންބަރުންނަށް މައުލޫމާތު ދޭންޖެހޭ އޮފީހެއް ނޫން ކަމަށެވެ. އެ މައުލޫމާތުތައް އެއްކޮށްފަ، މަޖިލީހުގެ ކޮންމެ މެންބަރަކު އެދިވަޑައިގަތަސް ސައްހަ މައުލޫމާތު، އަދާހަމަ ތެދު މައުލޫމާތު އެ އޮފީހުން ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. ގައުމުގެ ހައްގުގައި އެއީ ކުރަން ޖެހޭ ކަމެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"މިހާރު މިސާލަކަށް 2026 ވަނަ އަހަރަކީ މާލީގޮތުން ވަރަށް ބުރަ އަހަރެކޭ އަޅުގަނޑުމެން މިކިޔާއިރު އެހެންވީ ކިހިނެއް ވެގެންތޯ، އެހެންވީ މީގެކުރިން 2020 ގައި 2022 ގައި ދައްކަން ޖެހޭ ބޮންޑުތައް މިހިރީ ކޫޕަން ލާރިކޮޅު ދައްކާލައިފަ ދެއަހަރު ދުވަހަށް ފަސްކޮށްފަ، އެއާއެއްކޮށް އަހަރެއްގެ ތެރޭގައި ސަރުކާރުން ދައްކަން ޖެހޭ ދަރަނި މިއުޅެނީ 500 މިލިޔަން ޑޮލަރުގައި އެކަމަކު މިހާރު އެ ދަރަނި 1.1 ބިލިޔަން ރުފިޔާއަށް އަރައިފަ އޮތީ 200 މިލިޔަންގެ ބޮންޑަކާއި 200 މިލިޔަންގެ ސުކޫކަކާ، އެގޮތަށް ފަސްކުރީމަ އިންތިހާބަށްފަހު އެ އެއްޗެހި މެޗުއާވާގޮތަށް އެއޮތީ ހަދައިފަ، އެހެންވީމާ ކްރޭޝް ވެއޭ އަޅުގަނޑުމެން މިކިޔަނީ،"
އެހެންވީމަ އެކަންކަން ދަނީ އެގޮތަށް ކަން އެ އޮފީހަށް ބެލެން ޖެހޭނެ ކަަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އިކޮނޮމިސްޓުންނާއި ފައިނޭޝަލް އެނަލިސްޓުން ބޭނުން ކޮށްގެން، ސަރުކާރުން ހުށަހަޅާ ޕޮލިސީތަކުން ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ ބެލުމަކީ ވެސް އެ އޮފީހުގެ ވެރިއޔަކަށް ހުންނަ މީހެއްގެ މަސްއޫލިއްޔަތެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
"މިސާލަކަށް ޓެކްސްއެއް ބޮޑުކުރަން ހުށަހަޅައިފިއްޔާ އޭނާ ބުނެދޭނެ ހުރިހާ ޕާޓީތަކަށްވެސް ހުރިހާ މެންބަރުންނަށްވެސް މި ޓެކްސް ބޮޑުކޮށްފިއްޔާ ވާނީ މިހެންނޭ، އޭނާގެ ބުނުން ވާނީ މުސްތަގިއްލު ބުނުމަކަށް، އޭރުން ދުރާލައި ކަންކަން އެނގިގެންދާނެ، މިސާލަކަށް އެ ޕޮލިސީ ތަންފީޒު ކޮށްފިއްޔާ ވާނީ މިހެންނޭ އޭނަ ބުނާނެ،"
އެކަމުގެ ސަބަބުން ކަންކަން ރަނގަޅުވެގެންދާނެ ގޮތުގެ ބައެއް މިސާލުތައްވެސް ނާޒިމު ވިދާޅުވެދެއްވިއެވެ. އޭގެ ތެެރެއިން އެއް މިސާލެއްގެ ގޮތުގައި ނާޒިމް ފާހަގަ ކުރެއްވި އެއް މައްސަލައަކީ، ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލައެވެ. އެފަދަ އޮފީހެއް ގާއިމުކޮށްފައި ހުރިނަމަ އެ މައްސަލައިގައި ވެގެންދާނެ ގޮތް އެ އޮފީހުން ބުނެދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އޮފީހެއް ހުރިނަމަ އެފަދަ ކަންކަން ނުހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެފަދަ ކަންކަމުގައި އަބަދުވެސް ބަލަނީ އެ ލާރިކޮޅު ހޯދަން ދައުވާ ކުރެވޭތޯ، އެކަމަކު މަކަރާއި ހީލަތް ހަދައިފަ އެއްޗެހި ނުދިނީމަ ހަމަ ކީއްވެތޯ ޖިނާއީ ދައުވާ ނުކުރެވެންވީ އެ ލާރި ލިބުނު މީހާ ރެޑް ނޯޓިސް ދީގެން ކީއްވެގެންތޯ ނުގެނެވެންވީ،"
ނާޒިމް ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި އެއްވެސް މެންބަރަކު ޕާޓީ މަސްލަހަތު ނުވަތަ އަމިއްލަ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަމަށެވެ. ކޮންމެ މެންބަރަކުވެސް އިސްކުރަން ވާނީ ގައުމުގެ މަސްލަހަތު އަދި މާލިއްޔަތުގެ މަސްލަހަތު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަޖެހޭ ހަމަ ގައުމުގެ ހައްގުގައި ވަރަށް އިހްލާސްތެރި ތެދުވެރި މަސައްކަތެއް މި މަޖިލީހުގައި ކުރަން، ނުކޮށްފިއްޔާ އަތުނުވާ ހިސާބަށް ގޮސްގެން އަޅުގަނޑުމެން ލަންކާ ދިޔަމަގުން ގޮސްފި ކަމަށްވަންޏާ އަޅުގަނޑުމެން އެ ޒިންމާ ނަގަން ޖެހޭނީ، އެ ކަންބޮޑުވުން އޮތީމާ ބޭނުން މުސްތަގިއްލު އޮފީހެއް ގާއިމްކޮށް ވަގުތުން ވަގުތަށް މިކަން ވާނެގޮތެއް ހަދަން،"
ނާޒިމްގެ އަނެއް ތަސައްވުރަކީ ރާއްޖޭގެ މާލީ ހާލަތާއި އިގްތިސޯދީ ހާލަތާބެހޭ މައުލޫމާތު ސިއްރު ނުކޮށް އެކަމުގެ ތެދު މައުލޫމާތު ފިނޭންސް މިނިސްޓްރީން އާއްމުކޮށް ހާމަ ކުރުމެވެ. އޭނާ ވިދާޅުވީ، ގައުމު ރަނގަޅު ކުރެވޭނީ އެކަންކަމާބެހޭ ފުރިހަމަ ތެދު މައުލޫމާތު ލިބި، އެކަމުގައި ހުރި މައްސަލަތަކާ ކުރިމަތިލައިގެން ކަމަށެވެ. އެހެންކަމުން އެކަންކަމުގެ ތެދު މައުލޫމާތު ހާމަކޮށްދިނުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވިއެވެ.
"އެހެންކަމުން އަޅުގަނޑު ހުށަހަޅާ ކަމަކީ މިހާރު މާލީ ހާލަތު އޮތްގޮތް އެބަޖެހެއޭ ދެނެގަންނަން، ފުރަތަމަ ކަމަކަށް ކޮމިޓީގެ ހުރިހާ މެންބަރުން ތިއްބަވައިގެން ތެދު މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވަން، އޭރުން އެނގޭނެ މަސައްކަތް ފަށާއިރު އަޅުގަނޑުމެންނަށް ތިބެވުނު ހިސާބު، އަޅުގަނޑުމެން ތިބި ހިސާބު އެނގެންޏާ ދެން ދާންވީ ގޮތެއްވެސް، ވާންވީ ގޮތެއްވެސް، ކުރަންވީ ކަމެއްވެސް އެނގޭނީ،"
ނާޒިމް ވިދާޅުވީ، މިހާރު ކަން ވާގޮތަކީ ސަރުކާރުތަކުން ބައެއް މައުލޫމާތު ދިން ނަމަވެސް އަނެއްބައި މައުލޫމާތު ހާމަނުކޮށް ބަހައްޓާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށްދިއުމަކީ ގަބޫލު ކުރައްވާ ކަމެއްނޫން ކަމަށާއި، ބޭނުންވެވަޑައިގަންނަވަނީ ދެފުށް ފެންނަ ރީތި ވެރިކަމެއް ކުރައްވަން ކަމަށްވެސް ވިދާޅވިއެވެ.
"ފިނޭންސް މިނިސްޓަރަށް ދަންނަވަން މިއަދުގެ އިގްތިސާދީ ހާލަތު އޮތްގޮތް، އަޅުގަނޑުމެންނަށް ރަނގަޅު ތަސައްވުރެއް ދެއްވާށޭ، ދެން އަނެއްކާ ކުރިމަގުގައި ހުރި ގޮންޖެހުންތަކާއި ކަންތައްތައް ހައްލުކުރަން ރާވާފަ އޮތް ގޮތެއް އަޅުގަނޑުމެންނަށް ދެއްވާށޭ، ދެން އަޅުގަނޑުމެން ނިންމަން ޖެހޭ ނިންމުމެއްމީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީޑިއާއަށްވެސް ހުޅުވާލައިގެން ރައްޔިތުންނަށްވެސް ފެންނަ ގޮތަށް މައުލޫމާތުދިނުން ބާއްވަން ވާނީ، އެއްވެސް ކަމެއް ސިއްރު ކުރާނެ ކަމެއްނެތް، ދެން އަޅުގަނޑުމެން ކައިރީގަ ސިއްރު ވާހަކައެއް ބުނަން ބޭނުންވެއްޖެއްޔާ އެފުރުސަތު ދޭނީ، އެހެންނޫނީ ހަމަ ރައްޔިތުންގެ ކުރިމަތީގައި ތެދުބަހުން ވަރަށް ތިލަކޮށް މިވާހަކަތައް އެބަޖެހޭ ކިޔައިދެން،"
ނާޒިމް ވިދާޅުވިގޮތުގައި ރައްޔިތުންގެ އުއްމީދުތައް ބިނާވަނީ އެބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި ދެއްވާ މައުލޫމާތުގެ މައްޗަށެވެ. އެގޮތުން ޕްރޮޖެކްޓްތައް ހިނގާނެތޯ ނުވަތަ ނުހިނގާނެތޯ، ރަށްރަށުގެ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.
"އިންތިހާބުތަކުގެ މޫސުން މިހާރު މިއޮތީ ނިމިފަ، އެހެންވީމަ އަޅުގަނޑުމެން ހިނގާށޭ ރައްޔިތުން ކައިރީގައިވެސް ބުނަމާ ހަމަ ހަގީގަތާ ކުރިމަތިލާށޭ، ރިޔަލިޓީއާ ކޮންފްރޮންޓްކުރަން ދަސްކުރަންވީއޭ، އެހެންނޫނިއްޔާ އަޅުގަނޑުމެނަށް އޮތީ ހަމަ ބަނަ ދުވަސްތަކެކޭ، އެހެންވީމާ އެ މަންޒަރު އަޅުގަނޑުމެނަށް ސިފަވާނީ އެ މަންޒަރު ރަނގަޅަށް އަޅުގަނޑުމެނަށް ތަސައްވުރު ކުރެވޭނީ ހަމަ ފިނޭންސް މިނިސްޓްރީންވެސް ހަމަ ރަނގަޅު މަންޒަރު ދެއްކެވީމަ،"
ނާޒިމް ވިދާޅުވީ، ރާއްޖޭގެ އަސްލު މަންޒަރު މަޖިލިސް މެންބަރުން ސާފުކުރުމަކީ ރައްޔިތުންގެ ހައްގުގައިވެސް އަދި ގައުމުގެ ހައްގުގައިވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ނާޒިމުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުގެ އިގްތިސާދީ ކަންތައްތަކާއި މާލީ ކަންކަން ބައްޓަންކުރަމުންދާގޮތެވެ. އެކަމުގެ ސަބަބުން ވެދާނެ ގެއްލުންތައް ވެސް ނާޒިމު ވަނީ ސަމާލުކަމަށް ގެންނަވައިފައެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި ހަމަ ލަންކާވެސް ފެއިލްވެގެންދިޔައީ ހަމަ އޭރު ތިބި ތިބުނާ އެންމެ ގާތް ގައުމުތައްވެސް، ޗައިނާވެސް އޮތް، އިންޑިއާވެސް އޮތް، މި ހުރިހާ ގައުމުތަކަކުންވެސް ހަމަ ވާނެ އެއްޗެއް ވާން ދޫކޮށްލީ، ސަބަބަކީ އިގްތިސޯދެއްގައި ހިމެނޭ އަސާސީ ކަންތައްތައް ރަނގަޅު ނޫން ކަމަށްވަންޏާ އެމީހުންވެސް ބުނަނީ އެއީ ހަމަ ރާބޯ މީހަކަށް ލާރިކޮޅެއް ދިނުން ކަހަލަ ކަމެކޭ، ލާރިކޮޅު ދިނީމަ ގޮސް ބޯލައިފަ އަނެއް ދުވަހުވެސް އަންނާނެއޭ ލާރިކޮޅު ބަލައި،" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ގައުމުތަކަށް، ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން މިހާރު އެހީގެ ފައިސާ ދޫނުކުރާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިޒަމާނުގައި ގައުމުތަކުގެ އެހީ ހޯދާނަމަ، ބައިނަލް އަގްވާމީ މުޖުތަމައު ގަބޫލުކުރާ އަސާސްތަކުގެ މައްޗަށް ގައުމުގެ އިގްތިސޯދު ބައްޓަން ކުރަން ޖެހެއެވެ.
"އެހެންވީމަ ސައުދީ އަރަބިއްޔާއިންވެސް ނުދޭ މިހާރަކު އެގޮތަކަށް ލާރިއެއް، ޕާކިސްތާނަކަށްވެސް ނުދިން އަދި މިސްރަކަށްވެސް ނުދިން، އެމީހުންވެސް މި ބުނަނީ އައިއެމްއެފާއި ވޯލްޑްބޭންކް ގަބޫލުކުރާ މިންގަނޑުތަކަށް އިގްތިސޯދުގެ އަސާސްތައް ހަމަޖެއްސީމަ ތިމަންނަމެންވެސް ކަލޭމެންނަށް ދޭންވާ ތާއީދެއް ދޭނަމޭ، އެގޮތަށް މިހާރުވެސް ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގައި ސައުދީ އަރަބިއްޔާއިން ބަހައްޓައިދީފަ އެބަހުރި ތިން ބިލިޔަން ޑޮލަރުގެ ޑިޕޮސިޓެއް، އެކަމަކު އެއީ އައިއެމްއެފާއި ވޯލްޑްބޭންކުން ބޯން ބުނި ހިތިބޭސް ބޯން އެއްބަސްވީމަ،"
ކަންތައްތައް އެގޮތަށް އޮތުމުން ނާޒިމް ވިދާޅުވީ، ވަގުތު ބޭކާރު ނުކޮށް، ގައުމު ބަނގުރޫޓު ވުމުމުގެ ކުރިން އަސްލު މަންޒަރު ހޯދައި، ދެނެގަނެ މިހާރުން މިހާރަށް މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގެ މަސައްކަތް ފެށުމަށް ޓަކައި ނޮވެމްބަރު މަސް އަންނަންދެން ނުތިބެ، މިހާރުން މިހާރަށް މަސައްކަތް ފަށަންވީ ކަމަށްވެސް ވިދާޅުވިއެވެ.
ގޯސްކޮށް ކަމެއް ވެއްޖެއްޔާ ރަނަގޅުކޮށް، ޓެކްސްއެއް ބޮޑުކުރަން ޖެހޭނަމަ އެކަމާބެހޭ ތެދު މައުލޫމާތު ރައްޔިތުންނަށް އޮޅުން ފިލުވައިދީ ވާންވީ ގޮތުގެ މަންޒަރު ސާކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ކޮންމެ ގޮތަކަށްބެލިނަމަވެސް، ނާޒިމްގެ ހުށަހެޅުއްވުންތައް ރަނގަޅެވެ. ތަސައްވުރުގެ އިތުރުން ފާހަގަ ކުރެއްވީވެސް މުހިއްމު ކަންބޮޑުވުންތަކެކެވެ. ނަމަވެސް ސުވާލަކީ އެ ކަންކަން ހަގީގަތަކަށްވެދާނެ ބާވައެވެ!