ޕީޕީއެމްގެ މައްސަލައިގައި ސިވިލް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެ ޕާޓީގެ ލީޑަޝިޕުން ނިންމާ ނިންމުންތައް ތަންފީޒު ނުކުރުމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.
ނަދީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ މެމްބަރުންނާއި ޕާޓީގެ އެކިއެކި މަގާމުތަކަށް އިންތިހާބުވެފައިވާ އެތަކެއް ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މިއަދާ ހަމައަށްވެސް ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އަމަލު ކުރަމުންދާތީ އެކަމާ ޕާޓީގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެހެނިހެން އާންމު މެމްބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ބެއްލެވުމުގެ ދަށުން ޕާޓީގެ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަށް އަމުރުކުރި ނަމަވެސް، ޖަލްސާއެއް ބާއްވައި ކައުންސިލުން ނިންމާފައިވާ ނިންމުންތަކަކީ ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަން ނަދީމްގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ނަދީމްގެ ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމް އުފައްދަން 2011 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާއިން ފާސްކޮށް އަދި 2013 ގައި ބޭއްވުނު އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާއިން ޕީޕީއެމްގެ ރައީސްގެ ގޮތުގައި އިންތިހާބު ވެވަޑައިގެންނެވީ ރައީސް މައުމޫން ކަމަށާއި ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.