އުރީދޫ މޯލްޑިވްސް

ލާމު ފަން ރަން އާއި އުރީދޫގެ އިތުރު އިވެންޓްތަކަކަށް ޖޭ ޖޭ އޮކޯޗާ ރާއްޖެ އަންނަނީ

އުރީދޫން ޖުލައި މަހު ލ. ގަމުގައި ބާއްވާ ފަން ރަންގައި ބައިވެރިވުމުގެ އިތުރުން، ބައެއް ފުޓުބޯޅައާ ގުޅުން ހުރި އިވެންޓްތަކަށް، ނައިޖީރިއާގެ ފުޓުބޯޅަ ލެޖެންޑް އޮގަސްޓީން އަޒޫކާ "ޖޭޖޭ އޮކޯޗާ" ރާއްޖެ އަންނަކަން އިއުލާނު ކޮށްފިއެވެ.

ފުޓުބޯޅަ ތާރީހުގައިވެސް ފެނުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އޮކޯޗާ ރާއްޖެ އަންނަކަން އިއްޔެ އިއުލާނު ކޮށްފައިވާ އިރު، އޭނާ އަންނަނީ އުރީދޫގެ ޕާޓްނާއެއް ކަމަށްވާ ޕީއެސްޖީ މެދުވެރިކޮށެވެ. އޮކޯޗާގެ ދަތުރު ލާމުގައި ބާއްވާ ފަން ރަންއަށް ހާއްސަވާ ނަމަވެސް، އޭގެ ކުރިއަށް އޭނާއާ އެކު ފުޓުބޯޅައިގެ ހަރަކާތްތަކެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އުރީދޫން ވަނީ ނިންމައިފައެވެ.

އެގޮތުން މިހާރުވެސް އޮކޯޗާއާ އެކު ފުޓްސަލް މެޗެއް ކުޅެން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮންޓެސްޓެއް އުރީދޫން ހުޅުވާލާފައިވެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފުރުސަތަށް މަސައްކަތް ކުރަން އުރީދޫން ހުޅުވާލާފައިވާ އިރު، އޮކޯޗާއާ އެކު މެޗު ކުޅެން ބައިވެރިވެވޭނީ ނަސީބުން ހޮވޭ ފަސް ފަރާތަކަށެވެ.

އޭގެ އިތުރުން ޕީއެސްޖީގެ ކޯޗުންނާ އެކު އާންމުކޮށް ހުޅުވާލައިގެން އެކަޑެމީ ސެޝަންތަކެއް ނަގަންވެސް ވަނީ ނިންމައިފައެވެ. މާލެ ސަރަހައްދުގައި ޕީއެސްޖީ އެކަޑެމީން ދެ ސެޝަނެއް ކުރިއަށްގެންދަން ނިންމާފައިވާ އިރު، އެ ސެޝަންތަކުގައިވެސް އޮކޯޗާ ބައިވެރިވާނެއެވެ.

އޮކޯޗާއާ އެކު ލާމު ފަން ރަންއަށް ދާންވެސް ޕީއެސްޖީން ހާއްސަ ޕްރޮމޯޝަނަކަށް ހުޅުވާލާފައިވެއެވެ. ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއާ ފައިބާ އަދި ޕޯސްޓްޕެއިޑާއި ޕްރީޕެއިޑް ޕްލޭން، ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ޕްރޮމޯޝަންގައި އޮޓޮމެޓިކުން ބައިވެރި ވެވޭނެއެވެ. ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން، ދެ ނަސީބުވެރިއަކަށް އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ލާމަށް ދާން ފުރުސަތު ލިބޭނެއެވެ.

އޮކޯޗާއަކީ 1993 ވަނަ އަހަރުން 2006 ވަނަ އަހަރާ ހަމައަށް ނައިޖީރިއާ ގައުމީ ޓީމަށް ކުޅެ، 73 މެޗުން 14 ގޯލު ޖަހާފައިވާ ޗަރުކޭހަށް މޮޅު މިޑްފީލްޑަރެކެވެ. ޖަރުމަނުގެ ބްރޫޝިއާ ނިއުންކިރެޗެންއިން ކެރިއަރު ފަށައިގެން ފްރޭންކްފާޓާއި ފެނަބާޗޭއަށްވެސް ކުޅުނު އޮކޯޗާ ޕީއެސްޖީއަށް ކުޅުނީ 1998 އިން 2002 ވަނަ އަހަރަށެވެ. އެއީ 84 މެޗެވެ. އޭހެ ފަހުން އޮކޯޗާ ވަނީ ޕްރިމިއާ ލީގުގެ ބޯލްޓަން ވަންޑަރާސްއަށް 124 މެޗު ކުޅެފައެވެ. އޮކާޗާއަކީ އެފްރިކާ ތަރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.