ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 50

އަބްދުﷲ ފާރޫގް ހަސަން

(24 މެއިގެ އަދަދާ ގުޅޭ)

އިސްވެދެންނެވި ފަދައިން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު ވަނީ މަދީނާގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށްޓަކައި މަދީނާގެ އަހްލުވެރީންގެ މެދުގައި ނުހަނު އިންސާފުވެރި އެއްބަސްވުމެއް އެކުލައްވަވާލައްވައިފައެވެ. އިސްލާމީ ދައުލަތުން އެ މުޢާހަދާގެ ފިއްޔަކާ ނުވަތަ އަކުރަކާވެސް ޚިލާފެއް ނުވެއެވެ. އިސްލާމީ ދައުލަތުން އެ މުޢާހަދާޔަށް ޢަމަލުކުރައްވަމުން ގެންދެވިކަމުގައިވިޔަސް ޔަހޫދީންނަކަށް އެ ޢަހްދުގެ މައްޗަކު ދެމިއެއް ނުތިބެވުނެވެ. ޔަހޫދީންނަކީ ޣަދަރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ވަޢުދާ ޚިލާފުވުމުގެ ހާދިސާތަކުގެ ވާހަކަތަކުން އެބައިމީހުންގެ ތާރީޚު ފުރިފައިވާ ބަޔެކެވެ. ޔަހޫދީންނަކަށް އެބައިމީހުން އިސްލާމީ ދައުލަތާއެކު ސޮއިކޮށްފައިވާ މީޘާޤުގެ މައްޗަކުވެސް މާގިނަދުވަހަކު ދެމިއެއް ނުތިބެވުނެވެ. ދާދިއަވަހަށް އެބައިމީހުންވަނީ އެބައިމީހުންގެ މުސްކުޅި އާދަޔާ އެއްގޮތަށް އެނބުރިގެންފައެވެ. މުސްލިމުންގެ ސަފުތައް ރޫޅައިލައި ބައިބައިކުރުމާއި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ޖައްސައި ދެކޮޅުވެރިކަން ހިލުވައިލައި ހަނގުރާމަކުރުވާން މަސައްކަތް ފަށައިގެންފައެވެ. އިސްވެދިޔަ ޞަފުޙާތަކުގައި އަޅުގަނޑުވަނީ އޭގެ މިސާލެއް ބަޔާންކޮށްފައެވެ. އަޅުގަނޑު ގެނެސްދީފައިވަނީ ޔަހޫދީ ޢިލްމުވެރީންކުރެ އަބަހައްދަވެ ކަށްވަޅަށް ދެފައި ބައިލައިގެން އިން އަޖޫޒު މީހެއްކަމުގައިވާ شــاش بــــن قيـس އަންޞާރިއްޔަ ބޭކަލުންގެ މެދުގައި ރޯކޮށްލި ފިތުނައިގެ ހުޅުގަނޑެއްގެ ވާހަކައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ ކުރީންވެސް ދެންނެވި ފަދައިން ނުހަނު ޙިކުމަތްތެރިކަމާއެކު ނުހަނު އޮމާންކޮށް އެ މައްސަލަ ޙައްލުކުރައްވައިފައެވެ. ޔަހޫދީންނާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ.

ޔަހޫދީން އިސްލާމީ ދައުލަތުގެ އަމަންއަމާންކަން ނަގައިލައި ދައުލަތުގެ ހީރަސްކަނޑައިލާން ކުރި މަސައްކަތުގެ އިތުރަށް އިސްލާމީ ދަޢުވަތަށް ހުރަސްއަޅާންވެސް ވަނީ އެކިގޮތްގޮތުން މަސައްކަތް ކޮށްފައެވެ. ތަފާތު ރޭވުންތައް ރާވައި ޙަޤީޤަތާ ޚިލާފު އަޑުތައް އަރުވައިފައެވެ. ހަމައެފަދައިން ދީނަކީ ކުޅޭ ކުޅިވަރަކަށް ހަދާންވެސް އެވެރީން ލައްކަ މަސައްކަތް ކުރިއެވެ. އޭގެތެރެއިން އެއްކަމަކީ ހެނދުނު އިސްލާމްވެފައި ހަވީރު ކާފަރުވުމެވެ. އީމާންކަން ބަލިކަށި ސާދާ މިޒާޖުގެ މީހުންގެ އިސްލާމްކަން ދޭސީކުރުމަށްޓަކައެވެ. އެފަދަ މީހުންގެ ހިތްތަކަށް ޝައްކާއި ވަސްވާސް ވެއްދުމަށްޓަކައެވެ.

އެއްވެސް ޔަހޫދީއަކާ މުސްލިމަކާ ދެމެދު މާލީ މުޢާމަލާއެއް އޮތްކަމުގައިވާނަމަ އެކަމަކީ މުސްލިމު މީހާއަށް ކުރިމަތިކުރެވޭ ގުލްމާލަކަށް ހަދައިލާކަށެއް ފަހެއްނުޖެހެއެވެ. މުސްލިމަކާ ޔަހޫދީއަކާ ދެމެދު ލޭންދޭނެއް ކުރެވިފައި މުސްލިމު މީހާ ޔަހޫދީއަށް އެތިކޮޅެއްދޭން އޮވެއްޖެ ކަމުގައިވާ މުސްލިމް މީހާގެ މަޢީޝަތަށާއި ދިރިއުޅުމަށް ދަތިކޮށްލައެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނާއި މެންދުރާއި ހަވީރާއި ރޭގަނޑު ދަރަނިބަލައި އަންނަނީކަމުގައި ހަދައިފައި ބައިއެއްކޮށްގެން އައިސް މުސްލިމު މީހާ ނޭފަތުން ނޭވާލުން ޙަރާމްކޮށްލައެވެ. އަޅުގަނޑުވަނީ މިފަދަ ބައެއް މިސާލުތައް މި ސިލްސިލާގައި ބަޔާންކޮށްފައެވެ. އޭގެ އަނެއްކޮޅުން ޔަހޫދީއަކު މުސްލިމަކަށް އަދާކުރާންޖެހޭ ދަރަންޏެއް އޮވެއްޖެކަމުގައިވާނަމަ އެދަރަންޏެއް ނުދީ ހިފަހައްޓައެވެ. ޔަހޫދީ ބުނަނީ މިދަންނަވާގޮތަށެވެ. "އަހަރެން ކަލެޔަށް އަދާކުރާންޖެހޭ ދަރަންޏެއް އޮތީ ކަލޭގެ ކާބަފައިންގެ ދީންމަތީގައި ކަލޭގެ ހުރިއިރުއެވެ. އެކަމަކު ކަލޭ މިހާރު ކަލޭގެ ދީން ބަދަލުކޮށްފީމުއެވެ. އެހެންވީއިރު އަހަރެން ކަލެޔަށް ދޭންޖެހޭ ދަރަންޏެއްވެސް ނޯންނާނެއެވެ."

ޔަހޫދީންވަނީ މަދީނާގެ މީޘާޤާ ޚިލާފަށް މިބާވަތުގެ ނުބައި ނުލަފާ ހުރިހައިކަމެއް ވަރަށްކުރީން ފަށައިގެންފައެވެ. ބަދުރު ހަނގުރާމައިގެވެސް ކުރީން އެބައިމީހުން އެކަން ފަށައިފިއެވެ. ނަމަވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި އިތުރު ޞަޙާބީން ގެންދެވީ މިބާވަތުގެ ހުރިހައި ކަމަކަށްވެސް ކެތްކުރައްވަމުންނެވެ. ކެތްތެރިވެވަޑައިގަންނަވަމުންނެވެ. ޔަހޫދީން ހިދާޔަތު ލިބިގެންފާނެކަމަށް އުންމީދުކުރައްވައި ނަސޭހަތްޕުޅު ދެއްވަމުންނެވެ. ޚާއްޞަކޮށް މަދީނާގެ އަމަންއަމާންކަމަށް ބުރޫއެރިޔަ ނުދެއްވުމަށްޓަކައެވެ.

އަރަހުށި މާތް اللّــــه ބަދުރުގެ މައިދާނުގައި މުސްލިމުންނަށް ދެއްވި މަތިވެރި ނަޞްރާއި ޢިއްޒަތާއި ކީރިތިކަން ފެނި މަދީނާގެ ވަށައިގެން މުސްލިމުންގެ މަނަސް ހިނގައިގަތްތަން ފެނުމުން ޔަހޫދީންގެ ޢަދާވަތްތެރިކަމާއި ޙަސަދަވެރިކަމާއި ނީހައިގެ ތަވާ ކެކިއުތުރިގަތެވެ. ޔަހޫދީން ފާޅުގައި ދެކޮޅުވެރިކަން ފަށައިގެންފިއެވެ. މުސްލިމުންނަށް ދުއްޕާންކޮށް ދުއްތުރާކުރާން ފަށައިގެންފިއެވެ.

މަދީނާގައި ދިރިއުޅުނު ޔަހޫދީންގެ ތިން ޤަބީލާގެ މީހުންކުރެ އެންމެ ހިތްވަރުގަދަ އެންމެ ހަނގުރާމަވެރި ބަޔަކީ ޤައިނުޤާޢުވަންހައިގެ މީހުންނެވެ. އެންމެ ޒާތްނުބައި ބަޔަކީވެސް ޤައިނުޤާޢުވަންހައިގެ މީހުންނެވެ. އެބައިމީހުންގެ އަވަށްއޮތީ މަދީނާގެ އާބާދީގެ ތެރޭގައެވެ. އެބައިމީހުންގެ މަސައްކަތަކީ ކަނބުރުވެރިކަމާއި އަތްކަންކުރުމާއި ގެވެހިކަންވާރު ހެދުމާއި ފެހާމާނު ހެދުމެވެ. އެހެންކަމުން އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ފުދިފައި އިތުރުވާވަރަށް ހަނގުރާމައިގެ ހަތިޔާރު ހުރެއެވެ. ޤައިނުޤާޢުވަންހައިގެ ހަނގުރާމަވެރި ފިރިހެނުންގެ ޢަދަދަކީ ހަތްސަތޭކައެވެ. އޭގެތެރޭގައި ހިމެނެނީ ދަގަނޑުދަހަނާއެޅި ތިންސަތޭކަ މީހުންނާއި ދަހަނާ ނާޅާ ހަތަރުސަތޭކަ މީހުންނެވެ. ޔަހޫދީންނާއި މުސްލިމުންނާ ދެމެދު ކުރެވިފައިވާ މުޢާހަދާ އެންމެފުރަތަމަ އުވައިލީ އެބައިމީހުންނެވެ.

ކުރީންވެސް ދަންނަވައިލި ފަދައިން އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ބަދުރުގެ މައިދާނުގައި މުސްލިމުންނަށް ފަތަޙައާއި ނަޞްރު ދެއްވުމާއެކު ޤައިނުޤާޢުވަންހައިގެ މީހުން ނުކިއްސަރުކަމާއި ބޯހަރުކަން އިތުރުކޮށްލިއެވެ. ހަސަދަވެރިކަމުގައި އެއްދަރު މައްޗަށް ހިފައިލިއެވެ. އެބައިމީހުންގެ ނުލަފާކަމާއި ގޮތްދޫނުކުރުމާއި މުސްލިމުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމުގެ ޙަރަކާތް އިތުރަށް ފުޅާކޮށްލިއެވެ. މުސްލިމަކު އެބައިމީހުންގެ ބާޒާރަށް ވިޔަފާރި ކަމުދިޔަކަމުގައިވިޔަސް ޖެއްސުންކޮށް ފުރައްސާރަކުރާން ފަށައިފިއެވެ. ހުސްއެކަނި ފިރިހެނުންނަކަށެއް ނޫނެވެ. އެ ބާޒާރަށްދާ މުސްލިމު އަންހެނުންނާ މައްލަވަކޮށް ހުތުރު ސަމާސާކުރާންވެސް ފަށައިގެންފިއެވެ.

ޤައިނުޤާޢުވަންހައިގެ މީހުންގެ ނުބައިކަމާއި ނުލަފާކަން ޙައްދުން ނެއްޓުމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެބައިމީހުން އެއްކުރައްވައި ވަޢުޡު ވިދާޅުވެ ނަސޭހަތް ދެއްވިއެވެ. އިޞްލާޙުގެ މަގަށް ދަޢުވަތު ދެއްވިއެވެ. އަނިޔާވެރިކަމާއި ޣަދަރުވެރިވުމާއި ބަޣާވަތްކުރުމުން ނުކުމެދާނެ ދެރަ ނަތީޖާއާމެދު އިންޒާރު ކުރެއްވިއެވެ. އެކަމަކު ޔަހޫދީންގެ ނުބައިކަމާއި ކިބުރުވެރިކަންވީ އިތުރެވެ.

إمـــام أبـــوداؤد އާއި އެނޫންވެސް މުޙައްދިސުންގެ ބައެއް ބޭކަލުން إبـــــن عــبّـــاس رضـــى اللّـــه عـــنــــه ގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ބަދުރުގެ މައިދާނުގައި ޤުރައިޝުން ބަލިކޮށްލެއްވުމަށްފަހު މަދީނާއަށް އެނބުރިވަޑައިގެން ޤައިނުޤާޢުވަންހައިގެ ބާޒާރަށް އެބައިމީހުން އެއްކުރައްވައި ނަސޭހަތްދެއްވިއެވެ." އެވާހަކަފުޅުގެ ތެރޭގައި ޙަދީސުކުރެއްވިއެވެ. "އޭ ޔަހޫދީންގެ ޖަމާޢަތުގެ މީހުންނޭވެ! ބަދުރުގައި ޤުރައިޝުވަންހައިގެ މީހުންނަށް ލިބުނުކަހަލަ ބޮނޑިޔެއް ނުލިބެނީސް ތިޔަބައިމީހުން އިޞްލާޙުވެ އިސްލާމްވާށެވެ!" ޤައިނުޤާޢުވަންހައިގެ މީހުންގެ ވާހަކަ ހަރުކަށިވެފައި ހުތުރެވެ. އެމީހުން ޖަވާބުދިނެވެ.

"އޭ محـمّــد އެވެ! (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ކަލޭގެފާނު އަމިއްލަފުޅު ނަފުސަށް ކެހިނުދެއްވާށެވެ! ކަލޭގެފާނު ތިޔަ ކުރިމަތިލެއްވީ މައްކާގައި ދިރިއުޅޭ ކަލޭގެފާނުގެ ޤައުމު ކަމުގައިވާ ޤުރައިޝުވަންހައިގެ އަނދޮޅު އަންހެންދުޅާ މީހުންނާއެވެ! އެބައިމީހުންނަކީ ހަނގުރާމަޔަކީ ކޯންޗެއްކަންވެސް ދަންނަބައެއް ނޫނެވެ. ކަލޭގެފާނަށް ބަލިކުރެއްވުނީ އެބައިމީހުންނެވެ. ކަލޭގެފާނާ އަޅުގަނޑުމެންނާ ދެމެދު ހަނގުރާމައެއް ހިނގައިފިކަމުގައިވާނަމަ އަޅުގަނޑުމެންނަކީ މި މައިދާނުގެ ފިސާރި ފިރިހެނުންކަން އެނގިވަޑައިގެންފާނެއެވެ. ކަލޭގެފާނު އަޅުގަނޑުމެންނާ ހަނގުރާމަ ކުރައްވައިފި ކަމުގައިވާނަމަ ކަލޭގެފާނަކީ އަޅުގަނޑުމެންނާ ވަރުންއެޅޭ ފެންވަރުގެ ބޭކަލެއް ނޫންކަން އެނގިވަޑައިގެންފާނެއެވެ." އަރަހުށި މާތް اللّــــه ޔަހޫދީންގެ މި ބޮޑާ ބަސްތަކުގެ ޖަވާބުގައި ވަޙީކުރެއްވިއެވެ.

"ކާފިރުވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުއްޓެވެ. އަދި (އާޚިރަތުގައި) ތިޔަބައިމީހުން ނަރަކަޔަށް އެއްކުރައްވާހުއްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ! (ބަދުރު ހަނގުރާމައިގެ ދުވަހުގައި) ބައްދަލުވި ދެބައިމީހުން (ގެ ކަންތަކު) ގައި ހަމަކަށަވަރުން ތިޔަބައިމީހުންނަށް ޢިބުރަތެއްވެއެވެ. އެއްބަޔަކީ اللّــــه ގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ ކާފަރު ބަޔެކެވެ. އެއުރެންނަށް ލޮލަށް ސާފުކޮށް ފެންނަގޮތުގައި މުސްލިމުން ފެންނަނީ އެއުރެންގެ ދެގުނައަށެވެ. اللّــــه އެކަލާނގެ ނަޞްރުން ވާގިދެއްވަނީ، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށެވެ. ހަމަކަށަވަރުން، އެކަމުގައި، ބުއްދީގެ އަހްލުވެރީންނަށް ޢިބްރަތެއްވާކަން ޔަޤީނެވެ." (آل عــمــــــران: 12، 13)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މިދެ އާޔަތް އެބައިމީހުންނަށް އިއްވަވައިފައި ފޮނުއްވައިލެއްވިއެވެ. ޝައްކެއްނެތެވެ. ޤައިނުޤާޢުވަންހައިގެ މީހުން ދީފައިވާ ޖަވާބަކީ ނުހަނު ޞަރީޙުކޮށް ސާފުބަހުން ހަނގުރާމަ އިޢުލާން ކުރުމެކެވެ. ނަމަވެސް އެންމެ ކޯފާމަޑު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކޯފާ މަތަކުރެއްވިއެވެ. މުސްތަޤްބަލުގައި ޙާލަތު ބަދަލުވެގެން އަތުވެދާނެ ގޮތަކަށް އިންތިޒާރު ކުރައްވަމުން ގެންދެވިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހެޔޮނަސޭހަތްޕުޅާއި ރައްބާނީ އިންޒާރާ ވިދިގެންވެސް ޤައިނުޤާޢުވަންހައިގެ މީހުންގެ ފުއްޕުން ކުރީ އިތުރެވެ. ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއުރެންވަނީ މަދީނާގައި މީހުންއެއްކޮށްގެން އަމަންއަމާންކަން ނަގައިލާން މަސައްކަތެއް ކޮށްފައެވެ.

މި ހާދިސާގެ ތަފްސީލަށް ބަލައިލާއިރު إبــــن هـشــام، أبــــوعــــون رضـــى اللّـــه عــنـــــه ގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. ޢަރަބި އަންހެނެއް (ބާދިޔަތުގައި އުޅުއްވާ އަންޞާރިއްޔަ ބޭކަލެއްގެ އަނބިކަނބަލެއް) އެއްޗެހިތަކެއް ވިއްކަވާން (ކިރުވިއްކަވާން) ޤައިނުޤާޢުވަންހައިގެ ބާޒާރަށް ވަޑައިގެންނެވިއެވެ. އެކަމަނާ އެ ބާޒާރުގައި ވިޔަފާރިކުރާންއުޅޭ ޖައުހަރީއެއްގެ ދުއްކާނުގައި މަޑުކޮށްލެއްވިއެވެ. ބާޒާރުމަތީގައި އުޅޭ ޔަހޫދީންގެ ވަކަރުގޭ ކުދީންތައް އައިސް އެކަމަނާއާ ހުތުރު ސަމާސާކުރި ވާހަކައާއި އެކަމާވިދިގެން މުސްލިމުންނާއި ޔަހޫދީންނާ ދެމެދު އުފެދުނު ހަމަނުޖެހުމުގެ ވާހަކަ އަޅުގަނޑު ވަނީ ބަޔާންކޮށްފައެވެ.

(ނުނިމޭ)