ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލުގެ އައިސީޔޫގައި އޮންނަން ޖެހުނު 8 މަހުގެ ތުއްތު ކުއްޖަކާ މެދު އެ ހޮސްޕިޓަލުން އަމަލުކުރި ގޮތެއްގެ ސަބަބުން އެކުއްޖާގެ އަތުގެ އޮޕަރޭޝަނެއް ކުރާން ޖެހިދާނެ ކަމަށް އާއިލާއިން ބުނެއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ދައުރު ވީ ތުއްތު ކުއްޖެއްގެ އަތަށް އައިވީ ގުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ބުނާ ދެ ފޮޓޯއެކެވެ.
އެ ކުއްޖާގެ މަންމަގެ ކޮއްކޮއެއް ހިއްސާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ އެފަދަ ކަމެއް އަމިއްލަ އާއިލާއަށް ދިމާވުމުން ނޫނީ އެކަމުގައި ހުރި ވޭން އިހުސާސް ނުކުރެވޭނެ ކަމެވެ. ފޯސްޓު ހިއްސާކުރީ އެފަދަ ކަމެއް އިތުރު ކުއްޖަކަށް ވުން އެ އާއިލާއިން ނޭދޭތީ ކަމަށްވެސް ޕޯސްޓުގައި ބުނެފައިވެއެވެ.
އެ އާއިލާ އިން "ވަން" އަށް ބުނީ ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 8 މަހުގެ އެ ކުއްޖާ ގެންދިޔައީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުންދާތީއެވެ.
މި މަހުގެ 12 އިން 21 އާ ދެމެދު، އެ ކުއްޖާ ހުން އަންނާތީ، ފަސް ފަހަރު ދެއްކި ކަމަށް ބުންޏެވެ. ކުޑަކުދީންގެ ހާއްސަ ޑޮކްޓަރަށް ވެސް ދެއްކިއެވެ. އާންމު ބަލިތަކުގެ ޑޮކްޓަރަށްވެސް ދެއްވިއެވެ. އިމާޖެންސީއަށްވެސް ދެއްކިއެވެ. އަދި ތިން ދުވަސް ވުމުން ހުން އަންނަ ސަބަބު ބެލުމަށް ޓެސްޓްތައް ހެދުމަށް ވެސް އާއިލާއިން އެދުނެވެ. ނަމަވެސް ޓެސްޓުތައް ހެދުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން އިންކާރުކުރަމުންގެންދިޔަ ކަމަށް އާއިލާއިން ބުނެއެވެ.
"އާދައިގެ ރޯގާއެކޭ ކިޔާފަ ދޫކޮށްލަނީ. ފަސްފަހަރު މަތިން ގޮސްގެންވެސް ޓެސްޓު ނުހެދީމަ، އިއްޔެނޫން ކުރީދުވަހު ދައްތަ ނައީ ޓެސްޓު ހެދީމަ ނޫނީ ނުދާނަމޭ ކިޔައިގެން. ދައްތަ ނައީމަ ޓެސްޓު ހެދީ. ޓެސްޓު ހަދާފަވެސް އެގަޑީގަ އެޑްމިޓެއްވެސް ނުކުރޭ ހަމަ ގެއަށް ފޮނުވާލީ. އިމަޖެންސީކޮށް ގެންދިޔައީމަވެސް ޓެސްޓު ނުހަދާ." އާއިލާއިން ބުންޏެވެ.
ޓެސްޓުގެ ނަތީޖާ ލިބުނުއިރު ކުއްޖާ އޮތީ ހާލު ދަށްވެފައެވެ. ޑީހައިޑްރޭޓްވެ ލިވަރ ފަންކްޝަން ދަށަށް ގޮސް ޑެންގޫއަށް ޕޮޒިޓިވްވެ އިންފެކްޝަން އުފެދިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. އެހާ ހިސާބުން އައިސީޔޫއަށް ލިއެވެ. ނަމަވެސް ރަނގަޅު ނުވުމުން އިމާޖެންސީކޮށް މާލެ ގެންދަން އެންގުމުން ދަތުރަށް ތައްޔާރުވާން ގެއަށް ދިޔަ އެއްގަޑިއިރު ތެރޭ، ވީ ކިހިނެއް ކަމެއް ނުވަތަ ކުޅުދުއްފުށީ ހޮސްޕިޓަލުން އެ ވަގުތު ތުއްތު ކުއްޖާއަށް ދިން ފަރުވާއެއް ނޭނގޭ ކަމަށް އާއިލާއިން ބުނެއެވެ.
"އިމަޖެންސީކޮށް އެއާއެމްބިއުލަންސަށް އަރުވަން ލިފްޓަށް އެރުވި ގަޑީ ދައްތައަށް ފެންނަނީ ބެންޑޭޖު ކުޑަކޮށް ހުޅުވިލާފަ އޮތްގަޑީގަ ނޫފައިގަނެފައި އޮއްވާ. ފަހުން އެތަންކޮޅު ނައްޓާފަ ކްރީމް ހާކާފަ ފޮނުވީ. އެގަޑީގަ ލަސްވާތީ އައީ." އާއިލާއިން ބުންޏެވެ.
މާލެ ގެނައުމަށްފަހުވެސް ކުއްޖާ އޮންނާން ޖެހުނީ އައިސޫގައެވެ. އައިޖީއެމްއެޗުން ބެއްލެވި ޑޮކްޓަރުން ވިދާޅުވަނީ ކޮއްކޮގެ އަތަށް ލިބިފައިވާ އަނިޔާގެ އިންފެކްޝަން ރަނގަޅު ނުވާނަމަ އެ ތަން އޮޕަރޭޝަން ކުރަންޖެހިދާނެ ކަމަށް ކަމަށް އާއިލާއިން ބުނެއެވެ.
މި ހާދިސާ ހިނގައި ދިއުމުން އާއިލާއިން ވަނީ އެކަމާ ގުޅުން ހުރި ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ފޮޓޯއިން ފެންނަނީ ކުޑަކުއްޖެއްގެ އަތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ތަނެވެ.
"ލަފާކުރެވެނީ ކެނިއުލާއެއްގެ އިޝޫއެއް ކަމަށް. އެކަމާ ބެހޭ އިންޓާނަލް ރިވިއުއެއް ކުރިއަށް ގެންދަން ނިންމާފަ ވާނީ. އެކަމާ ގުޅުން ހުރި ނަރުހުން ނުވަތަ ޑޮކްޓަރުންގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅާނެ." ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މޫސާ "ވަން" އަށް ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ ޑިޕާޓްމަންޓަށް ރިކުއެސްޓް ކޮށްގެން މުޅި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކޮލިޓީ އިންޓާނަލް ރިވިއުއެއް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.