އިބްރާހިމް ޒަކީ
މި މެެއި މަހުގެ ނުވަ ވަނަ ދުވަސްވާ، އަންނަ ބުރާސްފަތި ދުވަހަކީ، ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މިމަހު ނުވަނަ ދުވަސް ކަމަށާއި، މިއަދާ ހަމައަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ އެންމެ ތިން ޕާޓީން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން ނުވަދިހަ ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް، އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ހިސާބުތަށް ހުށަހަޅާފައި ނުވާނަމަ ވިހިހާސް ރުފިޔާ އާއި ފަންސާސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ވަނީ ލިބިދީފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެ ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކުރަމް "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 90 ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުލައި ކަމަށާއި އެގޮތަށް ގުނުމުން 90 ދުވަސް ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަކުރަމް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށާއި، ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދޫކުރުމަށް އަންގާނީވެސް ރިޕޯޓު ހުށަހެޅުމުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުންގެ ދަފްތަރުގައި މިހާރު ނުވަ ޕާޓީއެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އެވެ.