ނޮވެމްބަރު 11 އަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާނެ ދުވަސް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑަނޭޅޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސްކަމުގެ ހުވާކުރުމުގެ ތާރީހެއް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމަށް ނޫން ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނަކަށް ނޮވެމްބަރު 11ގައި ހުވާކުރާކަށް ނުނިންމޭނެ. އެބޭފުޅުން މެންޑޭޓުގެ ތެރެއިން ވާހަކަދައްކަވާ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރުދުވަސް ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށާއި އެހެންވީމާ ރައީސް ޔާމީންގެ ވެރިކަމަށް ފަސް އަހަރު ހަމަވާނީ ނޮވެމްބަރު 17ގައި ކަމަށެވެ.
"ގާނޫނު އަސާސީގައި ނޯވޭ ވަކި ތާރީހެއްގައޭ ހުވާކުރަން ޖެހޭނީ. ރައީސް ޔާމީނުގެ ވެރިކަމަށް ފަސް އަހަރުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17ގައި،" އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު 11ގައި އިބޫ ހުވާކުރެއްވުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވުމާ ގުޅިގެން، ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެއީ މޫސަގެ އަމިއްލަ ހިޔާލެއް ކަމަށާއި ޕީޕީއެމްގެ ލީޑަޝިޕުން ގަބޫލުކުރަނީ ހުވާކުރެވޭނީ ފަސް އަހަރުގެ ދައުރުގެ ހަމަވުމުން ކަމަށެވެ.