އިދިކޮޅު ޕީޕީއެމްއަށް ދޫނުކޮށްހުރި، އަށް މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
އެ ފައިސާއަކީ، ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ޕީޕީއެމަށް ކަނޑައެޅި 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި ފައިސާއެވެ.
ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭން ކަނޑައަޅާފައި ހުންނަ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ނަމަވެސް ޕީއެމްއަށް ފައިސާ ދޫނުކޮށް ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ.
ޕީޕީއެމްގެ ކުރީގެ ރައީސް ކަމުގައި ގުންނެވި ކުރީގެ ރައީސް މައުމޫން އާއި ޕީޕީއެމްގެ މިހާރުގެ ރައީސް ކުރީގެ ރައީސް އަބުދުﷲ ޔާމީންއާ ދެމެދު ހިޔާލު ތަފާތުވި މައްސަލައިގައި ޕީޕިއެމްގެ ލީޑާޝިޕުން މައުމޫނު ދުރު ކުރުމުން ޕީޕީއެމް ހޯއްދެވުމަށް މައުމޫނު ކޯޓަށް ވަޑައިގެންނެވިއެވެ. ނަމަވެސް ކޯޓުގެ ހުރިހާ މަރުހަލާއަކުންވެސް ޕީޕީއެމްގެ ރައީސް އަކީ ޔާމީންކަމަށް ވަނީ ނިންމައިފައެވެ.
ކޯޓުގެ މަރުހަލާ ތަކުގެ އެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވެސްވަނީ އެ ފައިސާ ޕީޕީއެމްއަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.
އެފައިސާ ދޭނެކަން އަންގައި މީގެ ކުރިން ފިނޭންސް މިނިސްޓްރީން އެޕާޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ފައިސާ އަކީ 2018 ވަނަ އަހަރުގެ ފައިސާ ކަމަށްވުމާއެކު ފައިސާ ދިނުމަށް ލަސްވީ އެއީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަކަށް ނުވާތީ ކަމަށެވެ.
މި ފައިސާ ދޫކުރިކަން ޕީޕީއެމުން ކަށަވަރުވާނެ ގޮތެއް އަދި ވަނީ ނުވެފަ އެވެ.