ކޮންމެ އަހަރު ބާއްވަމުން އަންނަ ޗެރިޓީ އިވެންޓް މެޓް ގާލާ އިއްޔެވަނީ ކުލަ ގަދަކޮށް ބާއްވައިފައެވެ.
މިފަހަރުގެ މެޓް ގާލާގައި ބޮލީވުޑްގެ ދެ ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަޑުކޯން ބައިވެރިވެފައިވާއިރު ދެތަރިންގެ ލުކް އަދި ހެދުމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓް ގެ ފަރާތުން އަހަރަކު އެއް ފަހަރު ބާއްވާ މި ހަފުލާ އަކީ އެ މިއުޒިއަމަށް ފަންޑް ރެއިޒް ކުރުމަށް ބާއްވާ ހަފްލާއެކެވެ. އެންމެ ފުރަތަަމަ މެޓް ގާލާ ފެށީ 1948 ގައެވެ. އޭރު 50 ޑޮލަރަށް ވިއްކި ޓިކެޓް މިހާރު ވިއްކަމުން ދަނީ 35000 ޑޮލަރަށެވެ.
މިއީ މެޓް ގާލާގައި ޕްރިޔަންކާ ބައިވެރިވި ތިންވަނަ އަހަރެވެ. އަދި މިއަހަރު ޕްރިޔަންކާ މެޓް ގާލާއަށް ދިޔައީ ފިރިމީހާ ނިކް ޖޯނާސްއާވެސް އެކުގައެވެ. ޕްރިޔަންކާ އަދި ނިކް ގެ ހެދުމަކީ ފެޝަން ބްރޭންޑް ޑިއޯގެ ޑިޒައިނެކެވެ.
ޕްރިޔަންކާގެ ހެދުން ޑިޒައިން ކޮށްފައިވަނީ ބޮޑެތި ފަތާއި އެކި އެމްބެލިޝްމަންޓް ބޭނުން ކޮށްގެންނެވެ. ނިކް ލައިގެން ހުރީ ހުދު ކުލައިގެ ޕްރިސްޓައިން ސޫޓެކެވެ. ޕްރިޔަންކާގެ އިސްތަށިގަނޑު ހުރީ އެފްރޯ ކާލްސް ހެދުމަށްފަހު ކްރައުންއެއް ގޮތަށް ހުރި ހެޑްޕީސް އެއް އަޅާފައެވެ.
ޒެކް ޕޯސެންގެ ކަސްޓަމް ޑިޒައިން މެޓަލިކް ފިޔާތޮށި ހެދުމުގައި ދީޕިކާ ހީވަނީ ބާބީއެއްހެންނެވެ. ދީޕިކާގެ އިސްތަށިގަނޑު ހުރީ ފުފިފައި ހުންނަ ގޮތަށް އުސްކޮށް ޕޮނީޓެއިލްއެއް ގޮތަށް އައްސާފައެވެ.
ދީޕިކާގެ ހެދުމާ ގުޅޭ ގޮތުން ޑިޒައިނަރު ޒެކް ޕޯސެން ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ހެދުމުގައި ބޭނުން ކޮށްފައިވާ 408 އެމްބްރޮއިޑަރީ ޕީސް އަކީ މެޝިން އިން ޕީސްތައް ވަކިން ޕްރިންޓް ކުރުމަށްފަހު ވެކިއުމް މެޓަލައިޒްޑް ކުރުމަށްފަހު އަނެއްކާ ޕެއިންޓްކޮށްފައިވާ ޕީސް ތަކެކެވެ. އޭގެ ފަހުން ހެދުމުގައި އެ ހުރިހާ ޕީސްތަކެއް ގުޅުވުމަށް 160 ގަޑިއިރު ނެގި ކަމަށްވެއެވެ.
ދީޕިކާގެ ލުކް ފުރިހަމަ ކުރުމަށް އޭނާގެ ސްޓައިލިސްޓް ޓީމުން ވަނީ ގްލިޓަރީ އައި މޭކަޕެއް ކޮށް، ގަދަ ލިޕްސްޓިކެއް ތުންފަތުގައި ޖައްސާފައެވެ.
މިއަހަރުގެ މެޓް ގާލާ ތީމް އަކީ "ކޭމްޕް: ނޯޓްސް އޮން ފެޝަން" އެވެ. އެއީ 1964 ގައި އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ސޫސަން ސޮންޓޭޖް ލިޔެފައިވާ މަޒުމޫނެއް ކަމަށްވާ "ނޯޓްސް އޮން ކޭމްޕް" ގެ އިންސްޕްރޭޝަނެކެވެ.