މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް 1.1 މިލިއަން ޑޮލަރު ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިއަހަރުގެ ޖެނުއަރީން، މާޗްމަހުގެ ނިޔަލަށް ކުރިއަށްދިޔަ ފުރަމަ ކުއާޓާގެ މާލީ ހިސާބުތައް އެ ކުންފުނިން ހާމަ ކޮށްފައިވާއިރު، އާމްދަނީގެ ގޮތުގައި 1.1 މިލިޔަން ޑޮލަރު، ދިވެހި ރުފިޔާއިން ބަލާނަމަ 17 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މާލީ ހިސާބުތައްް ދައްކާގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން 6.6 މިލިއަން ރުފިޔާގެ ފައިދާއެއްވެފައިވާ އިރު، ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 5.6 މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކާއެކު ހުސްވި 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުވެސް އެމްޓީޑީސީން ވަނީ ނެރެފައެވެ.
ހުސްވި އަހަރުގެ ފަހު ކުއާޓަރުގައިވެސް އާމްދަނީގެ ގޮތުގައި 17 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. ނަމަވެސް ސާފު ފައިދާގެ ގޮތުގައި އެ ކުއާޓަރުގައި ލިބިފައިވާކަމަށް ދައްކަނީ، ފަހެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާއެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ރައްޔިތުންނަށް ފަސޭހައިން ލިބިދޭނެ ގޮތަކަށް އިންތިޒާމު ކުރުމަށް ސަރުކާރުން އުފައްދާ ފައިވާ ކުންފުންޏެކެވެ.
ފަނަރަ ރަށެއް ފަތުރުވެރިކަމުގެ ދާއިރާއަށް ތަރައްގީކުރުމަށް މި ކުންފުނި އުފައްދާފައިވަނީ، 9 އޭޕްރީލް 2006 ވަނަ އަހަރުއެވެ.
އެމްޓީޑީސީން ބުނެފައިވަނީ، ސަރުކާރުން ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ކަނޑައެޅު ނުވަ ރަށުގެ ތެރެއިން ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަރުހަލާގައިވާއިރު، ފަސްރަށެއް ރިސޯޓުގެ ގޮތުގައި ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި އަނެއް ހަތަރު ރަށުގެ ލީސް އެގްރީމެންޓް ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ.