އުރީދޫ މޯލްޑިވްސް

"އުރީދޫ ފަން ރަން" ޖުލައި މަހު ލާމުގައި، ރަޖިސްޓްރީވާން ހުޅުވާލައިިފި

އުރީދޫ މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ އުފާވެރި ދުވުން، "ފަން ރަން" ޖުލައި މަހުގެ ތެރޭގައި ލ. ގަމުގައި ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށް، ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

އުރީދޫ ފަން ރަން އަކީ އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެތައް ހަރަކާތެއްގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި "ފަން ރަން" ގައި 5000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ފަން ރަން ލާމު ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހުއެވެ. މި ފަހަރުގެ ފަން ރަންއަކީ ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައް ވެގެންދާނެއެވެ.

އުރީދޫ ފަން ރަންގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ފަން ރަންގައި މި ފަހަރުވެސް މަޖާ، ތަފާތު ހަރަކާތްތަކެއް ހިމެނޭ އިރު، ފަސް ކިލޯ މީޓަރުގެ ކުރުދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫން ބުނެފައި ވަނީ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގުކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ލާމު ފަން ރަންގެ ކިޓުތައް ލިބެން ހުރީ ދެ ކެޓަގަރީ އަކަށެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސަތޭކަ ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑެކެވެ. ދުއިސައްތަ ރުފިޔާއަށް ލިބޭ ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓުގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ލާމު އަތޮޅަށް މި ފަހަރުގެ ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ހުރިހާ އެންމެންނަށްވެސް މަޖާ، ގުޅިގެން ހަރަކާތްތެރިވެވޭނެ ފުރިހަމަ ހަރަކާތެއް ބޭއްވުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުންނަށް ރަންގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދޭން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

"ލާމު އަތޮޅަށް ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހުރިހާ އުމުރުފުރާއެއްގެ މީހުނަށް މަޖާ އަދި ގުޅުން ބަދަހި ކުރެވޭފަދަ ހަރަކާތެއް ބޭއްވުން. މިއީ ހަމައެކަނީ ދުޅަހެޔޮ ސިއްހަތަށް ކުރާ ކަމެއް ނޫން، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތައް ބޭއްވުމަކީ އުރީދޫ އިން އަބަދުވެސް މަސައްކަތްކުރާ ކަމެއް. މި އުފާވެރި ހަރަކާތުގައި ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރަން،" ސީއީއޯ ހަމާދީ ވިދާޅުވިއެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު 10 ޖޫން 2024 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ލާމު ފަން ރަން ރަޖިސްޓްރޭޝަން ލިންކް