"ދަރިފުޅާ....! ދަރިފުޅުގެ ކައިވެންޏަށް މީހަކު އެދިއްޖެ. ދަރިފުޅު ކައިވެނި ކުރަންވީނުން" ނާހިދުގެ ބޮލުގައި ފިރުމަމުން ހިޔާލަކަށް ގެއްލިފަ އިން ކަހަލަ ގޮތަކަށް އިނދެ އިނާޝާ ބުނެލިއެވެ. ނާހިދު ސިހިފައި އިނާޝާގެ މޫނަށް ބަލައިލިއެވެ. ދެމައިންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ދެލޮލުގައިވެސް އުފެދިފައި ހުރި ކަރުނަތައް އެކަކު އަނެކަކަށް ފެނުނެވެ.
"ދަރިފުޅު ކައިވެނި ކުރާނަންތަ...؟ ނޫނީ ތިގޮތުގައި ލަފާނެކަން އެއްވެސް ޔަޤީންކަމެއްނެތް އޮޑިއެއްގެ އިންތިޒާރުގައި ދުވަސް ގުނާނީތަ....؟" ނާހިދުގެ މޫނުގައި ފިރުމާލަމުން އިނާޝާ ބުނެލިއެވެ. އިނާޝާ އެހެން ބުނި ވަގުތު ނާހިދުގެ ދެލޮލުން ރޮނގެއްހެން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. ނާހިދު އަނެއްކާވެސް އިނާޝާގެ އުނގުގައި ބޯއަޅައިލިއެވެ. އޭނާގެ ހިތުގައި އެއްފަހަރާ އެތައް ޝުޢޫރުތަކެއް ހިނގައިގަތެވެ. ކުއްލިއަކަށް ދޭނެ ޖަވާބެއް އޭނާގެ ވިސްނުމަށް ނައެވެ.
"މަންމަ އެމީހުންނަށް ކޮން ޖަވާބެއްދޭނީ. އެއީ ކޮންބައެއްތޯވެސް ނާހާނަންތަ...؟" އިނާޝާ ބުނެލިއެވެ.
"މަންމަ ބޭނުމީ ކޮންގޮތެއް...؟" ނާހިދު ދޫކޮށްލީ އިނާޝާ ބޭނުންވާގޮތް ހާމަކުރުމަށެވެ.
"މަންމަ ދެކޭގޮތް ބުނުމުގެ ކުރިން މަންމަ ބޭނުންވަނީ ދަރިފުޅުގެ ޖަވާބެއް. ދަރިފުޅަށް އެއްވެސް ކަމަކަށް މަޖްބޫރެއްނެތް" އިނާޝާ ބުނެލިއެވެ.
"މަންމާ...! ކައިވެނިކޮށް ދިރިއުޅުމެއް ފެށިދާނެ. ކައިވެނިކޮށް އަޅުގަނޑުގެ ހަޔާތުން ޖާގަވެސް ދެވިދާނެ. އެކަމަކު.... އެކަމަކު އަޅުގަނޑުގެ ހިތުން.... އަޅުގަނޑަށް ލޯތްބެއްނުވެވޭނެ... އަޒްކާގެ މައްޗަށް އަޅުގަނޑުގެ ހިތުގައިވާ ލޯބި ފަނޑުވާން ނަގާނީ ކިހާ މުއްދަތެއްކަމެއް ނޭނގޭ" ނާހިދު ވާހަކަދެއްކިއެވެ.
"އަޒްކާއަކީ މަންމަގެ މޭގެ އެތިކޮޅު. އެހާ ކުޑަމުއްދަތެއްގެ ތެރޭގައިވެސް މަންމަ އުފަން ދަރިއަކު ދެކެ ވާހާ ލޯބި އެކުއްޖާދެކެ ވެވިއްޖެ. ތިދެކުދިންގެ ހަޔާތެއް ފަށައިގެން މަންމަގެ ލޯކުރިމަތީގައި އުޅޭތަން ވަރަށް ދެކިލާހިތްވޭ. އެކަމަކު މިހާރު ޔަޤީނުންވެސް އެއީ ނުވާނެކަމެއް. އަޒްކާއަށް މަޖްބޫރެއްވެގެން ނަމަވެސް ދިރިއުޅުމެއް ފަށައިގެން އެއުޅެނީ.... މަންމައަށް ފެންނަނީ...." އިނާޝާ ވާހަކަދެއްކިއެވެ.
"ކީކޭ މަންމަ ބުނަން ތިއުޅެނީ...؟' ބޯ ހިއްލާލަމުން ނާހިދު އަހައިލިއެވެ.
"ދަރިފުޅު އެހީމެއްނު މަންމަ ދެކެނީ ކިހިނެއްހޭ... މަންމައަށް ފެންނަނީ މާޒީ ފަހަތަށް ދޫކޮށް މުސްތަގުބަލައިގެން ކުރިއަށްދާން. ތިހާލުގައި ދަރިފުޅު ތެޅި ދުނިޔެއިން މޮޔަވާކަށް މަންމަ ނޭދެން. ދަރިފުޅަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު. ދަރިފުޅު މީހަކަށް ހަދަން އެތައް އަނިޔާއަކާއި ވޭނަކާއި މަންމަ ތަޙައްމަލްކުރީމު. މިއަދު ދަރިފުޅުގެ މި ބަލި މަންމައަށްޓަކައި ތިހަނދާންތަކާއި ދުރަށްގޮސް ދިރިއުޅުމެއް ފެށުމާމެދު ވިސްނާ..." އިނާޝާގެ އަޑު ބެދުނެވެ. ފިރިހެނަކަށްވާތީ ކިތަންމެ ހިތްވަރެއް ކުރަން އުޅުނަސް ނާހިދަށް ގިސްލާފައި ރޮވެން ފެށުނެވެ.
"މަންމާ. އަޅުގަނޑު ވިސްނާނަން.... އަޅުގަނޑު ހަމަޖެހިލަން ބޭނުން..." ރުއިމުގެ ތެރެއިން ނާހިދު ބުނެލިއެވެ. އިނާޝާއަށް ވެސް ގިސްލެވެން ފެށުނެވެ. އޭނާ ބޭނުންވަނީ އޭނާގެ ދަރިފުޅަށް ރަނގަޅު ގޮތް މެދުވެރިވުމެވެ. ލިބެން ނެތް ލޯތްބަކަށް އިންތިޒާރުކޮށް އެދަރިފުޅު މިދުނިޔެއިން ގެއްލޭކަށް އޭނާ ނޭދޭއެވެ.
****************************
މުޅިން އާދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އެތައް ބައެއްގެ ދިރިއުޅުމަށް އާ ކަންތައްތަކެއް އާ ފިލާވަޅުތަކެއް ދަސްކޮށްދެމުންނެވެ. ފަތިސް ނަމާދަށްފަހު ގޯތި ތެރޭގައި އޮތް ހުސް ތަންކޮޅުގައި ނިކުމެ ހުރީ ފަޒާ ދެއަތަކަށް އަރިވެލުމަށްފަހު ކަސްރަތު ކުރަން ފެށިއެވެ. އޭނާ ދޮރާއި ދިމާލަށް ބަލައިލީ ދާދި ކައިރިން މީހަކުގެ ހިލަން ވިހެން ހީވުމުންނެވެ. އޭރު އޭނާއާއި ދާދި ކައިރީގައި އަމީޒާ ހުއްޓެވެ.
"ގުޑްމޯނިންގް އަމިއްތާ...." ސިއްސައިގެން ދިޔަސް އެކަން ނުދައްކާ ފަޒާ އަމީޒާއަށް ހެނދުނުގެ ސަލާމް ކުރިއެވެ. ވަކި ޖަވާބެއް ނުދިނަސް އަމީޒާ ހިނިތުންވެލިއެވެ.
"އަމިއްތަ އެކްސްސަސައިޒް ކުރާނަންތަ...!" އަމީޒާ ބަލަން ހުންނަން ފެށުމުން ފަޒާ އަހާލިއެވެ. އަމިޒާ ޖަވާބެއް ނުދިނެވެ. ބަލަހައްޓައިގެން ހުންނަނީއެވެ.
"އާދޭ... އަތުގައި ތިއޮތް ފޮޓޯގަނޑު ގޮނޑިމަތީގައި އަޅުގަނޑުގެ ފޯނު މަތީގައި ބާއްވާ..." އަމީޒާ ކައިރިއަށް ލެފި އަތުގައި ހިފާލަމުން ފަޒާ ބުނެލިއެވެ. ވަގުތުން އަމީޒާ ދެކޮޅުހެދިއެވެ. ފޮޓޯގަނޑު އޮތް އަތް ފުރަގަހަށް ލައިގެން ހުރެ ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. އަމީޒާގެ މޫނުމަތިން ފެންނަން ހުރި އަސަރުތަކުން ފަޒާ ކަންބޮޑުވިއެވެ. އަމީޒާ ރަނގަޅުވަމުން އެ އަންނަނީ ލަސްލަހުން ވިޔަސް ގެއަށް ބަދަލުކުރި ފަހުން އެތައް ތަނެއް ރިކަވަރ ވެއްޖެއެވެ. ހެދޭ ކުޑަކުޑަ ގޯހަކުން އެއްވެސް ކަމެއް ގޯސްވާކަށް އޭނާ ބޭނުމެއްނުވެއެވެ.
"އޯކޭ... ފޮޓޯގަނޑު މިއީ އަމިއްތަގެ އަމިއްލަ އެއްޗެއް. މީތި އެއްވެސް މީހަކަށް އަތެއް ނުލެވޭނެ. މީގަ މިވަނީ އަމިއްތަގެ ލޯބިލޯބި ދަރިފުޅު. އެހެންނު. އަމިއްތަގެ ދަރިފުޅު ވަރަށް އަވަހަށް އަމިއްތަ ކައިރިއަށް އަންނާނެ" އަމީޒާގެ އަތުގައި ހިފައިގެން ގޮސް އެއްފަރާތުގައި ހުރި ގޮނޑިއެއްގައި ބައިންދަމުން ފަޒާ ވާހަކަދެއްކިއެވެ. ފޮޓޯގަނޑު އޮތް އަމީޒާގެ އަތްތިލަ ވަނީ މޭގައި ޖައްސާ ބާރުކޮށްލާފައެވެ.
އެމަންޒަރުތައް ބަލަން ދޮރުމަތީގައި އިލޮށި ފައްޗެއް ހިފައިގެން ފަރީޝާ ހުއްޓެވެ. އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. އޭނާގެ ދަރިފުޅަށް ދިމާވެފައިވާ ހިތްދަތިކަމުން އަރައިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރު އޭނާއަށް އެބަފެނެއެވެ. ފަޒާ ވެގެން ދިޔައީ އޭނާ ހީކުރި ވަރަށް ވުރެވެސް ހިތްވަރުގަދަ ކުއްޖަކަށެވެ. އަނެއްފަރާތުގައި އެހުރީ އޭނާގެ ކުޑައިރުގެ އެކުވެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށަށް ގެނައިފަހުން އެކުވެރިޔާއަށް ހެޔޮބަދަލު އަންނަމުންދާ މަންޒަރު އޭނާއަށް ވަރަށް ކައިރިން އެބަ ފެނެއެވެ. ފަޒާ އަނބުރައިގަތް ދުވަހު އޭނާ އަތަށް ފެންތަށި ދިއްކޮށްލީ އަމީޒާގެ ދެއަތުންނެވެ. އޭނާގެ ހިތް އުފަލުން ފުރުނެވެ. އެވަގުތު އަމީޒާގެ އެ އަމަލަށް އޭނާއަށް ސަމާލުކަން ނުދެވުނީ ލޯމަތީގައި އޭނާގެ ދެލޯ ފަދަ ލޯބިވާ ދަރިފުޅު އޮތް ހާލު ފެނުމުންނެވެ.
****************************
ކިޔަވަންދާން ތައްޔާރުވެގެން ނިކުންނަން އުޅުނު ނަތާޝާ ސިހުނީ ކުރިމައްޗަށް އެރި ފަޒާ ފެނުމުންނެވެ. ނަތާޝާ އަވަހަށް އެހެން ދިމާލަކަށް ބަލައިލިއެވެ.
"ފަޒާދައްތަ ކަމަކުތަ...؟" ދަބަސް ކޮނޑުގައި އަޅުވާލަމުން ނަތާޝާ ބުނެލިއެވެ.
"ކަމެއްވީތަ...؟ ނަތާ ކީއްވެތަ ފަޒާދައްތައާއި ފޭސްނުކުރަން ތިއުޅެނީ. މާހިލްއާއި ބެހޭގޮތުން ފަޒާދައްތައަށް ނޭނގޭ ވާހަކަތަކެއް ނަތާއަށް އިނގެނީތަ...؟" ނަތާޝާ ކުރިމަތީގައި ހުއްޓެމުން ފަޒާ ވާހަކަދެއްކިއެވެ.
"އެނ...؟ ނޫން... ކީއްވެ ތިހެން ތިއެހީ..." ނަތާޝާ ބުނެލިއެވެ.
"މިހެން މިބުނީ ނަތާއަކީ އަޒްކާގެ ބެސްޓްފްރެންޑްވީމަ. އަޒްކާއާއި ގުޅުންހުރި ކޮންމެ ވާހަކައެއް ނަތާއަށް އިނގޭނެތީވެ" ފަޒާ ވާހަކަދެއްކިއެވެ.
"ފަޒާދައްތަ މިގަޑީގަ ވާހަކަދައްކަން ހުރެވޭކަށްނެތް. ގަޑިޖެހިދާނެ..." ނަތާޝާ ލޯގަނޑު ކުރިމައްޗަށް ހުއްޓި ގަޔަށް ސެންޓް ބުރުވާލަމުން ބުނެލިއެވެ.
"އެންމެ ރަނގަޅު. ނަތާ ނިންމާފައި އަންނާނެ އިރަކަށް ފަޒާދައްތަ ވެއިޓް ކުރާނަން. ނަތާގެ ފަރާތުން ވަރަށް ގިނަ ސުވާލުތަކެއްގެ ޖަވާބު ފަޒާދައްތަ ބޭނުން. ހީކުރަން ތެދުވެރިކަމާއެކު ކިޔާދޭނެކަމަށް" ފަޒާ ވާހަކަދެއްކިއެވެ. އަޒްކާ ހީލަމުން ބޯޖަހާލާފައި އަވަސް އަވަހަށް ނިކުތެވެ.
****************************
ހޮސްޕިޓަލުން ނިކުތްގޮތަށް ނަތާޝާ ބޭރުގައި މަޑުކޮށްލިއެވެ. ބޯމަތީގައި އަޅާލާފައި އޮތް އަވި އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން ދަބަހުގައި އޮތް ފޯނު ނަގާ ނަންބަރަކަށް ގުޅާލުމަށްފަހު ކަންފަތުގައި ޖަހާލިއެވެ. އޭނާއާއި ދާދި ކައިރީގައި ސައިކަލެއް އައިސް މަޑުކޮށްލީ އެވަގުތުއެވެ. އައި އައިނު ތިރިކޮށްލަމުން ސައިކަލުގައި އިން ޒުވާނާއަށް ނަތާޝާ ބަލައިލިއެވެ. މެރޫން ކުލައިގެ އަތްދިގު ގަމީހަކާއިއެކު ދަށަށް ޖަހާފައި އިން ޒުވާނާ އިނީ ވަރަށް ރަސްމީކޮށެވެ. މަތިމަހާއެކު ތުނބުޅި ހުރީ ތުނިކޮށެވެ. އަލިކަޅު ކުލައެއް ލިބިފައިވާ ޒުވާނާގެ ދެލޮލުގައި ވަނީ ގަދަ ޗޮކްލެޓް ކުލައެވެ. ހީލި ވަގުތު ދެކޮލުން ފާޅުވެގެން ދިޔަ އަޑިކޮޅު ނަތާޝާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވިއެވެ. ފަހަތުން އަޅުވާލައިގެން ހުރި ކަޅު ކުލައިގެ ބެކްޕެކް ނެގުމަށްފަހު ކުރިމަތިން ގެނެސް އަޅުވާލީ ސައިކަލް ފަހަތުން ނަތާޝާއަށް އިށިންނަން ޖާގަ ދެއްކުމަށެވެ.
"ވަރަށް ގިނައިރު ވެއްޖެތަ ބޭބީ ތިތަނުގަ ހުންނަތާ..." ނަތާޝާގެ މަޑު އަތްތިލައިގައި ހިފާލަމުން ރާއިދު ބުނެލިއެވެ. ނަތާޝާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލުމަށްފަހު ރާއިދުގެ ފަހަތުގައި އިށީނެވެ.
"ވަރަށް އުފާވެއްޖެ މިއަދު ބޭބީ ސައިކު ފަހަތަށް އެރީމަ. މިއަދުގެ ޑޭޓް ޖެހޭނެ ފާހަގަކުރަން" ރާއިދު ބުނެލިއެވެ. އަދި ފަހަތުގައި އިން ނަތާޝާގެ އަތްތިލަ އުފުލާލުމަށްފަހު ތުންފަތް ޖައްސާލިއެވެ.
"އެހެންތަ؟ ނަތާ ހީކުރީ ރާދު ބޭނުންނުވާނެކަމަށް ނަތާ ގޮވައިގެން ދުއްވަން" ނަތާޝާ ބުނެލިއެވެ.
"ނަތާ ތަ ހަމަ ތިހެން ތިބުނަނީ. ނަތާއެއްނު މި ރާއިދުގެ ހުރިހާވެސް އެއްޗަކީ. ތިއެއްނޫނޭ. މިއަދު ބިރެއް ނުގަނޭތަ ތިގޭ މީހަކަށް ފެނިދާނެތީ" ރާއިދު ބުނެލިއެވެ.
"ހެޔޮ ފެނުނަސް. ގޭމީހަކަށް ފެނިދާނެއޭ ކިޔާފައި ކިހިނެއް ރާދުއައި ދުރުގައި ހުންނާނީ" ރާއިދުގެ ބުރަކަށީގައި މޫނުޖައްސާލަމުން ނަތާޝާ ބުނެލިއެވެ.
****************************
ގ.އޯޝަންވިއުއަށް ސައިކަލް މަޑުކޮށްލުމާއެކު ނަތާޝާ ފޭބިއެވެ. އޭނާ ގޭތެރެއަށް ވަދެގެން ދަންދެން ބަލަން އިނުމަށްފަހު ރާއިދު ކުރިއަށް ސައިކަލް ދުއްވާލިއެވެ. ވަދެގެން ދިޔަ ނަތާޝާ ބެލް އަޅާލިއެވެ. އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު ނަތާޝާއަށް ފެނުނީ ޙައްވައެވެ.
"ކާކުތަ ޙައްވައްތާ" އެތެރެއިން ނަޝްވާ ބުނެލި އަޑު އިވުނެވެ.
"އަނހާ ނަތާ އެއައީ. އާދޭ އަވަހަށް ސައިބޯން. ހަމަ ފެށިތަނާ ތިއައީ" ވަދެގެން ދިޔަ ނަތާޝާ އެންމެފުރަތަމަ ފެނުނީ ޝަދީނަށެވެ. ނަތާޝާ އިށީނީ އަޒްކާއާއި ޖެހިގެން ހުރި ގޮނޑީގައެވެ. ޙައްވަ ސައި އަޅައިދޭން އުޅުމުން ނަތާޝާ އެކަން މަނާ ކުރިއެވެ. ސައިތަށި އެޅީ އޭނާ އަމިއްލައަށެވެ.
"ކޮބާތަ ޔޫކް...؟" ނަތާޝާ އަހާލިއެވެ.
"ސެލޫންއިން އައިރު ނިދާފައި އޮތީ. މި ޝަދީން ކައިރީގައި ބަހައްޓާފައި ދިޔައިއްޔާ މިގަޑިއަށް ނިންދަވާނެ. ދެން މަށެއްނު މިރޭ ދަންވަރު ހޭލާ އޮންނަންޖެހޭނީ" ކައިރީގައި އިން ޝަދީންގެ އަތުގައި އުޅަނބޮށިން ޖަހާލަމުން ނަޝްވާ ބުނެލިއެވެ. ނަތާޝާއާއި އަޒްކާއަށް އެކީގައި ހީލެވުނެވެ.
ސަޔަށްފަހު އަޒްކާއާއި އެކީގައި ނަތާޝާ ގޮސް ވަނީ އަޒްކާގެ ކޮޓަރިއަށެވެ. ދެކުދިން އެކީގައި ނިކުތީ ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށެވެ. ހަވީރު ފިނިޖެހެމުން އައި ވަގުތަށް ވުމާއެކު މާލޭގެ މަގުމައްޗަށް ނިކުމެ އުޅޭ މީހުން ގިނަވަމުން ދިޔައެވެ.
ހެދުން ބަދަލުކޮށްލައިގެން އައިނަމަ. ނަތާއަށްވެސް ފަސޭހަވީހެއްނު" އަޒްކާ ބުނެލިއެވެ.
"ގެއަށް ގޮސް ޗޭންޖްކޮށްގެން އަންނަން ހުރީ. އެކަމަކު ގެއަށް ދިޔައިއްޔާ ފަޒާދައްތަގެ ސުވާލުތައް ނަތާގެ ބޯ ގޮށްވާލާނެ" ނަތާޝާ ވާހަކަދެއްކިއެވެ.
"ފަޒާ ތިގޭގަ އެބަހުރިތަ...؟ ނާހާތަ މަ ހުރިތަނެއް" އަޒްކާ އަހާލިއެވެ.
"ހުރިހާ ޙަޤީޤަތެއް ފަޒާދައްތައަށް އިނގިއްޖެ. ފަޒާދައްތަ ޑިވޯސްވެސް ކޮށްފަ މިހާރު ހުރީ. ވަރަށް ރުޅިއައިއްސަ ހުރީ މާހިލްދެކެ. ނަތާ ކައިރީގައި އަބަދު އަހަނީ އަޒްކީގެ ވާހަކަ. ބުނީ ނަތާއަށް އިނގޭނެޔޯ ހުރިހާ އެއްޗެއް" ނަތާޝާ އޮޅުންފިލުވައިދިނެވެ. އަޒްކާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ.
"ދެން ނަތާ ބުނީ ކީކޭ...؟ ހާދަ ދެރައޭދޯ މިވީގޮތް" އަޒްކާ ބުނެލިއެވެ.
"އެވީ ރަނގަޅަށް. ދެން ބުނެބަލަ ފަޒާދައްތައަށް ކިޔާދޭންވީތަ ހުރިހާ އެއްޗެއް. ނަތާ ގެއަށްދާނެ އިރަކަށް އިންތިޒާރުކޮށްގެން ހުންނާނީ. ހެނދުނު ފަޒާދައްތަގެ އަތްދަށުން ސަލާމަތްވެވުނީ ވަރަށް މަސައްކަތުން" ނަތާޝާ ބުނެލިއެވެ.
"ދެން މިހާރު ކޮންކަމެއް ފަޒާއަށް ސިއްރުކުރަން އޮންނާނީ. ކިޔާދީ ހުރިހާ އެއްޗެއް. އަހަރެންގެ މައްސަލައެއްނެތް. އެކަމަކު ފަޒާ ވަރަށް ދެރަވާނެ" އަޒްކާ ވާހަކަދެއްކިއެވެ.
"އޯކޭ ދެން އެހެންވިއްޔާ ނަތާ ދިޔައީ އިނގޭ. ރާދު އިންނާނެ ބަލާ އައިސް" ނަތާޝާ ހިނގައިގަތެވެ.
"މަޑުކޮށްބަ. ޕްލީޒް އަހަރެން ހުރި ލޮކޭޝަން ނުބުނެދޭތި" ހިނގައިގަތް ނަތާޝާގެ އަތުގައި ހިފާލަމުން އަޒްކާ ބުނެލިއެވެ. އަޒްކާ ހީލަމުން ބޯޖަހާލިއެވެ.
****************************
އިނާޝާ ކައިވެނީގެ ވާހަކަދެއްކުމުން ދެދުވަސް ވަންދެން ނާހިދް ވިސްނިއެވެ. އޭނާ ކައިވެންޏެއް ކުރަންވީ ހެއްޔެވެ؟ އަޒްކާގެ ލޯބި ހިތުން ފޮހެލެވިދާނެ ހެއްޔެވެ؟ ރަނގަޅުގޮތަކީ ކޮބާ ހެއްޔެވެ؟ އެއަރޕޯޓުގައި އިނދެ ކަނޑު ބޯޓަކަށް އިންތިޒާރު ކުރުން ހެއްޔެވެ؟ ނުވަތަ އުފާތަކާއި ހިތްހަމަޖެހުން ހިފައިގެން އޭނައާއި ދިމާލަށް ދަތުރުކުރަމުން އަންނަ ބޯޓަށް އަރާނީ ހެއްޔެވެ؟ އޭނާ ގޮތެއް ނިންމައިފިއެވެ. އުފާވެރި ހަޔާތެއް އަޒްކާ އުޅެމުންދާއިރު އެފަދަ އުފާވެރިކަމެއް އޭނާއަށްވެސް އޮންނަންޖެހޭނެއެވެ. ކޮޓަރިން ނިކުމެގެން އޭނާ މިސްރާބުޖެހީ އިނާޝާމެންގެ ކޮޓަރިއާއި ދިމާލަށެވެ. ރޭގަނޑު ބާރަ ޖަހަން ގާތްވެފައި ހުއްޓަސް އޭނާގެ ފަރުވާލެއްނެތެވެ. އޭނާ ނިންމި ގޮތް މައިންބަފައިންނަށް އަންގަން ބޭނުންވިއެވެ.
"ދަރިފުޅުތަ...؟ އާދޭ އަވަހަށް އެތެރެއަށް" ނާހިދް ޓަކި ޖަހާލުމުން ދޮރު ހުޅުވާލީ މޯހަންދާސްއެވެ. ނާހިދްގެ ކޮނޑަށް އަތް އެއްލައިގެން ހުރެ މޯހަންދާސް އެތެރެއަށް ހިނގައިގަތެވެ.
"މަންމަ... ފާހާނައިގައި ދޯ؟" ނާހިދް ބުނެލިއެވެ. މޯހަންދާސް ބޯޖަހާލިއެވެ.
ފާހާނާއިން ނިކުތް އިނާޝާއަށް މޯހަންދާސް ކައިރީގައި އިން ނާހިދް ފެނުނެވެ. އިނާޝާ އެއްވެސް އަސަރެއްނެތް ގޮތަކަށް ނާހިދަށް ހިނިތުންވުމެއްދިނެވެ. ދެމައިންގެ މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނެއެވެ. އަޒްކާ އެދިޔައީ އެ ދެމައިންގެ އުފާވެރިކަމާއި މުޅި ރޫހް ހިފައިގެންނެވެ.
"މަންމާ...! ބައްޕާ...! އަޅުގަނޑު ކައިވެނިކުރަން ތައްޔާރު. ދިރިއުޅުމެއް ފަށަން އަޅުގަނޑު ބޭނުމީ. މަންމައާއި ބައްޕަ ދެއްކި ކޮންމެ މީހަކާއި އަޅުގަނޑު ކައިވެނި ކުރާނަން" އިނާޝާ އައިސް އިށީނުމުން ނާހިދް ވާހަކަދެއްކިއެވެ.
"ދަރިފުޅަށް އެއްވެސް މަޖްބޫރުކަމެއްނެތް. އެކަމަކު ކައިވެނިކުރަން ދެތިން ދުވަހަށް ވީމަ ދަރިފުޅު ދެކޮޅު ހަދައިފިއްޔާ ހަނދާންކުރަންވާނެ އެއީ އަންހެންކުއްޖަކާއިމެދު ވެވޭ ވަރަށް ބޮޑު ބޭއިންސާފެއްކަން" މޯހަންދާސް ވާހަކަދެއްކިއެވެ.
"އަޅުގަނޑަށް އިނގޭ އަޅުގަނޑު ކައިވެނިކުރަން މަންމައާއި ބައްޕަ ހޯދާނީ ގޯސް ކުއްޖެއްނޫންކަން. އެހެންވީމަ މަންމައާއި ބައްޕަގެ އަގުވެއްޓޭފަދަ އެއްވެސް ކަމެއް އަޅުގަނޑު ފުރާނަ ހުރިހާ ހިނދެއްގައި ނުކުރާނަން" ނާހިދް ޔަޤީންކަންދިނެވެ.
"އެންމެރަނގަޅު. ބައްޕަމެން ތިކަމުގައި އުޅޭނަން" މޯހަންދާސް ބުނެލިއެވެ.
ކޮޓަރިން ނިކުތުމާއެކު ނާހިދްގެ ދެލޮލުގެ ކަރުނަވަޅުގައި ފިލާތިބި ކަރުނަތައް އޮހިގަތެވެ. އޭނާ ދެއަތުން ދެލޯ ފޮހެލާފައި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
****************************
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑު އެހެން މީހަކާއި ހިއްސާކުރަން ޖެހޭނެކަން ހަނދާންވި ހިނދު ނާހިދަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެނާ އެނދުގައި އޮތީ ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅިއެވެ. ދަންވަރު ދެގަޑިބައިވެ ތިނެއްޖަހަނީއެވެ. އޭނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އެނދުން ތެދުވެގެން ގޮސް އޭނާ ބެލްކަންޏަށް ނިކުތެވެ. މަގުމަތި ވަނީ ހިމޭންވެފައެވެ. ދުއްވާ އެއްޗެހި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާއަށް ދެލޯމަރާލެވުނީ މޫނުގައި އައިސް ބީހިލި ފިނިފިނި ވައިރޯޅިން ހިތަށް ވެރިވި ހަމަޖެހުމަކުންނެވެ. ރެއިލިންގްގައި އަތް އަޅުވާލަމުން އޭނާ ވިސްނުމަކަށް ގެއްލުނެވެ. އޭނާގެ ހަށިގަނޑުން ހީވަނީ އެއްބައި މަދުހެންނެވެ. ވާނީވެސް އެހެންތާއެވެ. އަޒްކާއަކީ އޭނާ ދިރިހުރުމަށްޓަކައި އެތެރެއަށް ދަމާލުމަށްފަހު ބޭރަށް ދޫކޮށްލާ ނޭވާއެވެ. އަޒްކާއާއި ނުލާ އޭނާއަށް ނޭވާލާން ދަތިވަނީއެވެ. އޭނާގެ ނަޒަރު އުޑަށް ހުއްޓާލިއެވެ. ކަނު އަނދިރިކަން ވެރިވެފައިވާ އުޑުގައި ތަރުތީބެއްނެތި އެތުރިލާފައިވާ ތަރިތައް ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ. ނަމަވެސް އެ އުޑުން އުނިކަމެއް އޭނާއަށް ފާހަގަކުރެވުނެވެ. ރޭގަނޑުގެ ރާނީ އުޑުގައި ނެތްކަމުގެ ފަޅުކަން ތަރިތައް ކުރާ ކަހަލައެވެ. ޔަޤީނެވެ. ތަރިތައްވެސް ފިޔަޖެހުމެއްނެތި އެކުރަނީ އެހިތާމައެވެ. ހަނދުނެތި ވިދާ ބަބުޅާނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެގޮތަށް އޭނާގެ އެތެރެހަށީގައިވާ ހިތުގައި ކޫރުން އެޅި ފޮތިފޮތިވެފައިވާއިރު އޭނާއަށް ހަމަޖެހުން ލިބޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިތުގެ ހަމަޖެހުމަކީ އަޒްކާއެވެ. މިހާރުވެސް އަޒްކާގެ އެލޯބިލޯބި މޫނު އޭނާއަށް ސިފަވާ ކަހަލައެވެ.
ލައިގެން ހުރި ޓްރެކްޝޫޓުގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށީ އޭނާ ފިނިވެގެން ކޮޓަރިއަށް ވަންނަން އުޅުނު ވަގުތުއެވެ. އެވަގުތު އޭނާއަށް ގުޅާނީ ކާކުބާއޭ ހިތާ އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ނައިޝީގެ ފޮޓޯއަކާއެކު ނަން އަރާފައިވާ މަންޒަރު ފެނުމުން ނާހިދުގެ ދެބުމަ ގޮށްޖެހުނެވެ. އެވަގުތު އޭނާއަށް ނައިޝީ ގުޅަންވީ އެއްވެސް ސަބަބެއް އޭނާއަށް ނޭނގުނެވެ. ފޯނު ނުނަގަން ހުރެފައިވެސް އޭނާ ޖަވާބުދިނީ ބޮޑުކަމެއްވީއޭ ހިތާއެވެ.
"އިޝީ ނުނިދަންތަ...؟" ފޯނު ކަންފަތުގައި ޖަހާލަމުން ނާހިދު އަހާލިއެވެ.
"ތި ސުވާލު މަށަށްވެސް ކުރެވިދާނެ ދޯ" ފޯނުގައި ހުރި ނައިޝީ ބުނެލިއެވެ.
"ނުނިދިގެން އުޅުނީ. އެކަމަކު މިހާރު ނިދި އަންނަން ފަށައިފި" ނާހިދް ބުނެލިއެވެ.
"އަހަރެން ހަމަ ގުޅާއިރަށް ނިދިއައީތަ...؟ އެހެންވިއްޔާ ބާއްވަނީ" ނައިޝީ ބުނެލިއެވެ.
"ނޫނޭ.. އަސްލު ބުނެބަލަ ކިހިނެއްވީތަ އިޝީ މިގަޑީގަ ތިގުޅީ" ނާހިދް އަހާލިއެވެ. އޭނާދެކެ ހިތްހަމަނުޖެހިގެން ނައިޝީ ފޯނު ބާއްވަން އޭނާ ނޭދޭއެވެ.
"ހަމަ އެއްވެސް ވާހަކައެއް ނެތްތަ ނާހިދް އަހަރެންނާއި ޝެއަރކުރަންޖެހޭ ވަރުގެ" ނައިޝީ އަހާލިއެވެ.
"މަންމަ ހަބަރުދިނީތަ އިޝީ މަންމައަށް" ނާހިދް އަހާލިއެވެ. ނައިޝީ ދައްކަން އުޅޭ ވާހަކަ ނާހިދަށް އިނގުނެވެ.
"ހޫމް. އެހެންވެ. ނާހިދް ޤަބޫލުވީތަ...؟" ނައިޝީ އަހާލިއެވެ.
"އާނ... އަހަރެން ބޭނުން މެރީކުރަން" ނާހިދު ބުނެލިއެވެ.
"ހަމަ ހިތުން ރުހުމުންތަ ޤަބޫލުވީ. ޔަޤީންތަ ކައިވެނިކުރަން ތިއުޅޭ ކުއްޖާއަށް ސަތޭކަ ޕަސެންޓް ލޯބި ދެވޭނެތަ...؟" ނައިޝީ އަހާލިއެވެ.
"ޔެސް. އައި ވިލް ޓްރައި މައި ބެސްޓް.... މީހަކަށް މިވަރަށް ދޯ ޔަޤީންކަން ދެވޭނީ... އެހެންނޫނަސް އިޝީ ކީއްވެތަ ތިހާ ސުވާލު ގިނަވެގެން މިރޭ ތިއުޅެނީ" ނާހިދް ވާހަކަދެއްކިއެވެ.
"ކަމެއްނުވޭ... ދެން ނިދާލާ އިނގޭ. ގުޑްނައިޓް. ވިލް މީޓް ޔޫ ޓުމޯރޯ" ނައިޝީ ފޯނު ކަނޑާލިއެވެ. ހައިރާންވެފައި ފޯނު ކަނޑާލަމުން ނާހިދް ދެކޮނޑު އަރުވާލިއެވެ.
****************************
ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަނީގައި ނަތާޝާ މަޑުކޮށްލައިގެން ހުރީ ކުޑައިރުކޮޅަކުން ފަޒާ އަންނާނަމޭ ބުނުމުންނެވެ. އެގޮތުގައި މާގިނަ އިރަކު އޭނާ އިންތިޒާރުކުރަން ނުޖެހުނެވެ. އޭނާއާއި ދާދި ކައިރީގައި ފަޒާ އައިސް ހުއްޓުނެވެ.
"ކޮން ސުވާލެއްތަ ފަޒާދައްތަ ކުރަން ބޭނުންވަނީ؟" ފަޒާއާއި ކުރިމަތިލަމުން ނަތާޝާ އަހާލިއެވެ.
"އަޒްކާ އެއީ މާހިލްގެ ބިޓުތަ...؟" ފަޒާ އަހާލިއެވެ.
"ނޫން. ބިޓެއްނޫން. އަޒްކީ ވަރަށް ލޯބިވާކުއްޖެއް ހުރޭ" ނަތާޝާ ޖަވާބުދިނެވެ.
"ދޮގެއްނު ތިހެދީ. އަޒްކާ ބަނޑުގައި އެވަނީ މާހިލްގެ ދަރިއެއްނު. ފަޒާދައްތައަށް އިނގޭ މިހުރިހާ އެއްޗެއް ނަތާއަށް އިނގޭކަން" ފަޒާ ވާހަކަދެއްކިއެވެ. ނަތާޝާ ދެލޯބޮޑުކޮށްލަމުން ފަޒާއަށް ބަލައިލިއެވެ.
"ފަޒާދައްތާ...! އަޒްކީއަކީ ގޯސް ކުއްޖެއްނޫން. ނަތާ ހުރިހާ ވާހަކައެއް ކިޔާދީފާނަން. އެކަމަކު ފަޒާދައްތަ ޖެހޭނެ ސިއްރުކޮށްދޭން. އެއީ ނަތާ ބޭނުމެއްނޫން އަޒްކީއަށް އެންމެން ރުޅިބާލާކަށް" ނަތާޝާ ވާހަކަދެއްކިއެވެ. ރެއިލިންގްގައި އަތް އަޅުވާލަމުން ފަޒާ ހަމަޖެހިލިއެވެ.
"ނަތާ ކުރިން ރައްޓެހިވެގެން އުޅުނީ މާހިލްއާ. މާހިލް އަކީ ކުރިން ވިލިމާލޭ ސްކޫލުގަ ކިޔެވި ކުއްޖެއް. އެދެމީހުން ރައްޓެހިވީ ސްކޫލުން. އަޒްކީއަކީ ކުޑަކުދިންގެހިޔާގައި އުޅޭ ކުއްޖެއް. އެކަމަކު..... މާހިލް އަޒްކީއަށް ލަނޑުދިނީ. މޮޔައަކަށް ހަދާފައި ގުރައިދުއަށް ފޮނުވާލީ. އެތަނުންވެސް އަޒްކީއަށް ކުރިމަތިލާންޖެހުނީ ވޭނާއި ހިތާމައާއި. އެތަނުން އަޒްކީ ސަލާމަތުން ގެނައީ ނާހިދް. ނާހިދަކީ އަމީޒާދައްތަގެ ޑޮކްޓަރ. އަޒްކީ އެނބުރި އައިރު މާހިލް އުޅުނީ ފަޒާދައްތައާއި ކައިވެނިކޮށްގެން. އޭގެފަހުން މާހިލްއަށް އަޒްކީ ފެނިގެން ބައްދަލުކޮށްފަ މުޅިންވެސް ނުބައި ކަންތައްތަކަށް ދަޢުވަތުދެނީ. އަޒްކީ ހުރީ މުޅިން ގުޅުން ކަނޑާލައިގެން. އެހެންކުއްޖަކު ދެކު އަޒްކީއަށް ވަރަށް ބޮޑަށް ލޯބިވެވުނީ. އެދެމީހުން ރައްޓެހިވާން އުޅެނިކޮށް އިނގުނީ އަޒްކީ ބަނޑުބޮޑުކަން. އެގެއަށް އަޒްކީ ދިޔައީ މާހިލްއާއި ކައިވެނިކޮށްގެން ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް. އެކަމަކު މާހިލް ޤަބޫލެއްނުކުރި. އޭނަ އިންކާރުކުރީ. ތިގެއަށް ދިޔަ ފުރަތަމަ ރެއިން ފެށިގެން މާހިލް އުޅުނީ އަޒްކީ ރޭޕްކުރަން. އެންމެފަހުން އޭނަގެ އެ ޕްލޭންވެސް ކާމިޔާބުކުރީ. އަޒްކީ ރޭޕްކޮށް ނޭކެޑް ފޮޓޯތަކާއި އެއްޗެހިވެސް ނަގަން އުޅުނީ. އަޒްކީއަށް ކެތްނުވީމަ ތިގެއިން ނިކުތީ..... ފަޒާދައްތަ ބުނެބަލަ އަޒްކީގެ ކުށަކީ ކޮބާ؟ އެންމެފަހު ވަގުތުގައިވެސް އަޒްކީ ހުރީ ފަޒާދައްތަގެ ކައިވެނި ސަލާމަތްކުރަން ބޭނުންވެފަ" ނަތާޝާ ހުރިހާ ވާހަކައެއް ކިޔާ ނިންމާލިއިރު ފަޒާ ހުރީ ރޮވިފައެވެ.
"މިހާރު އަޒްކާ ހުރި ތަނެއް ނަތާއަށް އިނގޭތަ...؟ އެނގެންޏާ ބުނެބަލަ. އަހަރެން އަޒްކާއަށް އެހީވާން ބޭނުން" ކަރުނަތައް ހިންދާލުމަށްފަހު ފަޒާ ވާހަކަދެއްކިއެވެ.
"ވަރަށް ބޮޑަށް ސޮރީ ފަޒާދައްތާ. ނަތާ ވައުދުވިން އަޒްކީ ކައިރީގަ. އެއްވެސް މީހެއް ކައިރީގަ ނުބުނަން" ނަތާޝާ ބުނެލިއެވެ. ފަޒާ އެކަމާއި ގުޅޭގޮތުން އިތުރަށް ބަހެއް ނުކިޔައެވެ. އޭނާ އެކޮޓަރިން ނިކުންނަން ދިޔައިރު ހުރީ ވަރަށް ބޮޑަށް ދެރަވެ ރޮވިފައެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަހަރެންނަށް މި ލޯބިވެވުނީ ކޮންފަދަ ނުބައި އިންސާނެއްދެކެ ހެއްޔެވެ؟ މާހިލްގެ ސަބަބުން ނިކަމެތިވެގެން އެދަނީ ކުށެއްނެތް މައުސޫމް ތުއްތު ކުއްޖެކެވެ. މާހިލްގެ އެނުބައި ޝައިތާނީ އަމަލުތަކުގެ ސަބަބުން ހަލާކުވެގެން އެދަނީ އަޒްކާ ކަހަލަ ކިތައް އަންހެން ކުދިންގެ ދިރިއުޅުން ހެއްޔެވެ؟
****************************
މެންދުރުގެ ވަގުތެވެ. ގޭގައި ތިބީ ޙައްވައާއި އަޒްކާ އެކަންޏެވެ. ނަޝްވާއާއި ޝަދީން ވަޒީފާގައި ވީ ވަގުތެވެ. މެންދުރު ނަމާދުކޮށްގެން ކޮޓަރިން ބޭރަށް ނިކުތް ޙައްވައަށް ސިޓިންގްރޫމުގައި އުނަގަނޑުގައި ދެއަތް އަޅައިގެން ހިނގަމުން ދިޔަ އަޒްކާ ފެނުމުން ހުއްޓުނެވެ. ޙައްވަ އިރުކޮޅަކު ބަލަން ހުއްޓެވެ. އަޒްކާގެ މޫނު ޙައްވައަށް ފެނުނީ އަޒްކާ އެނބުރުނު ވަގުތުގައެވެ. އެވަގުތު އަޒްކާގެ މޫނުމަތި ފެނުމުން އޭނާ ވޭނެއްގައި އުޅޭކަމުގެ އިހުސާސް ޙައްވައަށް ވިއެވެ. އޭނާ މަޑުމަޑުން އަޒްކާއާއި ގާތަށް ހިނގައިގަތެވެ.
"ދަރިފުޅާ ތަނަކަށް ރިއްސަނީތަ...؟ ހިނގަމުންދިޔަ އަޒްކާ އަތުގައި ހިފަހައްޓާލަމުން ޙައްވަ އަހާލިއެވެ. އަޒްކާ ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަމުން ހީލިއެވެ.
"ބަނޑުގައި ރިއްސަނީތަ...؟ ދުވަސްފުރުނީތަ...؟" ޙައްވަ އަހާލިއެވެ.
"ނޫނޭ ޙައްވައްތާ. އަދި އަށްމަސްވީ. ވިހަން ކައިރިވާ ވަރަކަށް އުނދަގުތައް ވާނެއްނު. މިއުޅެނީ ބުރަކަށީގައި ރިއްސާވަރުން. އޮށޯވެގެން ނޯވެވުނީމަ ތެދުވެގެން ކުޑަކޮށް ހިނގާލަނީ މި" އަޒްކާ ވާހަކަދެއްކިއެވެ. ފަހަކަށް އައިސް އަޒްކާ ހުންނަނީ އަބަދު ވަރުބަލިވެފައެވެ. ވާހަކަދެއްކެނީވެސް މާނޭވާ ލަމުންނެވެ.
"ޔާރައްބީ.. ތިއޮތް ދެފައެއް ބަލާލަބަލަ.... އާދެބަލަ މިތާ އިށީންނަން" އަޒްކާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބައިންދަމުން ޙައްވަ ވާހަކަދެއްކިއެވެ. އޭނާގެ ދުޅަވެފައިވާ ދެފައިތިލައަށް ބަލާލަމުން އަޒްކާ ހިނިތުންވެލިއެވެ.
"މިއީ މާބަނޑު އިރު ބައެއް މީހުންނަށް ވާގޮތެއްނުން. ޙައްވައްތަ ހާދަ ކަންބޮޑެއްތިވަނީ" އަޒްކާ ބުނެލިއެވެ.
"ރަނގަޅު ވާހަކައެއް. ފައިތިލަ ދުޅަވުމަކީ ބައެއް މީހުންނަށްވާ ކަމެއް. އެކަމަކު މާބޮޑަށް ދުޅަވުމަކީ ބައެއް ހާލަތްތަކުގައި ރަނގަޅު ކަމެއްނޫން. ދުޅަކުޑަ ކުރަން އަހަރެމެންނަށް ކަންތައްތައް ކުރެވޭނެއްނުން" އަޒްކާގެ ދެފައިގައި ހިފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމައްޗަށް އަރުވާލަމުން ޙައްވަ ވާހަކަދެއްކިއެވެ.
"އަދި މެންދުރު ނުވެސް ކައި ތިއިންނަނީ. ޙައްވައްތަ މިއަންނަނީ އެއްޗެއް ހިފައިގެން. އަން މި ކުޝަން ފަހަތަށް ލައްވާލަބަލަ" އަޒްކާގެ ބުރަކައްޓާއި ސޯފާގެ ލެގޭ ބަޔާއި ދެމެދަށް ކުޝަން ލައްވާލަމުން ޙައްވަ ވާހަކަދެއްކިއެވެ. ޙައްވަ ބަދިގެއާއި ދިމާލަށް ދިޔައީ އަޒްކާއަށް ކާއެއްޗެއް ބަލައެވެ. ޙައްވަ ދިޔަ ދިމާލަށް ބަލަން އަޒްކާ އިނީ ހައިރާންވެފައެވެ. ދުނިޔޭގައި ރަނގަޅު މީހުންވެސް އުޅޭތާއޭ ހިތަށް އަރަމުން ދިޔައެވެ. އޭނާގެވެސް މާމައެއް ދުނިޔޭގައި ހުރިނަމަ އޭނަދެކެ އެވަރަށް ލޯބިވާނޭ ހިތަށް އެރިއެވެ.
(ނުނިމޭ)