ޓެކްނޮލޮޖީ

މާސްގައި ކުޅޭނެ ގޭމެއް ހަދައިގެން ސްކޮލަޝިޕެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު އައުޒަމް

މާސްގައި ކުޅޭނެ ގޭމެއް ހަދައިގެން ސްކޮލަޝިޕެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދުބާއީ އިންސްޓިޓިއުޓް އޮފް ޑިޒައިން އެންޑް އިނޮވޭޝަން އިން ހުޅުވާލައިފައިވާ މިފުރުސަތުގައި ގޭމް ޑިޒައިން ކުރާ ދެކުއްޖަކަށް އެއްލައްކަ ޑޮލަރަށްވުރެ އަގުބޮޑު، ހަތަރު އަހަރުގެ މުއްދަތަކަށް ކުރިޔަށްދާ ބެޗަލާސް އޮފް ޑިޒައިން ޕްރޮގްރާމްގައި ހިލޭ ބައިވެރިވެވޭނެއެވެ.

ދުބާއީ އިންސްޓިޓިއުޓް އޮފް ޑިޒައިން އެންޑް އިނޮވޭޝަންގެ ރައީސް ވިދާޅުވީ މި ގޭމް އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ އެކުވެރި އަރަބި އިމާރާތުން ތައްޔާރުވަމުން އަންނަ މާސް އަށް ކުރާ ފުރަތަމަ ދަތުރުގައި ދަރިވަރުން ބައިވެރިކޮށްގެން ކުރެވޭނެ އެންމެ ތަފާތު ކަމަކީ އެކުދިން ލައްވައި ގޭމެއް ތައްޔާރުކުރުން ކަމަށް ވާތީއެވެ.

އެންމެ މޮޅު ގޭމް ހޮވުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާނެ ކަމަށް ދުބާއީ އިންސްޓިޓިއުޓް އޮފް ޑިޒައިން އެންޑް އިނޮވޭޝަން އިން ބުނެއެވެ. އެގޮތުން ގޭމް އުފެއްދުމުގައި މާސް އަށް ދަތުރުކުރާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ސީދާ ގުޅުން ހުރި ކޮންސެޕްޓަކަށް ގޭމް ހަދަން ޖެހޭނެއެވެ. މީގެ އިތުރުން ގޭމް ކުޅުމުގައި ހެލިފެލިވެ އުޅެވޭނެ ގޮތަކަށް ގޭމް ފަރުމާކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ދުބާއީ އިންސްޓިޓިއުޓް އޮފް ޑިޒައިން އެންޑް އިނޮވޭޝަން އިން ނެރެފައިވާ އިއުލާންގައި ވާގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޖުލައި ހަތް ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފުރިހަމަކުރަން ޖެހޭނެއެވެ.