ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ޕީޕީއެމް އިން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި އެ ހުކުމަށްފަހު ކުރިއަށްދާނެ އިތުރު މަގެއް ފަހިވެގެންގޮސްފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް ކޯޓުތަކުން ނިންމާ ނިންމުންތަކަށް އިހުތިރާމްކުރާ ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ ހުކުމަށް ފުރިހަމައަށް އިހުތިރާމްކުރަން. ޕީޕީއެމްއަކީ އަބަދުވެސް ކޯޓުތަކުގެ ނިންމުންތަކަށް އިހުތިރާމްކުރާ ޕާޓީއެއް. އެކަމަކު އިސްލާހަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. ހުކުމާއެކު އަޅުގަނޑުމެން ކުރިއަށްދާނެ އިތުރު މަގެއް ފަހިވެގެންދިޔައީ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްއިން އިސްލާހަށްޓަކައި ކުރާ މަސައްކަތްތައް ހުއްޓައެއް ނުލާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ގެއްލިގެންދިޔަ ހައްގުތައް ހޯދުމަށް އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން ފިއްލަވައިގެން ދާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ގަބޫލުނުރައްވާ. ރައީސް ޔާމީން ހުންނެވީ ރައްޔިތުންނާއެކު ވަރަށް ސާބިތުކަމާއެކީ. އަޅުގަނޑުމެން ހިޔާލީ ދުނިޔެއެއްގައެއް ނޫޅެން. އަޅުގަނޑުމެން މިއުޅެނީ ހަގީގީ ދުނިޔެއެއްގައި. ދުނިޔޭގެ އޮންނަ އުސޫލު އެނގިގެން ވާހަކަދެއްކެވުން ރަނގަޅުވާނެ،" އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެންނާނެ ހުރިހާ ސިފައެއް ޕީޕީއެމް އިން ފެނިގެންދާނެ ކަމަށެވެ. އަދި ޕީޕީއެމް އުފެދުނީ އެމްޑީޕީގެ އަނިޔާވެރި އަދި ރާއްޖޭގެ އެންމެ ކޮރަޕްޓް ސަރުކާރަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.