ހުޅުމާލު ދޭއްގެ ބީޗު އޭރިއާގައި އާންމުންގެ އެކި ފަރާތްތަކުން ހަދައިފައި ހުރި ހަޓުތައް ނަގަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ބުނީ ސަރަހައްދު ތަރައްގީކުރުމުގެ ގޮތުން އެ ސަރަހައްދުގައި އާންމުންގެ އެކި ފަރާތްތަކުން ހަދާފައިވާ ހަޓްތައް ނެގުމަށް އަންގާ ކަމަށެވެ. އެހެންވެ އެ ހަޓުތައް މިމަހުގެ 30 ގެ ކުރިން ނެގުމަށް އަންގާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ އެސިސްޓަންޓް މެނޭޖަރު އަދި ޕަބްލިކް ރިލޭޝަންސް މުހައްމަދު ސިރާޖު އިއްޔެ "ވަން" އަށް ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި ހިންގާ ހަޓުތަކާއި ހެދިކާ ޓެންޓުތައް ވަގުތީ ގޮތުން އެ ސަހަރައްދުގެ އުތުރަށް އޮންނަ ހުސް ބިމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މިހާރު ހުރީ ވަގުތީ ހަޓުތަކެއް. އެހެންވީމަ އެތަން ތަރައްގީކުރަން މިކިޔަނީ އެތަން ރީތިކޮށްގެން ވިޔަފާރި ކުރެވޭނެ ފުރުސަތު ހުޅުވާލަން ނިންމާފައި އޮތީ. ކިއޮސްތަކެއް ބެހެއްޓޭ ގޮތަށް ތައްޔާރުކޮށްފައި، ގާ އަތުރާފައި ރީތިކޮށްފައި ކިއޮސްކް (ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައި ހުންނަ ކޮންސެޕްޓެއް) އެ މަސައްކަތް ކުރަންވެގެން އިއުލާނު ކުރީ،" ސިރާޖު ވިދާޅުވެފައިވެއެވެ.
ގަވާއިދާ ހިލާފަށް، އެއްވެސް ހުއްދަ އެއް ނުނަގައި ހިންގާ ވިޔަފާރިތަކަކަށް އިތުރު ބިމެއް ހަމަޖައްސައިދިނުމުން އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީއަށް އަމާޒުވިއެވެ.
އެހެންވެ، އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި އެ ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާތީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ތަންތަން ނަގަން އަންގާ ކަމަށެވެ.
ހުޅުމާލެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގެ ހިޔާ ޓަވަރު 12 ކައިރީ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތަކާއި ތަކެތި ނަގަން ފުރަތަމަ ފަހަރަށް އެންގީ 16 ނޮވެމްބަރު 2023 ގައެވެ.