މީހުން

ހަބީބާ ހުސައިން ހަބީބް: ރާއްޖޭގެ އެންމެ ދުވަސްވީ އަންހެން ލިޔުންތެރިޔާ، އަދިވެސް ލިޔުއްވުމުގައި

އަލީ އިހްސާން

1

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ އައްނަބީލާ ހަބީބާ ހުސައިން ހަބީބަކީ، 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތުގައި އެންމެ ގިނަދުވަހު ހަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ގައުމީ ކުތުބުހާނާގައެވެ. 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ކުތުބުހާނާގައި ހިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ ވަރަށް އިހްލާސްތެރިކަމާއެކު އަދާކުރައްވައިފައެވެ.

ހަބީބާއަކީ ރާއްޖޭގައި ދެފަހަރެއްގެމަތިން 32 އަހަރަށްވުރެ ގިނަދުވަސްވަންދެން ރަސްކަންކުރެއްވި އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ދަރިކަނބަލުން އަލްއަމީރާ ޝަހީމާ ޝަމްސުއްދީންގެ ބޭފުޅެކެވެ. ބައްޕާފުޅަކީ އައްނަބީލް ހުސައިން ހަބީބު (ކަކާގޭ ތުއްތު މަނިއްޕުޅު) އެވެ.

މިއަދު އަޅުގަނޑުމެން މިގެނެސްދެނީ ހަބީބާ "ވަންއޮންލައިން" އަށް ދެއްވާފައިވާ ހާއްސަ އިންޓަވިއުއެވެ.

ހަބީބާ އޭނާގެ ވާހަކަފެއްޓެވީ ތުއްތުއިރުގެ ހަނދާންތަކުންނެވެ. އެގޮތުން ކުރީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ދިވެހި އަދަބުގެ ފަތިހުގެ ތަރީގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ހުސެއިން ސޮލާހުއްދީންއާ ބައްދަލުވެވަޑައިގެންނެވުން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ކުޑައިރު މަންމާފުޅު އަޅުގަނޑުގެ އަތުގައި ހިއްޕަވައިގެން ބަގީޗާގެއަށް ވަޑައިގަންނަވާނެ. ހުސެއިންސޮލާހުއްދީން ކާވެނިބައްލަވައިގެން އުޅުއްވަނީ އަޅުގަނޑުގެ މާމާފުޅުގެ ކޮއްކޯފުޅާ. އެގޮތަށް އަޅުގަނޑު ދާއިރު ސޮލާހުއްދީ ބައެއް ފަހަރު އިންނަވާނީ އުނދޯލިދާންކޮޅުގަ. އެބޭފުޅާގެ ވަށައިގެން ކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުއްވަން މީހުންތައް ޖަމާވެތިބޭނެ. އަޅުގަނޑު ކިޔަވަންގޮސް އުޅެފައި ރާއްޖެއައިސްވެސް، ބަގީޗާގެއަށް ދަން. ދިޔައިމަ ވިދާޅުވާނެ ތިޔައީ ތުއްތުގޮމަފުޅުގެ ތުއްތުގޮމާނޫންހޭ."

ހަބީބާ ވަނީ ބައްޕާފުޅާއެކު ހައިދަރުއާބާދަށް ވަޑައިގެން އުރުދޫ ތައުލީމު ހާސިލްކުރައްވައިފައެވެ. އެއަށްފަހު، ސްރީލަންކާއިން އިނގިރޭސިމީޑިއަމަށް ކިޔަވައި ވިދާޅުވެފައިވެއެވެ. ކިޔަވައި ވިދާޅުވެގެން މާލެވަޑައިގެންނެވުމަށްފަހު ހަބީބާ އެންމެ ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުއާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާ ކަމާއި، ހާއްސަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ. ހަބީބާ ވަޒީފާގެ މައިދާނަށް ނުކުމެވަޑައިގެންނެވި ދުވަސްވަރަކީ އާއްމުކޮށް އަންހެނުން އެފަދަ ވަޒީފާތަކަށް ނުކުމެ އުޅޭ ދުވަސްވަރެއް ނޫނެވެ.

"އޭރު ވަރަށް މަދު އަންހެނަކަށް ކިޔެވުމުގެ ފުރުސަތު ލިބިފައިވަނީ. އެހެންކަމުން އަންހެނުންނަށް ކުރިއަށްދާން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ. އާދަވެގެން އަންހެނުން އޮފީސްއޮފީހުގައި މަސައްކަތް ކުރަންފެށުނީ ނާސިރު ދައުރުގަ.."


ހަބީބާ އެންމެ ގިނަދުވަސްވަންދެން މަސައްކަތް ކުރައްވާފައިވަނީ ގައުމީ ކުތުބުހާނާގައެވެ. ކުތުބުހާނާގެ މަސައްކަތް ހަބީބާ ސިފަކުރައްވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކުރެއްވުނު ކަމެއްގެ ގޮތުގައެވެ.

"ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އެދިވަޑައިގެންނެވީ ކުތުބުހާނާއާ ހަވާލުވުމަށް. ދެން އަޅުގަނޑު ދެންނެވިން އެއީ ވަރަށްބޮޑު ފަންނެކޭ ވަރަށްގިނަ އިލްމީ މައުލޫމާތުތަކެއް ހޯދައިގެންނޭ އެތަން އަސްލު ލައިބްރަރީއަކަށް ހެދޭނީ އަދި ލައިބްރޭރިއަނުން ތަމްރީނު ކުރެވޭނީ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ހުންނަ ފަދަ ލައިބްރަރީއަކަށް ގައުމީ ކުތުބުހާނާ ހެދުމަށް އަސްލު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު. ފޮތްތައް ކްލެސިފައިކޮށް ތަމްރީނުތައް ކުރިއަށް ގެންދިޔައީ. ބައެއްމީހުންނަށް ހީވެދާނެ އެއީ ވަރަށް ފަސޭހަކަމެކޭ ހަމައެކަނި ފޮތްތައް ތަރުތީބުކޮށްލަންށޭ ޖެހޭނީ. އެކަމަކު އެއީ ފަސޭހަ ކަމެއްނޫން. ބޭރުން މީހުންގެނެސްގެން އެމަސައްކަތް ކުރަންޖެހުނީވެސް. ވަރަށް ގިނަ މަސައްކަތްތަކުން އެތަން ހަގީގީ ލައިބްރަރީއަކަށް ހެދީ."

ގައުމީ ކުތުބުހާނާގައި ހަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެއެވެ.

ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވަމުން ހަބީބާ ވަނީ ދިވެހި އަދަބިއްޔާތަށާއި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. ތަފާތު ފަންނުގެ ފޮތްތަކާއި ލިޔުންތައް ލިޔުއްވައިފައެވެ. ލިޔުންތެރިކަމުގެ ތެރެއަށް ހަބީބާ ވަދެވަޑައިގެންނެވީ މީގެ 65 އަހަރުކުރިން 1954 ވަނަ އަހަރުގެ ތެރޭގައެވެ. އައީ އެ އަހަރު ނުކުތް މުންނާރު ނޫހުންނެވެ. އޭގެ ފަހުން ހަބީބާވަނީ ވިޔަފާރި މިއަދު، އަދަބީ ޝުއޫރު، ޖިންސުއްލަތީފް، ހުވަނދު، މޫންލައިޓް، އަމާޒު، ހިޔަލަ އަދި ފަތްރޫތަ ފަދަ މަޖައްލާތަކަށް ލިޔުއްވައިފައެވެ. ހަބީބާ ލިޔުންތެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ހައިދަރުއާބާދުގައި ކިޔަވާ ވިދާޅުވާން ހުންނެވި ދުވަސްވަރުގައެވެ.

"ހައިދަރުއާބާދުގައި ކިޔަވަން އުޅުނު ދުވަސްވަރު ބައްޕަގެނެސްދެއްވާނެ "ޕޫލް" ކިޔާ މަޖައްލާއެއް. އެމަޖައްލާ ކިޔާފަ އަޅުގަނޑު ލިޔުންތެރިކަމަށް ޝައުގުވެރިކަން އުފެދުނީ. އޭގެފަހުން ގޭގައި އަމިއްލައަށް ލިޔަންފެށީ."

ހަބީބާ ވަނީ އުރުދޫ ބަހުންނާއި، އިނގިރޭސިބަހުން ހުރި ގިނަ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައެވެ. ހަބީބާ ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި އިސްލާމީ ތާރީޚު 1 އާއި، އިސްލާމީ ތާރީޚު 2 އަދި ތަގްދީރުގެ ނިޔާ ފަދަ ފޮތްތައް ހިމެނެއެވެ. މީގެ އިތުރުން "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީހު ފޮތެއް އެކުލަވައިލައްވައިފައިވެއެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުން ހަބީބާ ކަންބޮޑުވާ ބައެއް ކަންތައްތައް އެބަހުއްޓެވެ.

"ބައެއްފަހަރު ބަހުގެ ފެންވަރު ދަށްކުރެވޭ ފަދަ ކަންތައް ނޭނގިނަމަވެސް އެބަކުރެވޭ. ލިޔާއިރު ސައްހަ ދިވެހިބަހުން އަނެކުން ބަލައިގަންނަ ގޮތަށް ލިޔުންތައްލިޔުން ވަރަށް މުހިއްމު. ވާހަކަދައްކާ ބަހުރުވައިން ލިޔާއިރުވެސް ހުންނަ އަދަބުތަކާ ހިލާފަށް ލިޔުނީމާ ކިޔަވާ ކުދިންނަށް އޮޅޭނީ. ދިވެހިބަހަށް ގަދަރުކޮށް އެބަހާ މެދު ފަހުރުވެރިވާން ޖެހޭނެ. ބަސްކުރިއެރުވޭތޯ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނެ."

ލިޔުންތެރިކަމުގެ ރޮނގުން ހަބީބާ އެންމެ ފަހުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި ފޯކްލޯއާ ބެހޭގޮތުން ލިޔުއްވާފައިވާ ދެފޮތް ހިމެނެއެވެ. އޭގެ ތެރެއިން އެއްފޮތް ގައުމީ ޔުނިވާސިޓީގައި ކިޔަވައިދިނުމަށްޓަކައި ގެންދަނީ ބޭނުން ކުރަމުންނެވެ. މިހާރު ކުރަމުން ގެންދަނީ އޭގެ ދެވަނަބަޔަށް ލާންޖެހޭ ފޮޓޯތަކުގެ މަސައްކަތް ކަމަށް ހަބީބާ ވިދާޅުވިއެވެ. މީގެ އިތުރުން ހަބީބާ ވަނީ އޭނާގެ ހަޔާތާ ގުޅޭ ގޮތުންވެސް ފޮތެއް ލިޔުއްވައިފައެވެ. ނަމަވެސް އެފޮތް އަދި ޗާޕް ކުރަން ނުވިސްނަވާކަމަށް ހަބީބާ ވިދާޅުވިއެވެ.

އަންނަބީލާ ހަބީބާ ހުސެއިން ހަބީބަކީ މިވަގުތު ރާއްޖޭގައި އިންނެވި އެންމެ ދުވަސްވީ އަންހެން ލިޔުންތެރިޔާއެވެ. މިއަދުވެސް އޭނާގެ އަޒުމަކަށް ގުޑުމެއް ނާދެއެވެ. އަދިވެސް އިންނެވީ ލިޔުންތެރިކަމުގެ ރޮނގުން ކުރިއަށް ވަޑައިގެންނެވުމުގެ އަޒުމުގައެވެ.

"މިހާރު ވަރަށް އުމުރު މަތިވެއްޖެ. އެކަމަކު އަދިވެސް ލިޔުންތެރިކަމަށް ހުންނަ ޝައުގެއް ނުގެއްލޭ. ކިޔަވާ ކުދިންނަށް އަމާޒުކޮށްގެން ދީނީ ފޮތެއް ނުވަތަ ލިޔުމެއް ލިޔުމަށް ދެން ގަސްދުކުރަނީ."

ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހަބީބާ ހުސައިން ހަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ނޫސްވެރިކަމުގެ ރަން ގަލަންވެސް ހަބީބާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟