ކަމެއް ރަނގަޅަށް ކުރަންޏާ މިރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި، ޕީޕީއެމް އުވާލަން އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް ކައުންސިލްގެ ރަސްމީ ވައިބާ ގްރޫޕުގައި މިރޭ ލިޔުއްވި މެސެޖެއްގައެވެ.
"ކަމެއް ރަނގަޅަށް ކުރަންޏާ މިރޭ ޕީޕީއެމްގެ ކައުންސިލް ކުއްލި ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލަން އިލެކްޝަނަށް މާދަމާ ހުށަހަޅަންވީ،" ފަލާހުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ފަލާހުގެ އެ މެސެޖަށް ފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ފަލާހު އެ ވިދާޅުވީ ކީކޭތޯ އައްސަވައިފައެވެ.
އެ ވައިބާ ގްރޫޕުގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއް އާންމުކޮށްފައެވެ.
ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ އެ ސިޓީގައި ބުނެފައިވަނީ އިންތިހާބުގެ ދާއިމީ ނަތީޖާއަށް އަސަރުކުރާނެ އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތް ކަމުގެ ލިޔުމެއް ދިނުމަށް ކޮމިޝަނުން އެދިފައިވާ ކަމަށެވެ. ނަމަވެސް ބިއުރޯއަށް ހުށަހެޅިފައިވާ ޝަކުވާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅި އަދި ނިމިފައިނުވާތީ އެފަދަ ނިންމުމެއް ނިންމައި ލިޔުމެއް ދެވެން ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީ އާންމުކުރި ފަހުން ވައިބާ ގްރޫޕުގައި ރައީސް ޔާމީން ވަނީ މާޔޫސްވެ ވަޑައިނުގެންނެވުމަށް އެދިވަޑައިގެންފައެވެ.
އެ ސިޓީއަށް އިޝާރާތްކުރައްވައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އޭގެން ގެއްލޭނެ އަދި ލިބޭނެ އެއްޗެއް ވެސް ނެތް ކަމަށެވެ.
އެ ވައިބާ ގްރޫޕުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމަކުން ޖިނާއީ ތަހުގީގަށް އޮތް ފުރުސަތު ބަންދުނުވާ ކަމަށެވެ. އަދި އިންތިހާބާ ބެހޭ މައްސަލަތައް ޕާޓީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވެސް އޭނާގެ މެސެޖުގައި ވިދާޅުވިއެވެ.
ސައީދުގެ ވާހަކައަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ތާއިދުކުރައްވައިފައެވެ.