ފީފާ

ފީފާއަށް ފަލަސްތީނުގެ ސުވާލެއް: ފުޓުބޯޅައިން އިސްރާއީލް ބޭރުކުރަން ކެރޭނީ ކިހާވަރެއް ވީމަ؟

އިސްރާއީލް ދުނިޔޭގެ ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ފަލަސްތީނުން ހުށަހަޅައިފިއެވެ.

އިސްރާއީލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ގައްޒާއަށް ހަމަލާދީ، އެތައް މުސްލިމުންނެއް ޝަހީދު ކުރަމުންދާ އިރު، ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މީގެ ކުރިން ފީފާއިން ރަޝިއާ ފުޓުބޯޅައިން ބޭރުކޮށްފައިވާ އިރު، އިސްރާއީލްގެ ލާއިންސާނީ އަނިޔާތަކާއެކު އެގައުމުވެސް ފުޓުބޯޅައިން ބޭރުކުރަން ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ހިޔާލު ފާޅުކޮށްފައެވެ. އެހެންނަމަވެސް ފީފާއިން އެކަމަށް މީގެ ކުރިން ޖަވާބު ދީފައެއް ނުވެއެވެ.

ފީފާއިން އިސްރާއިލާ ގުޅޭގޮތުން ވާހަކަ ދައްކާފައިވަނީ މިއަދު ބެންކޮކްގައި އޮތް ކޮންގްރެސްގައި ފަލަސްތީނުން ހުށަހެޅި ހުށަހެޅުމަކާ އެކުގައެވެ. ފަލަސްތީނުގެ ފުޓުބޯޅަ އިދާރާއިން ހުށަހެޅީ އިސްރާއީލް ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށެވެ. އެ ހުށަހެޅުމަށް ކޮންގްރެސްގައި ޖޯޑަންގެ އެފްއޭއިން ވަނީ ތާއީދުވެސް ކޮށްފައެވެ.

ފަލަސްތީނު އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް މައްސަލަ ހުށަހަޅުއްވަމުން ފީފާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދަވާފައިވެއެވެ.

"ފަލަސްތީނުގެ ފުޓުބޯޅަ އާއިލާ ކިހާ ހާލަތެއްގައި ޖެހުނީމާތޯ ފީފާއަށް އެކަން އެނގޭނީ. ފީފާއަށް އިސްރާއީލަށް ފިޔަވަޅު އަޅަން ކެރޭނީ ކިހާވަރެއްވީމަތޯ؟ މީގެ ކުރިން އެހެން މައްސަލަތަކުގައި އެޅި އަވަސް ފިޔަވަޅުތައް މި މައްސަލައިގައި ނާޅަނީ ކީއްވެތޯ؟ ފީފާއަށް ބައެއް ހަނގުރާމަތައް، ބައެއް އިންސާނުންގެ ކަރާމާތް ހާއްސަވަނީތޯ؟،" ޖިބްރީލް ރަޖޫބް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ތާރީހުގެ ރަނގަޅު ސަފުހާގައި ތިބެން ފީފާއަށް ލާޒިމު ކަމަށެވެ. އެތައް މިލިއަން ކުދިންނަކާއި ކުށެއް ނެތް އާންމު ރައްޔިތުންނާއި ފުޓުބޯޅަ ކުޅުންތެރިންނަށް ޖެހެމުންދާ ހާލަށް ފީފާއިން އަޅައިލަން ޖެހޭ ކަމަށްވެސް ޖިބްރީލް ރަޖޫބް ވިދާޅުވިއެވެ.

އެ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނިންމާނީ ފީފާ ކައުންސިލުން ކަމަށާއި، އެކަމަށް ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށެވެ.

މިއަދުގެ ކޮންގްރެސްގައި އިސްރާއީލުން ފަލަސްތީނުގެ ވާހަކައަށް ރައްދުދެމުން ފަލަސްތީނުން ފުޓުބޯޅަ ސިޔާސީ ކުރަނީ ކަމަށްބުނެ، އޮޅުވާލުމަށް ތަފާތު ވާހަކަތަކެއް ދައްކާފައިވެއެވެ. އެގޮތުން އިސްރާއީލުން ބުނީ ހަނގުރާމައިގެ ސަބަބުން އިސްރާއީލްގެ ކުޅުންތެރިންނާއި ފުޓުބޯޅައަށް ކުރާ އަސަރު މާބޮޑު ކަމަށެވެ.