ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އެމެރިކާއިން މަރުހަބާ ކިޔައިފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް، ސުޕްރީމް ކޯޓުން މިއަދު ވަނީ އިއްވައިފައެވެ. ސުޕްރީމް ކޯޓުން ހުކުމްކުރީ އިންތިހާބު ބާލިލްކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔާފައިވަނީ ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގެ އެންމެ އިސްވެރިޔާ ރޮބާޓް ހިލްޓަން ކުރެއްވި ޓުވީޓެއްގައެވެ.
ރޮބާޓް ހިލްޓަންގެ ޓުވީޓުގައި އޭނާ ވިދާޅުވީ އެ ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔާ ކަމަށާއި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމާއެކު ގުޅިގެން މަސައްކަތްކުރަން އެމެރިކާއިން ބޭނުންވާ ކަމަށެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ބަލާ އިރު، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށެވެ.