މާލޭ ސްވިމިން ޓްރެކް

ސްވިމިން ޓްރެކް ފުންކޮށް ރޭގަނޑު ބޭނުން ކުރެވޭ ގޮތަށް ލައިޓް ހަރުކޮށް ނިންމާލައިފި

އިބްރާހިމް ޒަކީ

މާލޭ ސްވިމިން ޓްރެކް ފުންކޮށް ރޭގަނޑު ވެސް އެތަން ބޭނުން ކުރެވޭ ގޮތަށް ބޮކި ހަރުކޮށް ނިންމާލައިފިއެވެ.

ސްވިމިން ޓްރެކް ފުންކޮށް، ރޭގަނޑު ފެތޭ ގޮތަށް ބޮކި ހަރުކޮށް، ހިޔާ ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންނެވުމާ ގުޅިގެން އެމަސައްކަތް ފަށާފައިވަނީ މިމަސް ފެށުނުތަނާ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ ރޯދައިގެކުރިން ސްވިމިންގ ޓްރެކް ފުންކޮށް، އަލި ކުރުމުގެ މަސައްކަތް ނިމުނީތީ އުފާކުރައްވާ ކަމަށެވެ.

އަދި އެކަމުގައި، އެމްޓީސީސީގެ މަސައްކަތް ފާހަގަކޮށް އެކުންފުނީގެ އެމްޑީ އަށާއި މުވައްޒަފުންނަށް، މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި މޯލްޑިވްސް ސްވިމިން އެސޮސިއޭޝަންގެ ރައީސް އާއި ސްވިމިން ކުލަބްތަކާއި އެ ތަންތަނުގެ ދަރިވަރުންގެ ބެލެނިވެރިން ދިން އެއްބާރުލުން ފާހަގަކޮށް، އެފަރާތްތަކަށްވެސް މިނިސްޓަރު ވަނީ ޝުކުރު ދަންނަވައިފައެވެ.

ޓްރެކް ސަރަހައްދުން ބައެއް ތިލަވީ، އެ ސަރަހައްދުގައި ކުޑަވަރެއްގެ ގޮނޑުދޮށެއް ވޮޑެމުން ގޮހެވެ. އެއީ މާލެ ހުޅުމާލެ ބްރިޖް މަސައްކަތް ފެށިފަހުން އެއްވި ވެލި ތަކެކެވެ. މީގެކުރިން ވެސް ދެފަހަރެއްގެ މަތިން އެސަރަހައްދުގައި ވެލި ޖަމާވެ ތިލަވަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދު ފުންކުރަންޖެހުނެވެ.