(3 މެއިގެ އަދަދާ ގުޅޭ)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެއްކެވި ނަމޫނާއަކީ އިންސާނުންގެ ވިސްނުމާއި ޝަޚްޞިއްޔަތަކީ ކަނޑިއާއި ހަންމުށީން ބަދަލުކުރެވޭނެ އެއްޗެއް ނޫންކަމެވެ. އެކަންކުރެވޭނީ ބުއްދީގެ ހަމަދެއްކުމާއި އަޚްލާޤީ ގޮވައިލުންތަކުންކަމެވެ. ރުޅިއިސްކުރުމުގެ ބަދަލުގައި އެކަމަށް ބޭނުންވަނީ ކެތްތެރިވުންކަމެވެ. ބަދަލުހިފުމަށްވުރެ ފޮނި ނަތީޖާއެއް ހޯދޭނީ ކެތްތެރިވުމުންކަމެވެ. އިންސާނިއްޔަތުގެ އެންމެބޮޑު މުޙުސިން ތާރީޚުގެ ފަޒާގައި ދިއްލަވާން ބޭނުންފުޅުކުރެއްވީ ރީތި އަޚްލާޤުގެ ގިންދީލުތަކެވެ. އިދިކޮޅު ފަރާތްތަކުގެ އިހާނެތިކަމަށާއި ފިތުނަވެރީންގެ ނުބައިނުލަފާކަމަށް ކެތްކުރައްވައި ޢަފޫކުރެއްވުމާއި އަޅުއްވައިނުލައްވައި ދޫކޮށްލެއްވުމެވެ. ރަޙުމަތުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެގޮތުން ދެއްކެވިފަދަ މިސާލުތަކެއް އިންސާނީ ތާރީޚުން ހޯދައިގަނެވުމަކީ މުސްތަޙީލު ކަމެކެވެ. ފާސިދު ނުބައި ނުލަފާބަޔަކު މަސައްކަތްކުރަމުން ގެންދިޔައީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އެތައް އަހަރެއްގެ މަސައްކަތްޕުޅު އެވެރީންގެ ފަސާދައިގެ ޠޫފާނީ ރާޅުތަކުގެ ތެރޭގައި އޮޔާލާށެވެ. ދައުލަތުގެ އައުދާނަކަމާއި ޤާނޫނުގެ އާރާއި ބާރަށް ހުއްޓުންއަރުވައިލާށެވެ. ޝަހީދުކުރުމުގެ އެންމެ ދަށްފެންވަރުގެ ނުބައި ރޭވުންތަކުގެ ޒަރީޢާއިން ހިތްޕުޅުގެ ހަމަޖެހުން ނަގައިލާށެވެ. އެކަމަކު ދުނިޔެ ދެކެފައިވާ ނަމޫނާ ރިޔާސަތުގެ ޤާއިދު އެފިތުނަފަސާދައިގެ ޠޫފާނުގެ ތެރެއިން އިސްލާމީ ރިޔާސަތުގެ ނަވާއިގެން ސަލާމަތުގެ އައްސޭރިޔަށް ވަޑައިގެންނެވީ ފިސާރި ކުޅަދާނަފުޅުކަމާއި ހުސިޔާރުފުޅުކަމާ އެކުގައެވެ. އެނައު ޠޫފާނީ ރާޅެއްގެ ހޮޅިދަށުވުން އެއްކިބައިގައި އޮއްވައި މާބޮޑަށް ރޯލުކުރިޔަކަވެސް ނުދެއްވައެވެ.
ނަމަވެސް އިދިކޮޅު ބާރުތަކުން ޖަރީމާތައް ހިންގުމާއި ނުބައި ނުލަފާކަމުގެ ރަތްރޮނގު ހުރަސްނުކޮށެއް އެންމެފަހަރަކުވެސް ނޭވާޔަކަށްވެސް ހުއްޓައެއް ނުލައެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެބައިމީހުން ގެންދިޔައީ ތަކުރާރުކޮށް ޣަދަރުވެރިވަމުންނެވެ. ތިމަންމެންނަކީ ދުސްތޫރީ މުޢާހަދާއެއްގެ ގައްލާބަންދު ކަރުގައި އެޅިފައިވާ ބައެއްކަމެއް އެންމެފަހަރަކުވެސް ހަނދާނެއް ނުކުރެއެވެ. ތިމާމެން އަމިއްލަޔަށް އެ ރިޔާސަތެއްގެ ރައްޔިތުކަން ޤަބޫލުކޮށްފައިވާ ރިޔާސަތަށް ވަފާތެރިވުމަކީ ދީނީގޮތުންނާއި ސިޔާސީގޮތުން ތިމާމެންގެ މައްޗަށް ވާޖިބުކަމެއްކަން ކުޑައިކޮށްވެސް ހަނދާނެއް ނުބަހައްޓައެވެ. އެއުރެން ތަކުރާރުކޮށް ފާޅުގައި ހިންގައިފައިވާ ޣަދަރުވެރި ޢަމަލުތަކަކީ އެޒަމާނުގެ ސިޔާސަތުގެ ދާއިރާގައިވެސް އަދި ޖުމްހޫރިއްޔަތުގެ ދަޢުވާގެ އަޑު ގުގުމަމުންދާ މިޒަމާނުގައިވެސް ދައުލަތެއްގެ ފުރަމާނަކަން ދެމެހެއްޓުމުގައި ރަށްވެހިކަން ނިގުޅައިގަނެ މަރުގެ އަދަބުނުދީ ދޫކޮށްނުލާނެ އަފޫރުއްބަ ކުށްކުށެވެ. ނަމަވެސް އިންސާނީ ތަމައްދުނުގެ ތާރީޚާއި ތަޤްދީރު ބަދަލުކޮށްލައްވަން ވަޑައިގެންނެވި ސާހިބާ އެފަދަ ބޮޑެތި ޖަރީމާތަކާމެދުވެސް ސާބިތުކޮށްދެއްވީ އިންތިހާދަރަޖައިގެ ކެތްތެރިވެވަޑައިގެންނެވުމެވެ. ބަރުދާސްތުކުރެއްވުމެވެ. އެންމެފަހު ނޭވާފުޅާ ހަމަޔަށްވެސް މަސައްކަތްޕުޅު ކުރެއްވީ ދުޝްމިން ބާރުތަކުގެ މީހުންގެ އިންސާނީ ޝަރާފަތުގެ ޙިއްސު ހޭލެއްވޭތޯއެވެ. އެބައިމީހުންގެ ކިބައިގައި ވިސްނައި ފިކުރުކުރުމުގެ ބާރު އުފެއްދެވޭތޯއެވެ. ތެދު ޤަބޫލުކުރުމުގެ ޠަބީޢަތު އަށަގެންނުވޭތޯއެވެ. ދެވަނަފަހަރުން ނުވަތަ ތިންވަނަ ހަތަރުވަނަ ފަހަރުންވިޔަސް އެބައިމީހުން ހަމަމަގަށް އާދޭތޯއެވެ. އެކަމަކު ނާކާމިޔާބީގެ އެންމެފުން އަނދަވަޅަށް ވެއްޓުމުގެ ކުރިޔަކު އެބައިމީހުންގެ ލޯތަކެއް ނުހުޅުވުނެވެ. __ (إلاّ مــاشــاء اللّــــه)
ޔަހޫދީންގެ މަގުދެއްކުމާއެކު ފަސްވަނަކޮލަމުގެ މީހުން ހިންގައިފައިވާ ޣަދަރުވެރި ބައެއް ޙަރަކާތްތަކަށް މިތާނގައި އަލިއަޅުވައިލާން ޤަޞްދުކުރަމެވެ. އިންސާނިއްޔަތުގެ ލާބަޔަށްޓަކައި ހެޔޮކަމުގެ ނިޒާމެއް ޤާއިމުކުރައްވާން މަސައްކަތްކުރެއްވި ޢަދުލުއިންޞާފުގެ ދާޢީން ކުރިޔަށް ވަޑައިގެންނެވީ ކޮންކަހަލަ ކަށިކުނބުރު ގަސްތަކެއްގެ ތެރެއިންކަން ތާރީޚުގެ ދަރިވަރުން ވަޒަންކުރެއްވުމަށްޓަކައެވެ.
ހަނދުމަފުޅު ހުންނާނެ ފަދައިން ޙައްޤާއި އިޚްލާޞްތެރިކަމުގެ މުޖައްސިމުން (އަންޞާރުން) ޢަޤަބާގެ ދެވަނަ ބައިޢަތުގެ މަޖިލީހުގައި ޙައްޤު ދީނުގެ ނަބިއްޔާގެ އަތްޕުޅަށް އެބޭކަލުންގެ އަތްޕުޅު ދެއްވީ އެމާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ގެމަށް ވޮޑިގަތުމާއި އިސްލާމީ ތަޙްރީކުގެ މަރުކަޒަކަށް މަދީނާ ހެއްދެވުމަކީ ހަނގުރާމައިގެ ދަޢުވަތެއްކަން ރަނގަޅަށް ދެނެވަޑައިގެން ތިއްބަވައެވެ. އެބޭކަލުންގެ ބައިޢަތަކީ ޤުރައިޝުންނަށް ޖެއްސެވޭ ގޮމެއްކަން ވިސްނިވަޑައިގެން ތިއްބަވައެވެ. އެބޭކަލުންގެ ބައިޢަތަކީ ޤުރައިޝުންގެ ޖަޒުބާތުގައި ހުޅުރޯވެ ކަނޑިތައް އުރައިން ދަމައިގަންނާނެ ކަމެއްކަން ދެނެވަޑައިގެން ތިއްބަވައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޒާތުފުޅާއި އެމާތް ނަބިއްޔާ ޤާއިމުކުރައްވާ ހެޔޮކަމުގެ ތަޙްރީކުގެ މެންބަރުންނާއި ތަޙްރީކުގެ މަރުކަޒު ޙިމާޔަތްކުރައްވައި ރައްކައުތެރިކުރި ކުރެއްވުން ބިނާވެފައިވާނީ މަދީނާގެ އަހުލުވެރީން ދެއްވާ އެއްބާރުލެއްވުމުގެ މައްޗަށްކަން މޭރުންވެވަޑައިގެން ތިއްބަވައެވެ. އަންޞާރުންގެ މަންދޫބުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަތްޕުޅުމައްޗަށް ބައިޢަތުހިއްޕަވައި އެމާތް ސާހިބާއަށް މަދީނާއަށް ގެމަށް ވޮޑިގެންނެވުމަށް ދަޢުވަތު އެރުއްވީ އެކަން ހިތްޕުޅުގެ އަޑީން ޤަބޫލުކުރައްވައިގެންނެވެ. ޔަހޫދީ ޤަބީލާތަކުންވެސް ވަނީ ހިޖްރައިން ފުރަތަމަ އަހަރު (އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެމަށް ވޮޑިގެންނެވިތާ ގާތްގަނޑަކަށް ހައެއްކަމަސްދުވަހުގެ ތެރޭގައި) އިސްލާމީ ދައުލަތާއެކު މުޢާހަދާއެއްގައި ސޮއިކޮށް އެދައުލަތުގެ ރައްޔިތުންކަމުގައި ވެގެންފައެވެ. އަންޞާރުން ޖުމުލަގޮތެއްގައިވަނީ އެންމެފަހު ވަގުތާ ހަމަޔަށްވެސް އެބޭކަލުންގެ ބައިޢަތުގެ ޙައްޤު އަދާކުރައްވައިފައެވެ. ނަމަވެސް މާތް اللّــــه ގެ ފޮތުގެ އަމާނަތާ ޙަވާލުވެތިބި ނަބީބޭކަލުންގެ ވާރިޘުންކަމުގައި ދަޢުވާކުރާ ޔަހޫދީން ގެންދިޔައީ އެބައިމީހުންގެ އަންދުވަހުގެ އާދައިގެމަތީން އިރުއިރުކޮޅާ ޢަހްދާ ޚިލާފުވަމުންނެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަޔާތްޕުޅުގައި ހިނގައިފައިވާ ކޮންމެ ޣަޒުވާއަކާއި ޢަސްކަރީ މުހިންމަތަކީ އެކަމެއްގެ ފެށުމުގައްޔާއި މެދުތެރެއިންނާއި ނިމުމާ ވިދިގެން މަދީނާގެ ޔަހޫދީންނާއި އެބައިމީހުންގެ ދަރިވަރުންކަމުގައިވާ ފަސްވަނަކޮލަމުގެ މުނާފިޤުން އެކަމަކަށް ނައްސިގޮތުގައި ފާޑުކިޔައި ޣަދަރުވެރިކަމުގެ ޖައުހަރު ދައްކައިފައިވާ ކަންކަމެވެ. އެބައިމީހުންގެ ދުލުގެ ވިހަ ތީރުތަކުން ޙަމަލަދީ އިސްލާމީ ތަޙްރީކުގެ ނާރުތައް ބުރިބުރިކޮށް އެ ތަޙްރީކުގެ މޭ ފޫވައްޓާން މަސައްކަތްނުކުރާ އެއްވެސް ޢަސްކަރީ ޙަރަކާތެއް ދޫކޮށެއް ނުލައެވެ. އެބައިމީހުންގެ މަސައްކަތަކަށް ހަދައިފައިވަނީ މުސްލިމުންގެ ހިތްވަރު ބަލިކުރުމެވެ. އީމާންކަން ފުކެއް ބަލިކަށި މީހުން ބިރުގަންނަވައި ޖެހިލުންކުރުވުމެވެ. މުނާފިޤުކުރުވުމެވެ. މުސްލިމުންގެ އެއްބައިވަންތަކަށް ނަގައިލުމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ކެހިދެވޭތޯ އުޅުމާއި އެމާތް ސާހިބާގެ ޤިޔާދަތާމެދު މުސްލިމުންގެ އިތުބާރާއި ޔަޤީންކަމަށް ބުރޫއެރުވުމެވެ. މިއިން ކޮންމެ ރޮނގަކުންވެސް އެބައިމީހުންނަށް ފުރޮޅޭނެ އެއްވެސް ގައުކޮޅެއް ނުފޮރުޅައި ދޫކޮށެއް ނުލައެވެ.
ޝައްކެއްނެތެވެ. ޔަހޫދީންނަށާއި ފަސްވަނަކޮލަމުގެ މުނާފިޤުންނަށް އެބައިމީހުންގެ ޖައުހަރު ދައްކަން ލިބުނު ރަނުގެ ފުރުސަތަކީ ޢަހްޒާބު ހަނގުރާމައެވެ. (ޚަންދަޤު ހަނގުރާމައެވެ.) ސީރަތުގެ އަހްލުވެރިން ހަނދުމަފުޅު ހުންނާނެ ފަދައިން ބަދުރު ހަނގުރާމައިގައި މުސްލިމުންވަނީ ކިބުރުވެރި ޤުރައިޝުންގެ ކަންކަށިމަތީގައި ވަރުގަދަ ތަފާލެއްއަޅައި ވިހެލައިފައެވެ. އުޙުދު ހަނގުރާމަޔަކީ ޤުރައިޝުން އެކަމުގެ ބަދަލުހިފަން ވަރަށްބޮޑަށް ތައްޔާރުވެގެން މަދީނާއަށް ދިން ޙަމަލައެކެވެ. އެ ހަނގުރާމައިގެ އެންމެ ނާޒުކު ވަގުތު ފަސްވަނަކޮލަމުގެ މީހުން ވަރަށްބޮޑަށް ޣަދަރުވެރިވިއެވެ. އެކަމަކު އެހަނގުރާމަޔަކުންވެސް ޤުރައިޝުން ބޭނުންވި ނަތީޖާއެއް ނުނެރެވުނެވެ. އެހަނގުރާމައިން މުސްލިމުންނަށް ގެއްލުންތަކެއް ލިބުނުކަމުގައިވިޔަސް ޒަމާނީ މުއައްރިޚުންކުރެ މުޙައްޤިޤުންނާއި އަފޫރުއްބަ ޢަސްކަރީ މުޙައްލިލުން އުޙުދު ހަނގުރާމަޔާމެދު ނިންމަވައިފައިވަނީ އެހަނގުރާމައަކީ ގަދަވުމާއި ބަލިވުމުގެގޮތުން ބަލާއިރު ދެފަރާތުންކުރެ އެއްވެސްފަރާތަކަށް ނަތީޖާއެއް ނުނެރެވޭ ހަނގުރާމައެއް ކަމުގައެވެ. ރަޙްމަތުގެ ނަބިއްޔާ އުޙުދު ހަނގުރާމައިގައި ބަލިފުޅުވިކަމުގައި ބައެއް ފަރާތްތަކުން އަޑަށް ބާރުލައިފައި ވާހަކަ ދެއްކިކަމުގައިވިޔަސް ޙަޤީޤަތް އޮތީކީ އެގޮތަކަށެއް ނޫނެވެ. (އަޅުގަނޑު ލިޔެފައިވާ ފޮތެއްކަމުގައިވާ "އުޙުދު ހަނގުރާމަ: ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ލާމަސީލު ޢަސްކަރީ ޤިޔާދަތާއި ކެތްތެރިވެވަޑައިގެންނެވުމާއި ސާބިތުވެވަޑައިގެން ހުންނެވުމުގެ ތާރީޚީ ހަނދާނެއް" މިފޮތަށް އިންތިޒާރު ކުރެއްވުން އެދެމެވެ.) އާދޭހެވެ. އުޙުދު ހަނގުރާމައިގައިވެސް ޤުރައިޝުންނަށް މަޖްބޫރުވީ ފުރިހަމަ ކާމިޔާބީއެއް ނުހޯދި އެނބުރި ދާށެވެ.
ހިޖްރައިން ފަސްވަނަ އަހަރު ޤުރައިޝުން އެބައިމީހުންގެ ހުރިހައި ޙަލީފުންނާއި މަދީނާގެ ފިތުނަވެރީންގެ އެންމެންނާ ގުޅިގެން ޢަރަބި އެތައް ޤަބީލާތަކަކަށް ވަސްވާސްދީ ހައްލައިގެން އެންމެން އެއްވަލަކަށް މެހިގެންއައިސް މަދީނާ ވަށައިލިއެވެ. މިއީ މުސްލިމުންނާ ކުރިމަތިވި ވަރަށްވެސް ނުސިޔާނު ޙާލަތެކެވެ. ކީރިތި ޤުރްއާނުގައި އެމަންޒަރު ސިފަކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.
"ތިޔަބައިމީހުންގެ މަތީންނާއި ތިރީން (އެބަހީ: ނަޖުދުކަރަވީ ފަރާތާއި މައްކާވީ ފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެކެވެ." (الأحـــــزاب: 10)
އެކަމަކު މާތް اللّــــه ގެ ރަޙްމަތްފުޅާއެކު އެ ހަނގުރާމަޔަށްފަހު ޤުރައިޝުންނާއި އިސްލާމްދީނުގެ އެހެނިހެން ދުޝްމިނުންގެ ބާރުތައްވަނީ ކަފާސްވެފައެވެ. މުސްލިމުން އެހައިތަނުންވަނީ ދުޝްމިނުންނާ ކުރިމަތިވުމުގައި ދިފާޢީ ޕޮލިސީ ދޫކޮށްލައި ދުޝްމިނުން ގިއްގަޅުވައި އިނދަޖައްސައިލުމަށްޓަކައި ކުރިޔަށް ނުކުމެ ފިޔަވަޅު އެޅުމުގެ ސިޔާސަތު ޚިޔާރުކޮށްފައެވެ.
(ނުނިމޭ)