ގާސިމް އިބްރާހިމް

ގާސިމްގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގައި މާދަމާ ހުކުމް އިއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

ގާސިމަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް މިމަހުގެ 11 ވަނަ ދުވަހު ހައި ކޯޓުން ވަނީ ނިންމާލައިފައެވެ. އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރަށެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހު ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ލުމަށް ހުކުމް ކޮށްފައެވެ. އެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ގާސިމް ހޮސްޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޣައިރު ހާޒިރުގައެވެ.

ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓްލާ މެންބަރުންނަށް އެހީތެރިވެ ދެވަނަ ދައުރަކަށް ހޮވައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެންނެވެ.

ގާސިމްގެ ޣައިރު ހާޒިރުގައި އިއްވި ހުކުމުގައި ބުނެފައިވަނީ ގާސިމް ދެއްކެވި ވާހަކަތަކަކީ ގާނޫނު އަސާސީއާއި ގާނޫނީ އިމުގެ ތެރެއިން ދައްކަވާފައިވާ ވާހަކަތަކެއް ކަމެއް ގާސިމަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ރިޝްވަތު ހުށަހެޅުމުގެ ދައުވާ ގާސިމަށް ކުރެވިއްޖެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ހުކުމްގައިވެއެވެ.

ގާސިމް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު ބޭސްފަރުވާއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ގާސިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވިއެވެ. އަދި އޭގެފަހުން ޖަރުމަނުވިލާތުގައި ގާސިމް ދިރިއުޅުއްވަމުންދިޔައީ އެގައުމުގެ ސަރުކާރުގެ ޚާއްސަ ހުއްދައާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރުމުން ގާސިމް އެނބުރި ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.