ބޮލީވުޑްގެ ބަތަލުން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގްގެ ކައިވެނި ނޮވެމްބަރު 14 އަދި 15 ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
ދީޕިކާ އާއި ރަންވީރުވެސް ވަނީ އެމީހުންގެ ޓުވިޓަރގައި ކައިވެނީގެ ކާޑު ހިއްސާކޮށްފައެވެ. މީޑިއާގައި މި ދެ ބައިވެރިންގެ ކައިވެނީގެ އަޑުތައް ފެތުރޭތާ މަހެއްހާ ދުވަސްވެފައިވާ އިރު ދީޕިކާވެސް ރަންވީރުވެސް މީގެ ކުރިން އެއާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި މީގެ ދެ ދުވަސް ކުރިން ރަންވީރު ވަނީ އޭނާގެ މިހާރުގެ އަމާޒަކީ އެކްޓު ކުރުމާއި މިވަގުތު ކުޅެން ހުރި ފިލްމްތައް ކުޅެ ނިންމުންކަމުގައިވެސް ބުނެފައެވެ.
ކާޑު ހިއްސާކޮށްފައިވިއަސް އޭގައި ކައިވެނި ކުރާ ތަނެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އަޑުތައް ފެތުރިފައިވާ ގޮތުގައި ކައިވެނި އޮންނާނީ ބެންގަލޫރު ނުވަތަ އިޓަލީގައި އާއިލާ އާއި ގާތް ރަހްމަތްތެރިންނާ އެކުގައެވެ. އަދި އެ ހަފްލާއަށް ފޯނު ވެއްދުން މަނާވާނެ ކަމަށްވެސް ވަނީ އަޑު ފެތުރިފަައެވެ.
33 އަހަރުގެ ރަންވީރު އަދި 32 އަހަރުގެ ދީޕިކާ ވަނީ އެކީގައިވެސް ފިލްމް ތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ގޯލިޔޯން ކި ރަސްލީލާ ރާމް ލީލާ"، "ބަޖެރާއޯ މަސްތާނީ" އަދި "ޕަޑްމާވަތް" ހިމެނެއެވެ. މިތިން ފިލްމަކީވެސް ސަންޖޭ ލީލާ ބަންސާލީގެ ފިލްމްތަކެވެ.