ޕީޕީއެމް

ތަކެތީގެ އަގު އަތްނުފޯރާ ވަރަށް އުފުލެނީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތު ދޯހަޅިކަމުން: ޕީޕީއެމް

ރަމަޟާންމަހާ ދިމާކޮށް ބާރާޒުގައި ތަކެތީގެ އަގު އަތްނުފޯރާ ވަރަށް ބޮޑުވަމުންދަނީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ދޯހަޅި ކަމުން ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ބަޒާރުގައި ތަކެތީގެ އަގުތައް ބޮޑުވަމުންދާއިރު، ސަރުކާރުން އެކަމާ ދުރާލައި ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށެވެ.

ބަޔާނުގައި ވަނީ ގޭބީސީތަކުގައި މައިގަނޑުގޮތެއްގައި ކެއްކުމާއި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ބާޒާރުގައި އުފުލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އެކަމަށް ސަމާލުކަން ދިނުމަށް ގޮވައިލައިފައެވެ.

އަދި މި ދަނޑިވަޅުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ސަރުކާރުން ބާޒާރުގައި ތަކެތީގެ އަގުތައް ކުޑަކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އެޕާޓީން ވަނީ ގޮވައިލައިފައެވެ.

''ދިވެހި ރައްޔިތުންނާއި ސީދާ ގުޅިފައިވާ މިފަދަ ބޮޑު ކަމެއްގައި ސަރުކާރުން ޒިންމާދާރު ކަމާއެކު އަމަލުކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ތިިރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކަރުން މަސައްކަތް ކުރާނެ ކަމަށްވެސް އުންމީދުކުރަމެވެ..،'' ޕީޕީއެމުން ނެރުނު ބަޔާނުގައި ވެއެވެ.

ރަމަޟާން މަހު ބާޒާރުގައި ކެއިން ބުއިމަށް ބޭނުންކުރާ ބައެއް ތަކެތީގެ އަގުތައް އުފުލެމުންދާ އިރު، މިއަދު މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު އުޅެނީ 45 ރުފިޔާއަށެވެ.

އަދި ކަނޑުދޫ މިރުސް ކިލޯއެއްގެ އަގު މިއަދު ހުރީ 1200 ރުފިޔާއަށެވެ. އާދައިގެ ގިތެޔޮ މިރުސް ކިލޯއެއް 950 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަގެއްގައި ހުރި އިރު، ތޮޅި މިރުސް ކިލޯއެއްގެ އަގު ހުރީ 200 ރުފިޔާއަށެވެ. އަދި ލެޓިއުސް ފަތް ކިލޯއެއްގެ އަގު ހުރީ 150 ރުފިޔާއަށެވެ. މިއީ އާންމު މަސްތަކާ އަޅައި ބަލާއިރު ދެގުނަ ބޮޑު އަގެކެވެ.

ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއާއި އިކޮނޮމިކް މިނިސްޓްރީން ވަނީ މަސައްކަތް ފަށައިފައެވެ.