ރިއަލިޓީ ޝޯ އިންޑިއަން އައިޑޮލްގެ ޖަޖް އަނޫ މަލިކް އެޝޯއިން އިސްތިއުފާދީފިއެވެ.
މިއުޒިކް އުފެއްދުމަށާއި ލަވަ ކިޔުމަށްވެސް މަޝްހޫރު އަނޫ މަލިކް އިންޑިއަން އައިޑޮލް އިން އިސްތިއުފާދީފައި މިވަނީ އޭނާއަށް ހެރެސްމަންޓްސް ތަކެއްގެ ތުހުމަތު ތަކެއް ކޮށްފައިވާ ވަގުތެއްގައެވެ. އަދި އަޑުފެތުރިފައިވާ ގޮތުގައި ޝޯގެ ފަރާތުން އަނު މަލިކް އިސްތިއުފާދިނުމަށް އެދިފައިވާ ކަމަށެވެ.
ނަމަވެސް އަނޫ މަލިކް ވަނީ މިކަން ދޮގުކޮށް އިސްތިއުފާ ދިނީ މިވަގުތަށް ބްރޭކްއެއް ނަގަން ބޭނުން ވާތީ ކަމަށް ބުނެފައެވެ. އަދި މަސައްކަތާއި ޝޯއަށްވެސް ދޭން ބޭނުންވާ ވަރަށް ސަމާލުކަން ނުދެވޭތީ ކަމަށް ބުނެފައެވެ.
އިންޑިއާގައި މި ދުވަސްވަރު "#މީޓޫ" މޫވްމަންޓް ވަރަށް ހަލުވި ކަމާއެކު ކުރިއަށް ދާއިރު ގިނަ ބަޔަކަށް ތުހުމަތުގެ އިނގިލިތައް ދަނީ ދިއްކުރެވެމުންނެވެ. އަނޫ މަލިކްއަށް ވަނީ ހަތަރު އަންހެން ލަވަކިޔުންތެރިންތަކަކާ ބެހުނު ކަމަށް ތުހުމަތު ކޮށްފައެވެ.