ީޭއިންޓަޕޯލް

ސީލައިފްގެ އެމްޑީ ހޯދަން ތިން ގައުމެއްގައި ޕޯސްޓަރު ހަރުކުރަން ފަށައިފި

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ތިން ގައުމެއްގައި އައްމަޓީ ހޯދަން ޕޯސްޓަރު ހަރުކުރަން ފަށައިފިއެވެ.

އައްމަޓީ ހޯދަން ޕޯސްޓަރު ހަރުކުރަމުން އަންނަނީ ސްރީލަންކާ، އިންޑިއާ އަދި އޮސްޓްރޭލިއާގައެވެ. އެގޮތުން އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ ކައިރީ އައްމަޓީގެ ފޮޓޯއެއް ހަރުކޮށްފައިވެއެވެ.

ތިން ގައުމުގައި ވެސް އައްމަޓީގެ ފޮޓޯއާއި ޕޯސްޓަރުތައް ހަރުކުރަނީ ފްލެޓް ދޭނެ ކަމަށް ބުނެ އައްމަޓީ ފައިސާ ނަގާފައިވާ ބައެއް އާއިލާތަކާ ގުޅުންހުރި ފަރާތްތަކުންނެވެ.

އެޗްޑީސީން، ސީ ލައިފްއާ ހަވާލުކުރީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށެވެ. ސީ ލައިފުން ފްލެޓްތަކަށް އެތައް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ފްލެޓް އެޅުމުގެ މަސައްކަތެއް ނުކުރެ އެވެ.

އެމީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ވިކްޓިމްސް ގްރޫޕުން މިހާރު އަންނަނީ އައްމަޓީ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ފަހުން ބޭރު ބައެއް ގައުމުތަކުގައި އޭނާގެ ފޮޓޯ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

''ވަން އޮންލައިން''އަށް މައުލޫމާތުދެމުން ވިކްޓިމްސް ޓީމުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްމަޓީ ހޯދަން މިދިޔަ މަހު އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާ ގުޅިގެން އެޓީމުގެ ފަރާތުން ދުނިޔޭގެ އެކި ގައުމުތަކުގައި ފޮޓޯއާއި ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ލަންކާއާއި އިންޑިއާ އަދި އޮސްޓްރޭލިއާގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތަކުގައި އައްމަޓީގެ ފޮޓޯ ހަރުކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އަދި އިނގިރޭސިވިލާތުގައި ވެސް ފޮޓޯއާއި ޕޯސްޓަރު ހަރުކުރާނެ ކަމަށެވެ.

އޭނާ ބުނީ ލަންކާގެ ލަގްޒަރީ ހޮޓާތަކުގައި އައްމަޓީ ދިރިއުޅޭ ކަމާއި ދިވެއްސަކު ފެނުމުން އޭނާ ފިލާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހުޅުމާލޭގައި ފްލެޓް އަޅަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އަޅައިނުދީ، އަދި އެ ފައިސާވެސް ދީފައިނުވާ މައްސަލައިގައި، އަހުމަދު މޫސާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ވަނީ އެދިވަޑައިގެންފައެވެ.

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލުން ސީލައިފްއާ އެޗްޑީސީން ބިން ހަވާލުކުރީ އެތަނުގައި ތިންހާސް ހައުސިން ޔުނިޓް އެޅުމަށްޓަކައެވެ.

ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ހައުސިން ޔުނިޓްތައް އަޅާފައި ނުވުމާއި ފައިސާވެސް ދީފައިނުވާތީ، 200 އަށްވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ދައްކައިފަ އެވެ.

ސީލައިފްގެ އެފަދަ އެތައް މައްސަލައެއް އޭސީސީ އާއި ކޯޓުތަކުގައި ހިނގަމުން އަންނަ އިރު، ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް ވަނީ އަހުމަދު މޫސާ ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ޖެހުމާ އެކު އޭނާ ވަނީ ރާއްޖެ ދޫކޮށް އަވަށްޓެރި ސްރީލަންކާއަށް ގޮސްފައެވެ.