މިނިސްޓަރު އިމްރާން އަބްދުﷲ

ކަރެކްޝަނަލް ސަރވިސް ހިއްސާވާގޮތަށް ކުންފުންޏެއް އުފައްދައި، ގައިދީންނަށް ބޯފެން ފޯރުކޮށްދޭން ފަށައިފި

އިބްރާހިމް ޒަކީ

1

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިއްސާވާ ގޮތަށް އުފައްދަވާފައިވާ ޕްރިސް ވޯޓަރ ކުންފުނި މެދުވެރިކޮށް ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދޭން ފަށައިފިއެވެ.

އެކުންފުނީގެ ފަރާތުން މާފުށީ ޖަލުގައި ގާއިމްކުރި ފެން ޕްލާންޓް މިއަދު ހުޅުއްވައި ދެއްވައި ހިދުމަތް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

ހޯމް މިނިސްޓްރީން ބުނީ، މިމަޝްރޫއުގެ ދަށުން ފެނުގެ ހިދުމަތް ދިނުމަށް ކުރާ ހަރަދުވެސް އެތައްތަނަކުން ކުޑަވާނެކަމަށެވެ.

އެ މިނިސްޓްރީ ބުނިގޮތުގައި، އެގޮތުން ކުރިން ދުވާލަކު 84000 ރުފިޔާ ޚަރަދުކުރި ނަމަވެސް އެއަދަދު މިހާރު 24000 ރުފިޔާއަށް ކުޑަވާނެއެވެ. މިއަދު ހުޅުވި ފެން ޕްލާންޓުން ދުވާލަކު 80 ޓަނުގެ ފެން އުފެއްދޭނެއެވެ.

މާފުށި ޖަލަށް ބޭނުންވަނީ ދުވާލަކަށް 9 ޓަނުގެ ފެނެވެ. މިއަހަރުގެ މާޗް މަހު ފެށި މިމަޝްރޫއުގެ މަގުސަދަކީ ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި، ޖަލަށް ވެއްދޭ ޕްލާސްޓިކް ފުޅި މަދުކުރުމެވެ. އަދި ފެނަށް ކުރެވޭ ހަރަދު ކުޑަކުރުން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ފެންޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުން ގައިދީންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތައް ވަރަށް ގިނަ ކަމަށާއި، ފެންޕްލާންޓްގެ ސަބަބުން ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގައި އެޅިގެން މިދިޔައީ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ.

ފެންޕްލާންޓްގެެ ސަބަބުން ހުރިހާ ގައިދީންނަށްވެސް ހަމަހަމަގޮތެއްގައި ބޯން އެންމެ ކަމުދާ މިނަރަލް ވޯޓަރ ލެވެލްގެ ރަނގަޅު ފެން ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ދެން އިރާދަކުރެއްވިއްޔާ ޖަލުގެ ތެރޭގައި ފެނުގެ ސަބަބުން ދިމާވާ ބަލިތަކާއި، ދިމާވާ ސިއްހީ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް. އަދި ސަރުކާރުން މިހާރު ހޭދަކުރަމުންދާ ހޭދަކުރުމަށްވެސް ވަރަށްބޮޑުތަނުން ލުއިވެގެންދާނެ. ހަމައެހެންމެ ޕްލާސްޓިކް ފުޅީގައި މި އެތެރެކުރަންޖެހޭ ފެނަށްވެސް ހުއްޓުމެއް އަންނާނެ. ހަގީގީތުގައި ގައިދީންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސާފުބޯފެން ފޯރުކޮށްދިނުން އަޅުގަނޑުމެން ބަލައިގަންނަނީ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ޕްރިސް ވޯޓަރ ކުންފުނީގެ ޗެއަރމަން އަބުދުﷲ ސައީދު ވިދާޅުވީ ޖަލަށް ބޭނުންވާ ތިން ދުވަހުގެ ފެން އެއްދުވަހުން ޖަމާކުރުމުގެ ގާބިލްކަން ލިބިފައިވާކަމަށެވެ.

މާދަމާ ފަށާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޖަލުގެ ހުރިހާ ގޮޅިތަކަށްވެސް ފެން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟