މިނިސްޓަރު އިމްރާން އަބްދުﷲ

ރޯދަމަހު ގައިދީންނާމެދު ހެޔޮކޮށް ހިތުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހޯމްމިނިސްޓަރު އިލްތިމާސް ކުރައްވައިފި

އަލީ އިހްސާން

ރޯދަމަހު ގައިދީންނާ މެދު ހެޔޮކޮށް ހިތުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ މިކަމަށް އިލްތިމާސްކުރެއްވީ މާފުށީ ޖަލުގައި ފެންޕްލާންޓެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮފިސަރުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދެއްވެން އޮތް ލުޔެއް ދެއްވައި، ގައިދީންނާ މެދު ވީހާވެސް ބޮޑަށް އޯގާތެރިކޮށް، ހެޔޮކޮށް ހިތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގައިދީންނަކީވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ކަމަށާއި، އެމީހުންވެސް ތިބޭނީ ރޯދައަށް ކަމަށެވެ. އެހެންކަމުން ރޯދަމަހު ގައިދީންނާ މެދު ވަކިން ބޮޑަށް އިހުސާންތެރިކޮށް ކަންތައްކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.