ފިނިހަނގުރާމައޭ ކިޔުނު ދުވަސްވަރެއް ދާދިފަހުން ދުނިޔެ ވަނީ ތަޖުރިބާކޮށްފައެވެ. ދެކެފައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނިޒާމީގޮތުން އަދި ފިކުރީގޮތުން ދުނިޔެ ދެ ބަޔަކަށް ބެހި އެއްބަޔަކު އަނެއްބަޔަކާ ވިއްދައި ފާރަވެރިވެގެންތިބި ދުވަސްވަރެވެ. އެއްބަޔަކީ އެމެރިކާ އާއި އެގައުމުގެ ބައިވެރިންނެވެ. އަނެއްބަޔަކީ ސޯވިއެޓް ޔުނިއަން ނުވަތަ ރަޝިޔާ އާއި އެގައުމުގެ ބައިވެރިންނެވެ. ދުނިޔޭގެ ގައުމުތައް އޭރު ބުރުޖަހަމުން ގެންދިޔައީ ބޮޑު ދެ ބާރުންކުރެ ކޮންމެވެސް އެއްބާރެއްގެ ވަށައިގެންނެވެ. ބޮޑު ދެ ބާރަކީ އެމެރިކާ އާއި ސޯވިއެޓް ޔުނިއަނެވެ. އޭރުގެ ސުޕަ ޕަވާ ކަމުގައި ތިބީ މި ދެ ގައުމެވެ. ދުނިޔޭގެ ކޮންޓްރޯލް އަތުލުމަށް މި ދެ ބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ވާދަކުރި ކުރުމަށް ކިޔަނީ ފިނި ހަނގުރާމައެވެ. މި ހަނގުރާމައަކީ ކަނޑިބަޑިއާއި ބޮމުން ކުރި ހަނގުރާމައެއް ނޫނެވެ. ސިޔާސީގޮތުންނާއި އިގްތިސާދީގޮތުން ކުރި ހަނގުރާމައެކެވެ. ފިނިހަނގުރާމައޭ ކިޔަނީ އެހެންވެގެންނެވެ.
މި ހަނގުރާމައެއް ދެމިއޮތީ 1947 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ހަމައަށެވެ. މި ދެންނެވި ފިނިހަނގުރާމަ ނިމުނީ 44 އަހަރުގެ ކޯޅުންތަކަކަށްފަހު ސޯވިއެޓް ޔުނިއަން ރޫޅި އެ ޔުނިއަންގައި ހިމެނުނު ފަނަރަ ޖުމްހޫރިއްޔާ ވަކިވަކި މިނިވަން ގައުމުތަކެއްގެ ގޮތުގައި ހަމަޖެހުމުންނެވެ. އިރުމަތީ ޔޫރަޕުން ކޮމިއުނިޒަމްގެ ބާރު ނެތިދިއުމުންނެވެ. އޭގެފަހުން މިއަދާ ހަމައަށް ދުނިޔޭގައި އޮތީ އެންމެ ސުޕަ ޕަވަރެކެވެ. އެއީ އެމެރިކާއެވެ. މުޅި ދުނިޔޭގައި އޮތީ އެމެރިކާގެ ބާރާއި ނުފޫޒެވެ. އެމެރިކާއަށް ގޮންޖަހައިލެވޭވަރުގެ އެހެން ބާރެއް ނެތީމައެވެ. މުޅި އޮޑީގައި ހަސަނުގެ ދެ ފައޭ ބުނެވޭ އުސޫލުން މުޅި ދުނިޔޭގައިވެސް އެމެރިކާގެ ދެ ފަޔެވެ. ހުޅަނގުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ އެމެރިކާއަށް ގޮންޖަހައިލެވޭ ހިސާބަށް އެއްވެސް ބަޔަކު އަޔަނުދިނުމަށެވެ. މިކަމަށްޓަކައި މަރުފަލިޖަހަން ތިއްބައި ބަޔަކު ހަަށިފޮޅާލައިފައި ތެދުވެ ހިންދެމިލައިފިއެވެ. އެއީ ޗައިނާއެވެ.
ސުޕަ ޕަވަރެއްގެ ގޮތުގައި ސޯވިއެޓް ޔުނިއަން ފޭލްވެ ރޫޅިގެންދިޔައީ އިގްތިސާދީ ބާރަކަށް ނުވީމައެވެ. އިގްތިސާދީ އުރަތްޕެއް ނެތީމައެވެ. އެކަމަކު ޗައިނާ ތަފާތެވެ. ވަރަށް ތަފާތެވެ. މިހާރުގެ މިދުވަސްވަރު ޗައިނާ ހިންދެމިލީ އިގްތިސާދީ ބާރެއްގެ ގޮތުގައެވެ. އަދި އަސްކަރީ ބާރެއްގެ ގޮތުގައެވެ. ސުޕަ ޕަވަރެއްގެ ގޮތުގައި ޗައިނާ ގުނެން ފެށުނީ 2010 ވަނަ އަހަރާ ހިސާބުންނެވެ. އެހިސާބުން ދެން ފެންނާންފެށީ ހުޅަނގުގެ އޯބިޓުން ނެއްޓި ބައެއް ގައުމުތައް ޗައިނާގެ އޯބިޓުގައި ބުރުޖަހަންފެށި މަންޒަރެވެ. ލިސްޓު ދަނީ ދިގުވަމުންނެވެ. މިހިސާބުން އެއޮތީ އަނެއްކާވެސް އައު ފިނިހަނގުރާމައެއް ފެށިފައެވެ. ދުނިޔެ މިއޮތީ އަނެއްކާވެސް ދެ ބަޔަކަށް ބެހިފައެވެ. މިހާރު ދުނިޔޭގައި ބަސްކިޔައި ގޮތްނިންމާން އޮތީ އެމެރިކާ އެކަންޏެއް ނޫނެވެ. ޗައިނާވެސް އެބައޮތެވެ. ކުރީގެ ސުޕަރ ޕަވަރެއް ކަމަށްވާ ރަޝިޔާވެސް އޮތީ ޗައިނާގެ އޯބިޓުގައެވެ. މި ވާދަވެރިކަމަށް ރަސްމީގޮތުން ފިނިހަނގުރާމައެކޭ ބަޔަކު ނުކިޔަސް މިއީ ހަގީގަތުގައިވެސް އައު ފިނިހަނގުރާމައެކެވެ.
ދުނިޔޭގެ ކޮންޓްރޯލާއި ނުފޫޒަށްޓަކައި މި ދެފަރާތުގެ ވާދަވެރިކަން ނުހަނު ބޮޑެވެ. ބައެއްކަންކަން ފަރުދާގެ ކުރިމަތިން އެންމެނަށްވެސް ފެނެއެވެ. ގިނަކަންކަން ހިނގަނީ ފަރުދާގެ ފުރަގަހުގައި ކަމަށްވާތީ އެކަންކަމެއް ނުފެނެއެވެ. މި ދެންނެވި އައު ފިނިހަނގުރާމައިގައި ޗައިނާއާއި ހުޅަނގުގެ ވާދަވެރިކަން އެންމެ ބޮޑަށް ތަމްސީލުވަނީ ހަތަރު ތިއޭޓަރެއްގައެވެ. ނުވަތަ މައިދާނެއްގައެވެ. އެއް މައިދާނަކީ ޕެސިފިކް ސަރަހައްދެވެ. ދެން އިންޑިޔާ ކަނޑާއި އެފްރިކާޔާއި މެދުއިރުމައްޗެވެ. ޗައިނާއިން ބަޔަކާ އަހުދުވެ އެތަނެއްގައި އިންވެސްޓްކުރަން ފަށައިފިއްޔާ ހުޅަނގަށް އެކަން ހަޖަމެއް ނުވެއެވެ. ދަރަނި ދަންތުރައޭ ލޯނު ދަންތުރައޭ ކިޔައިގެން އެތައް ވާހަކަތަކެއް ފަތުރައެވެ. މިހެން ވާހަކަ ދައްކާއިރު އެމެރިކާ އަޑީގައި އޮވެގެން ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި މިހެންގޮސް ދުނިޔޭގެ އެކިއެކި މާލީ އިދާރާތަކުންވެސް ފަގީރު ގައުމުތައް ޖައްސަމުން ދިޔައީ ދަރަނި ދަންތުރައެއްގައެވެ.
އޭރު އެކަން ގޯހެއް ނޫނެވެ. ގޯސްމިވީ ޗައިނާއިން ލޯނުދޭން ފެށުމުންނެވެ. ކުދިކުދި ގައުމުތަކުގެ ތެރެއިން ބަޔަކު ޗައިނާއާއި ގާތް ގުޅުންތަކެއް ބާއްވަން ފަށައިފިއްޔާ އެއީ ޗައިނާއަށް ވިކި އަޅުދާސްވެފައިވާ ބަޔަކަށް ހަދައި ލޭބަލްކުރެއެވެ. އެއްދުވަސްވަރެއްގައި ލަންކާވެސް ކުރިން މިދެންނެވި ގިންތީގައި ހިމެނުނެވެ. ރާޖަޕަކްސާގެ ޒަމާނުގައެވެ. ދިވެހިރާއްޖެވެސް އެކިދުވަސްވަރު އެކިގޮތަށް ގިންތިކުރެއެވެ. މިހާރު މިއޮތީ ޗައިނާގެ އޯބިޓުގައި އެނބުރޭ ގައުމެއްކަމުގެ ލޭބަލް ޖެހިފައިވާ ދުވަސްވަރެކެވެ. އިންޑިޔާ ކަނޑުން މިސާލު ނެގެންއޮތީ ސްރީލަންކާ އާއި ދިވެހިރާއްޖެއިންނެވެ. ޕެސިފިކަށް ބަލައިފިއްޔާ ވަރަށް ގިނަ ގައުމުތަކުން މިސާލުތައް ނެގިދާނެއެވެ. އެފަދަ މިސާލުތައް އެބަފެނެއެވެ. އިންޑިޔާ ކަނޑާއި ޕެސިފިކުގައި ޗައިނާއަށް ފާރަވެރިވެ ހުރަސްތައް ކުރިމަތިކުރުމަށް ފުލުހުންގެ މިސާލުގައި ހުޅަނގުން ބޭނުންކުރާ ގައުމުތަކެއްވެސްވެއެވެ. އިންޑިޔާ ކަނޑުގައި އެއީ އިންޑިޔާއެވެ. ޕެސިފިކް ކަނޑުގައި އެއީ އޮސްޓްރޭލިޔާއެވެ.
ޕެސިފިކްގެ ކުދިކުދި ގައުމުތަކުގެ ތެރެއިން ޗައިނާއާ އެންމެ ބަދަހި ގުޅުމަކުން ގުޅިފައިވާ ގައުމަކީ ސޮލަމަން އައިލެންޑްސްއެވެ. ދާދިފަހުން ސޮލަމަން އައިލެންޑްސްއިން ވަނީ ސަލާމަތީ ދާއިރާގައި ޗައިނާއަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މިކަމާ ގުޅިގެން އޮސްޓްރޭލިޔާ އާއި އެމެރިކާއަށް ހަމަނިދި ނުލިބިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެއޭ ބުނެވޭ އުސޫލުން ބޮޑެތި ބާރުތަކުން ތަޅަމުންދާ މި ތަޅާލުންގަޑުގައި އެންމެ ވޮޑަށް ބާރުކުރަނީ ކުދިކުދި ގައުމުތަކަށެވެ. ލޮޅުން އަރަނީ އެ ގައުމުތަކުގެ ސަރުކާރުތަކަށެވެ. ޑިމޮކްރަޓިކް ނިޒާމަށް ތަބާވާ ކުދި ގައުމުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ބޮޑެތި ބާރުތަކުން ބަލަނީ އެތަންތަނުގެ އިންތިޚާބުގެ ނަތީޖާ އެބަޔަކަށް ފަހިވާގޮތަށް ނެރެވޭތޯއެވެ. މިކަމަށް ބޮޑެތި އަދަދުތަކުން ޚަރަދުވެސް ކުރެއެވެ. މިއީ މާގިނަ ބަޔަކު ދައްކާ ވާހަކައަކަށް ނުވިޔަސް އެންމެނަށްވެސް އެނގޭ ބޮޑު ސިއްރެކެވެ.
ދާދިފަހުން ސޮލަމަން އައިލެންޑްސްގައި ބޭއްވުނު އާއްމު އިންތިޚާބުގައި ބޮޑުވަޒީރު މަނާސޭ ސޮގަވާރޭ ބަލިކޮށްލުމަށްޓަކައި އޮސްޓްރޭލިޔާއިންވެސް މިޒާތުން ވަރަށް ބޮޑަށް ޚަރަދުކުރިއެވެ. ނަތީޖާވެސް ނެރުނެވެ. މަނާސޭއަށް ކުރިމަތިވީ ނާކާމިޔާބީއެވެ. ދެން ސޮލަމަންގައި އެކުލަވައިލާނީ އެހެން ސަރުކާރެކެވެ. އޮސްޓްރޭލިޔާއަށް ތަބާވާ ކަހަލަ ސަރުކާރެކެވެ މިހެން މިކަންވީމާ ހުޅަނގުގެ މީޑިއާއިން ސިފަކުރީ ޕެސިފިކްގައިވާ ޗައިނާގެ އެންމެ ބޮޑު އެކުވެރިޔާއަށް ސޮލަމަން އައިލެންޑްސްގެ ރައްޔިތުން ނޫނެކޭ ބުނެ ވެރިކަމުން ފައްސާލައިފިކަމުގައެވެ. ޗައިނާއަށް ފުރަގަސްދީ ހުޅަނގަށް ތަބާވުމަށް ސޮލަމަންގެ ރައްޔިތުން ނިންމައިފިކަމުގައެވެ.ހުޅަނގުގެ މީޑިއާއިން ސިފަކުރާ ސިފަކުރުންތަކުގައި ސޮލަމަން އައިލެންޑްސްގެ އިންތިޚާބަކީ ޗައިނާ އާއި ހުޅަނގުގެ ކުރިމަތިލުމެކެވެ. މި ކުރިމަތިލުމުން ކުރިހޯދީ ހުޅަނގެވެ. ސޮލަމަންގެ ރައްޔިތުން އައު ސަރުކާރެއް ހޮވައިފިއެކޭ ނުބުނެއެވެ. ދައްކަން އުޅެނީ އެހެން މަންޒަރެކެވެ.