ކޮންމެ އަހަރަކު ރަމަޟާންމަހު އަސްރު ނަމާދަށްފަހު ބާއްވާ ދަރުސް ސިލްސިލާ ޕްރޮގްރާމް މިއަހަރުވެސް އޮންނާނެކަމަށް ޖަމިއްޔަތުއްސަލަފުން ބުުނެފިއެވެ.
މި ޕްރޮގްރާމު ގެ ކޯޑިނޭޓަރު އައްޝައިހް ހަސަން މޫސާ ފިކްރީ "ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަންމުން ވިދާޅުވީ، ކޮންމެ އަހަރަކު ރަމަޟާންމަހު އަސްރު ނަމާދަށްފަހު ބާއްވާ ދަރުސް ސިލްސިލާ ޕްރޮގްރާމް މިއަހަރުވެސް އޮންނާނެ ކަމަށާއި، މިއަހަރު ރަމަޟާންމަހު ބާއްވާ ދަރުސްތަކަށް ދީފައިވާ ނަމަކީ ”މަރުވުމަށްފަހުގައި“ ކަމަށެވެ.
މި ދަރުސްތަކުން މަރާއި ފުރާނައިގެ ވާހަކަތަކާއި، މަރު ހިއްޕެވުމާއި، ކަށްވަޅުގައި ކަން ހިނގާނޭ ގޮތާއި، އަލުން ދިރުވުމާއި، މަހުޝަރު ކުރެއްވުމާއި، ހިސާބު ބެއްލެވުމާ ގުޅޭ ގޮތުން މައުލޫމާތު ލިބިގެންދާނެކަމަށް ޝެއިޚް ފިކުރީ ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ދަރުސްތައް ބޭއްވުމަށް ހަމަޖައްސައިފައިވަނީ، ތިން މިސްކިތެއްގައި ކަމަށާއި ކޮންމެ މިސްކިތެއްގައި 10 ދަރުސް ދިނުމަށްވަނީ ހަމަޖައްސައިފައިވާ ކަމަށެވެ. ދަރުސްތައް ބާއްވާ މިސްކިތްތަކަކީ، މަސްޖިދުލް ފުރްގާން، މަސްޖި މުހައްމަދު ބިން އަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) އަދި މަސްޖިދް ހަސަން އިއްޒުއްދީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ދަރުސް ސިލްސިލާގައި 15 ޝައިހުން ބައިވެރިވަޑައިގަންނަވާނެ ކަމަށާއި، ޝައިހުންގެ ތެރޭގައި، އައްޝައިހް އަހްމަދު ސަމީރު، އައްޝައިހް ހަސަން މޫސާ ފިކުރީ، އައްޝައިހް އަލީ ޒާހިރު ބިން ސައީދު ގާސިމް، އައްޝައިހް މުހައްމަދު ނަޝީދު އާދަމް، އައްޝައިހް އަބްދުއްސަލާމް ދާވޫދުގެ އަދި އައްޝައިހް ނިމާލު މުހައްމަދު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.