އަނޫރާގް ބާސޫ ފިލްމު އިމްލީ އުފައްދާ ވާހަކަ ބުނި ހިސާބުން ފެށިގެން އެފިލްމަށް އަންނަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންނެވެ.
ފިލްމުގެ ލީޑް ބަތަލާގެ ބައި ކުޅުމަށް ކަންގްނާ ރާނުތް އަށް ވަނީ އެންމެ ފުރަތަމަވެސް ހުށަހަޅައިފައެވެ. ނަމަވެސް ބޮލީވުޑް ހަންގާމާ ނޫހުގައި ބުނެފައިވާ ގޮތުގައި ކަންގްނާ ވަނީ ފިލްމު ނުކުޅެން ނިންމައިފައެވެ. އެހެން ކަމުން ފިލްމަށް އާ ލީޑް ބަތަލާއެއް ހޯދުމަށް ފިލްމު އުފައްދާ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަންގްނާ ފިލްމުން ވަކިވީ އޭނާއާ އަނޫރާގް އާ ދެމެދު ހިނގި ހަމަނުޖެހުމަކަށްފަހުއެވެ. މީގެ ކުރިން އަނޫރާގްގެ ދެ ފިލްމެއް ކަމަށްވާ "ގޭންގްސްޓާ" އަދި "އަ ލައިފް އިން އަ މެޓްްރޯ" ގައިވެސް ކަންގްނާ ވަނީ ލީޑް ބަތަލާގެ ބައިން ފެނިގެން ގޮސްފައެވެ.
އިމްލީގެ ލީޑް ރޯލަށް ކުޅުމަށް މިހާރު ބަތަލާ ދީޕިކާ ޕަޑުކޯން އަށް ހުށަހަޅާފައިވާ ކަމަށްވެސް ވެއެވެ. ނަމަވެސް ދީޕިކާ ފިލްމު "ޗަޕާކް" ކުޅުމަށް މިދުވަސްވަރު ބިޒީކޮށް އުޅެން ޖެހުމުން އިމްލީ ކުޅުމަށް އެއްބަސްވެފައެއް ނުވެއެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އަނޫރާގްއާ އެކު ދީޕިކާގެ މަޝްވަރާތައް ކުރިޔަށްދަނީ ވަރަށް ޕޮޒިޓިވްކޮށެވެ.
މީގެ ކުރިން އަނޫރާގް ވަނީ ކަންގްނާ ފިލްމުން ވަކިވިކަން ދޮގުކޮށްފައެވެ. ފިލްމުގެ ޝޫޓިން މިިދިޔަ ނޮވެމްބަރުގައި ފަށަން ހަމަޖެހިފައިވީނަމަވެސް ކަންގްނާ އޭރު މަސައްކަތް ކުރަމުން ދިޔަ ފިލްމު މަނިކަރްނިކާގެ މަސައްކަތާހެދި ވަނީ މަޑުޖެހިގެންގޮސްފައެވެ.