ކޮންމެ ގޮތަކަށް ކަންތައް ބަދަލުވެގެންދިޔަ ކަމުގައިވިޔަސް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް، ސުޕްރީމް ކޯޓުން މިއަދު ވަނީ އިއްވައިފައެވެ. ސުޕްރީމް ކޯޓުން ހުކުމްކުރީ އިންތިހާބު ބާލިލްކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ ގޮތަކަށް ސިޔާސީ މަޝްރަހު ބަދަލުވެގެންދިޔަ ކަމުގައިވިޔަސް އޭނާ ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ކަމަށާއި ރައީސް ޔާމީނަށްޓަކައި އަބަދުވެސް ފަހުރުވެރިވާނެ ކަމަށެވެ.
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވިދާޅުވެފައިވަނީ ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ބަލާ އިރު، އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.