ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 45

އަބްދުﷲ ފާރޫގް ހަސަން

(19 އޭޕްރީލްގެ އަދަދާ ގުޅޭ)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ޒަހަރު އަރުވައި ޝަހީދުކޮށްލާން ޔަހޫދީ އަންހެނެއްކަމުގައިވާ زيـنـب بـنت الحـــــارث ނުވަތަ (الحـــــرث - ســـلام بـــن مشكــم ގެ އަނބިކަނބުލޭގެ) ރޭވުމެއް ރޭވިއެވެ. ދުވަސްވަރަކީ ޚައިބަރު ހަނގުރާމައިގެ ދުވަސްވަރެވެ. އެކަނބުލޭގެ ބަކަރިޔެއް ފިހެފައި އޭގެ މަހަށް ޒަހަރުލައިފައި އިތުރު ސާހިބާގެ އަރިހަށް ވެދުމަށް ފޮނުވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެންމެ މީރުފުޅީ ބަކަރީގެ ކޮން ގުނަވަނެއްގެ މަސްތޯ ހޯދިހޯދުމުގައި އެކަނބުލޭގެ ވަނީ އެންމެ މީރުފުޅީ ކުރިމަތީ ފައި (މުލައްދަނޑީގެ ބައި - އައްޛިރާޢު) ގެ މަސްކަން އޮޅުންފިލުވައިފައެވެ. އެހެންކަމުން އެކަނބުލޭގެވަނީ މުލައްދަނޑީގެ މަސްތަކަށާއި ބައިމަތީ މަސްތަކަށް އާދަޔާ ޚިލާފަށް ގިނައިން ވިހަލައިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއިން މަސްކޮޅެއްގައި ދަތްޕުޅު އެޅުއްވިއެވެ. (ނުވަތަ އަނގަފުޅަށް ލެއްވިއެވެ.) ނަމަވެސް އެމަހަށް ވިހަލައިފައި ހުރިކަން އެނގިވަޑައިގެން އަރުފުޅުން އެތެރެނުކުރައްވައި އެއްލައިލެއްވިއެވެ. އަރިހުގައި ފަރީއްކުޅުއްވާން ތިއްބެވި ބޭކަލުންނަށްވެސް އެތަކެތި ފަރީއްކުޅުއްވުން މަނާކުރެއްވިއެވެ. އަރިހުގައި ފަރީއްކުޅުއްވާން ތިއްބެވި ބޭކަލުންކުރެ أبـــوبــكـــر رضــــى اللّــــه عــنـــــه ވެސް އެއިން މަސްކޮޅެއްގައި ދަތްޕުޅު އެޅުއްވިއެވެ. بشــــربـــن بـــــرّاء بـــن مـعـــــــرور رضـــى اللّــــه عــنـــــه ވެސް އެއިން މަސްކޮޅެއް އަނގަފުޅަށް ލެއްވިއެވެ. އެމަހުގައިވާ ޒަހަރުގެ ދިލަ އިޙުސާސްކުރެއްވުމާއެކުވެސް އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައި ހޮޑުފުޅުލެއްވުމަކީ ބޭއަދަބީ ކަމެއްކަމުގައި ބައްލަވައިފައި އެމަސްކޮޅު ދިރުއްވައިލެއްވިއެވެ. އެކަލޭގެފާނު ވަނީ ވަގުތުން އަވަހާރަވެފައެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ މައްސަލަ ތަޙްޤީޤު ކުރެއްވިއެވެ. ޔަހޫދީންގެ އެތައްބަޔަކު ވަނީ އެ ޖަރީމާ ހިންގުމުގައި ބައިވެރިވެފައެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢާންމު މަޖިލީހަށް އެމީހުން ގެންނަވައި ސުވާލުކުރެއްވުމުން އެބައިމީހުން ވަނީ ކުށަށް އިޢުތިރާފުވެފައެވެ. ނަމަވެސް އެ އިޢުތިރާފުވުމާއެކު މަކަރުވެރި ވާހަކައެއް ހަދައިލިއެވެ. އެބައިމީހުން ދެންނެވިއެވެ. "އަޅުގަނޑުމެން ކަލޭގެފާނު އިމްތިޙާނު ކުރީއެވެ. ކަލޭގެފާނަކީ ރަސްކަލަކު ކަމުގައިވާނަމަ ކަލޭގެފާނުގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނެއެވެ. އެހެންނޫންކަމުގައިވާނަމަ ތިޔަ އެނގިވަޑައިގެންނެވި ފަދައިން އެނގިވަޑައިގެންފާނެއެވެ."

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އޯގާވެރިކަމުގެ ސަބަބުން މި ޖަރީމާގެ ބައިވެރިންނަށް މަޢާފު ދެއްވިއެވެ. ނަމަވެސް ޖަރީމާ ހިންގި އަސްލު މުޖުރިމާ زيـنـب އާމެދު ޢަމަލުކުރެއްވި ގޮތްކޮޅާމެދު ރިވާޔަތް ތަފާތެވެ. ބައެއް ރާވީން ވިދާޅުވާގޮތުގައި بشــــربـــن بـــــرّاء بـــن مـعـــــــرور އަވަހާރަވުމުން އެކަލޭގެފާނުގެ ޤިޞާޞު ހިއްޕެވުމަށްޓަކައި އެކަނބުލޭގެ ޤަތުލުކުރެއްވީއެވެ.

ޚައިބަރާއި ފަދަކާއި ވާދިލްޤުރާ އާއި ޠައިމާއު ފަތަޙަވެ ޢަރަބިކަރައިން ޔަހޫދީންގެ ސިޔާސީ ނުފޫޒު ކެނޑުމަށްފަހުވެސް ފަސްވަނަކޮލަމުގެ މުނާފިޤުން އެބައިމީހުންގެ ޙަރަކާތްތަކަށް ހުއްޓުމެއް ނުގެނެއެވެ. ފަސްވަނަކޮލަމުގެ މުނާފިޤުން އެންމެފަހުން ރޭވި އެންމެ ނުބައި ރޭވުމަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ތަބޫކުން އެނބުރި މަދީނާއަށް ވަޑައިގެންނެވި މަގުމަތީގައި ޢަޤަބާއިން ވައްޓައިލައި އަވަހާރަކޮށްލާން ރޭވި ރޭވުމެވެ. މިނުބައި ރޭވުމުގައި ބާރަމީހަކު ބައިވެރިވިއެވެ. ތާރީޚުގެ ރިފަރެންސުތަކުގައި އެބައިމީހުންގެ ނަންތަކުގައި ޚިލާފެއް ހުރެއެވެ. އެއްރިވާޔަތެއްގައިވާގޮތުން އެމީސްމީހުންނަކީ:

عــبــد اللّـــه بــــن أبــّـــى، سـعــد بــــن أبــــى ســــرح، أبــــوفــاطـــــر أعــــــرابـــى، عــامـــــــر، أبــــو عــامـــــــر راهـب، جــلاس بـــن ســويــد، مجـمـــع بـــن جــاريـــة، مــلـيـح تيـمـــى، حصن بــــن نـمـيـــــر، طعيـمــة إبــــن أبـــــرق، عــبــد اللّـــه بــــن عـيـــيـــنـــيــه، مــــــرّة بــــن ربـيـــع، މި މީސްމީހުންނެވެ.

މިނުބައި ސައްލާކުރި މަޖިލީހުގައި جــلاس ބުނެފައިވެއެވެ.

"މިރޭ އަހަރެމެން محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ޢަޤަބާއިން ނުވައްޓައެއް ނުތިބޭނޫއެވެ. محـمّــد އާއި (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އާއި އެކަލޭގެފާނުގެ އެކުވެރީން އަހަރެމެންނަށްވުރެ ހެޔޮކަންބޮޑު ކަމުގައިވިޔަސްވެހެވެ. އަހަރެމެންނަކީ ބަކަރިތަކަކަށް ހަދައިގެން އޭނާ އެއުޅެނީ އަހަރެމެންގެ ގޮތްވަކަށް ހެދިގެންނެވެ. އަހަރެމެންނަކީ ބުއްދިޔެއް ވިސްނުމެއްނެތް ބަޔަކު ކަމަށާއި އެއުރެންނަކީ މާ ބުއްދިވެރިބަޔަކު ކަމުގައި ހެދިގެން އުޅުނުކަމުގައިވިޔަސްވެހެވެ." جــلاس އަދިވެސް ބުނެފައިވެއެވެ. "މީނާއަކީ ތެދުވެރިޔެއްކަމުގައިވާނަމަ އަހަރެމެންނަކީ ޙިމާރުތަކަކަށްވުރެވެސް ނުބައި ބަޔެކެވެ. (ސީރަތު އިބްނު ހުޝާމް، ޖިލްދު: 2، ޞަފުޙާ: 271)

عــبــد اللّـــه ބުނިކަމުގައިވެއެވެ. "މިރޭ ހޭލާތިބެލަމާ ހިނގާށެވެ. އޭރުން އަބަދަށްޓަކައި ސަލާމަތުން ތިބެވޭނެއެވެ. ތިޔަބައިމީހުން ކުރާންވީހައިވެސް ކަމަކީ މިރޭ މީނާ ޤަތުލުކޮށްލުމެވެ."

مــــــرّة ބުނިކަމުގައިވެއެވެ. "އަހަރެމެންނަށް އެންމެ މީހަކު ޤަތުލުކޮށްލެވިއްޖެކަމުގައިވާނަމަ އެންމެންނަށް ހިތްހަމަޖެހިލައިގެން ތިބެވޭނެއެވެ."

މިބައިގައި ހިމެނޭ حصن بــــن نـمـيـــــر އަކީ ޞަދަޤާތުގެ މުދާ ފޭރުމުގެ ޖަރީމާ ހިންގައިފައިވާ މީހެކެވެ.

މި ބައިގަނޑުގެ ތެރެއިން أبــــو عــامـــــــر ބުރަންމާނިކަލޭގެ ވާހަކަ އިސްވެދިޔަ ޞަފުޙާތަކުގައިވެސް އަޅުގަނޑު ވަނީ ބަޔާންކޮށްފައެވެ. އޭނާއަކީ ރާހިބަކު ކަމުގައްޔާއި ޞޫފީއަކު ކަމުގައި ހެދިގެން ނާޓަކު ކުޅޭ މީހެކެވެ. ބައެއްފަހަރު ދަރުވޭޝީއަކަށް ހެދިގެންވެސް އުޅެއެވެ. ކުރީންވެސް ބަޔާންކޮށްފައިވާ ފަދައިން مـسجــد ضـــــرار ގެ ފިތުނައިގެ ބޮޑަކީ އޭނާއެވެ. ޣައްސާނީންނާއި ރޫމީންގެ ރަސްރަސްކަލުންނާ ގުޅިގެން އިސްލާމީ ދައުލަތާމެދު ޣަދަރުވެރި ރޭވުންތައް ރޭވުމަކީ އޭނާގެ ދެވަނަ ޠަބީޢަތެވެ. އޭނާގެ "ތަޤްވާވެރިކަމުގެ" ޖުއްބާގެ ތެރޭގައި އެތައް ވައްތަރެއްގެ ނުބައިކަމަކާއި ނުލަފާކަމެއް ތާއަބަދު ނަށަމުންދެއެވެ.

ކުރީންވެސް ދެންނެވިފަދައިން މިބައިމީހުންގެ ރޭވުމަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢަޤަބާއިން ވަޑައިގަންނަވާން ފެއްޓެވުމުން އެ ފަރުބަދަމަތީން ވައްޓައިލައި އަވަހާރަކޮށްލުމެވެ. އެރޭވުން ތަންފީޒުކުރުމަށްޓަކައި އެބާރާ މުފުސިދުންވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ފަހަތްޕުޅުން އަޅައިގެންފައެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ލަޝްކަރާއިގެން ޢަޤަބާގެ ކައިރިޔަށް ވަޑައިގެންނެވުމަށްފަހު އިރްޝާދު ދެއްވިއެވެ. "ބަޠަންވާދީގެ އައްސޭރީގެ ފުޅާމަގުން ދާންބޭނުން ބަޔަކަށް އެމަގުން ދިޔުމުގެ ހުއްދަ އެބައޮތެވެ." ޞަޙާބީންގެ ގިނަބޭކަލުން މިސުރާބު ޖެއްސެވީ ބަޠަން ވާދީއާ ދިމާޔަށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚިޔާރުކުރެއްވީ ޢަޤަބާގެ މަގެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޝަހީދުކޮށްލާން ސިއްރުން ސައްލާކޮށް އެކަށައަޅައިގެންތިބި ބާރަ ފާސިދުން އަޅުވައިލީ އިތުރު ސާހިބާގެ ފަހަތްޕުޅުންނެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ލޯފުޅުގެ ނަޒަރަކީ މީސްތަކުން ހިތްތަކުގެ އަޑިޔާހަމަޔަށް ވާޞިލުވެވަޑައިގެން ހިތްތަކުގައި ފޮރުވައިފައިވާ ސިއްރުތައް ހޯއްދަވައިގަންނަވާ ބެއްލެވުމެކެވެ. ޚާއްޞަކޮށް އެމާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކުރިފުޅުމަތީގައި ނުބައިރޭވުންތައް ރާވައިއުޅޭ މުނާފިޤުންގެ ވިންދު ހުންނަގޮތް އެންމެރަނގަޅަށް ހޯއްދަވައިގެންނެވުމުގެ ކުޅަދާނަފުޅުކަން ލިބިވަޑައިގެންފައިވަނީވެސް އެމާތް ސާހިބާއަށެވެ. ހަމައެއާއެކު އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ވަނީ އެ ފާސިދު ނިރުބަވެރީންގެ ކެހިވެރި ރޭވުން އެކަލާނގެ ނަބިއްޔާއަށް ކަޝްފުކޮށްދެއްވައިފައެވެ. ޣައިބީ އިޝާރަތްތަކުންނެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ވަފާތެރި ޞަޙާބީންކުރެ ދެބޭކަލަކު އަރިހުގައި ގެންދެވިއެވެ. އޭގެތެރެއިން އެއްބޭކަލަކީ حــذيــفـــة بــــن الـيمــان އެވެ. އަނެއްބޭކަލަކީ عـمّـــار بـــن يــاســــــر އެވެ. (رضــــى اللّـــه عــنـــــهــم) عـمّـــار އަށް އަންގަވައިފައިވަނީ އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޖަމަލުކޮޅުގެ ލަގަނުގައި ހިއްޕަވައިގެން ކުރިފުޅުމަތިން ވަޑައިގެންނެވުމަށެވެ. حــذيــفـــة އަށް އިރްޝާދު ދެއްވައިފައިވަނީ ޖަމަލުކޮޅުގެ ފަހަތުން ވަޑައިގެންނެވުމަށެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢަޤަބާގެ ޚާއްޞަ ހިސާބަކާ އަރާހަމަވެވަޑައިގެންނެވުމާއެކު ނިރުބަވެރީންގެ ބައިގަނޑު ދުވެފައި އައިސް އަރިހަށް ކައިރިވާން އުޅެގަތެވެ. ރޭގަނޑުގެ އަނދިރިކަމުގައިވެސް އެބައިމީހުންތިބީ މޫނުމަތީގައި ނިޤާބު އޮޅައި މޫނު ފޮރުވައިގެންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެބައިމީހުންގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންނެވުމާއެކު އެމާތް ސާހިބާގެ ދެއެކުވެރީންނަށް އެބައިމީހުން ފޮނުއްވައިލައްވާން އަންގަވައިފިއެވެ. حــذيــفـــة رضــــــى اللّــــه عـــنـــه ފަހަތަށް ޖެހިވަޑައިގެންނެވިއެވެ. ނިރުބަވެރީން ކައިރިޔަށް އައުމާއެކު އެކަލޭގެފާނުގެ ތުރުކަހުން (ބައެއް ރިވާޔަތެއްގައިވާގޮތުން އެކަލޭގެފާނުގެ އައްޑަނަކޮޅުން) އެއުރެންގެ ޖަމަލުތަކުގެ މޫނުމަތީގައި ތަޅުއްވައިގެންނެވިއެވެ. ނިރުބަވެރި ފާސިދުންނަށް حــذيــفـــة رضــــــى اللّــــه عـــنـــه ފާހަގަކުރެވުމާއެކު އެއުރެންގެ ރޭވުން ބޭޒާރުވެއްޖެކަން ވިސްނިއްޖެއެވެ. ފަހަތަށް އަނބުރައިލައިފައި ބާރަށް ދުވެފައިގޮސް ބަޠަންވާދީގެ ތެރެއިން ވަޑައިގެންނެވި ބޭކަލުންގެ ތެރެޔަށް ފޭދިގެންފިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، حــذيــفـــة رضــــــى اللّــــه عـــنـــه އެނބުރިވަޑައިގެންނެވުމުން އެމާތް ސާހިބާގެ އެކުވެރީންނަށް އިރްޝާދު ދެއްވިއެވެ. "މިހިސާބުން ޖަމަލު ބާރަށް ހިންގައިފައި ކުރިޔަށް ވަޑައިގަންނަވާށެވެ." އިތުރު ސާހިބާ حــذيــفـــة رضــــــى اللّــــه عـــنـــه އާ ސުވާލުކުރެއްވިއެވެ. "ކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިގެންނެވިތޯއެވެ؟" حــذيــفـــة رضــــــى اللّــــه عـــنـــه ޖަވާބުދެއްވިއެވެ. "އެވެރީން ތިބީ މޫނުމަތީގައި ނިޤާބު އަޅައިގެންނެވެ. އެކަމަކު އެވެނި މިވެނި މީސްމީހުންގެ ސަވާރީ ފާހަގަކުރެވުނެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "ކަލޭގެފާނަށް އެބައިމީހުންގެ މަޤްޞަދު ވިސްނިވަޑައިގެންނެވިތޯއެވެ؟" حــذيــفـــة ގެފާނު ނޫނެކޭ ވިދާޅުވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވިދާޅުވެދެއްވިއެވެ. "އެބައިމީހުންގެ މަޤްޞަދަކީ އަހުރެން ޢަޤަބާއިން ވައްޓައިލުމެވެ."

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވިދިގެންއައި ދުވަހުގެ ހެނދުނު އެ ނިރުބަވެރީންގެ ބާރަމީހުން ވަކިވަކީން އަރިހަށް ހާޒިރުކުރެއްވިއެވެ. ޣައިބީ އިރްޝާދާ އެއްގޮތްވާގޮތުގެ މަތީންނެވެ. އެބައިމީހުން ޤަޞްދުކޮށްފައި އޮތްގޮތާއި ނިރުބަވެރި ސައްލާގައި އެކިމީހުން ދެއްކި ވާހަކަތައް ވަކިވަކީން ވިދާޅުވެދެއްވިއެވެ.

ނިރުބަވެރީންގެ ޖަވާބުތަކަކީވެސް ޝައުޤުވެރިކަން ކުޑަ ވާހަކަތަކެއް ނޫނެވެ. މިސާލެއްގެގޮތުން حصن بــــن نـمـيـــــر ޖަވާބު އެރުވިއެވެ. "ކަލޭގެފާނަށް މިޚަބަރުތައް ލިބިވަޑައިގަންނަވާނެކަމެއް އަޅުގަނޑަކަށް ޔަޤީނެއް ނޫނެވެ. އެކަމަކު މިއަދު އަޅުގަނޑަށް އެކަން ކަށަވަރުވެއްޖެއެވެ. ކަލޭގެފާނަކީ ޙަޤީޤަތުގައިވެސް މާތް اللّــــه ގެ ރަސޫލަކީމުއެވެ. މިއަދުގެ ކުރީން އަޅުގަނޑަކީ ތެދުވެރި މުސްލިމަކީމެއް ނޫނެވެ. އެކަމަކު މިހާރު ތެދުހިތުން އިސްލާމްވެއްޖައީމެވެ."

އެ ފާސިދު ޖަމާޢަތުގެ އެންމެންވެސް ދެއްކީ މިބާވަތުގެ ދެކޮޅުނުޖެހޭ ބަހަނާތަކެކެވެ. އެންމެންވެސްވަނީ ތަފާތު އުޒުރުތައް ހުށަހަޅައިފައެވެ. ބައެއްމީހުން މާފުވެސް އެދުނެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ އެންމެންނަށްވެސް މާފުދެއްވިއެވެ. (އަޞައްޙުއްސިޔަރު މައުލާނާ ޢަބްދުއްރައޫފު ދާނާޕޫރީ: 75-370)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ އެއްރިވާޔަތެއްގައިވާގޮތުން އެ އެންމެންގެ ނަންތައްވެސް حــذيــفـــة بــــن الـيمــان رضــــــى اللّــــه عـــنـــه އަށް ވިދާޅުވެދެއްވައިފައެވެ. ނަތީޖާއެއްގެގޮތުން حــذيــفـــة رضــــــى اللّــــه عـــنـــه އަށްވަނީ رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ސިއްރުވެރިޔާގެ ލަޤަބު ލިބިވަޑައިގެންފައެވެ. ނަމަވެސް ޢާންމުކޮށް މުސްލިމުންގެ އެންމެންނަކަށް އެ ސިއްރު ފާޅެއް ނުކުރައްވައެވެ. ކުރީންވެސް ދެންނެވި ފަދައިން އެބައިމީހުންގެ ނަންތަކާމެދުވެސް ހިސާބެއްގެ ޚިލާފެއް ހުރެއެވެ. އޭގެތެރެއިން ތިންމީހެއްގެ ފުށުން މި ހާދިސާއަށްފަހު ނިފާޤުކަމެއް ފެނިފައިނުވާކަމުގެ ބަހުސެއްވަނީ ކުރެވިފައެވެ. ކޮންމެއަކަސް މި ހާދިސާއަކީ ތާރީޚީގޮތުން ސާބިތު ހާދިސާއެކެވެ. ހިނގިކަން ޔަޤީން ހާދިސާއެކެވެ. އަރަހުށި މާތް اللّــــه ކީރިތި ޤުރްއާނުގައިވަނީ މި ހާދިސާއަށް އަލިއަޅުއްވައިލައްވައިފައެވެ.

"އަދި އިސްލާމްވުމަށްފަހު، އެއުރެން ކާފިރުވިއެވެ. އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައްކުރަން (އެބަހީ: ރާވައިގެން ކީރިތި ރަސޫލާ އަވަހާރަކޮށްލާން) ޤަޞްދުކޮށްގެން އުޅުނޫއެވެ." (الــتـّــوبـــة: 74)

އިންސާނިއްޔަތުގެ ދިގު ތާރީޚުގައި ލޯފުނާއަޅުއްވައިގެން މިފަދަ ދެވަނަ ނަމޫނާއެއް ފެނިވަޑައިގަންނަވާތޯ ހޯއްދަވައިބައްލަވާށެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށްވުރެ ހިތްޕުޅު ތަނަވަސް ކެތްތެރިވެވަޑައިގެންނެވި ކޯފާ މަތަކުރެއްވޭ ދެވަނަ ސާހިބަކު މަތިކުރެއްވޭތޯ ހޯއްދަވާ ބައްލަވާށެވެ. ޝައްކެއްނެތެވެ. މިފަދަ އެހެން ނަމޫނާއެއް ހުށަހަޅަން ތާރީޚު ވަނީ ނުކުޅެދިފައެވެ.

އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ދާފޮދާއި ލޭފޮދު އެއްކޮށްލައްވައިގެން ކުރެއްވި ބުރަ މަސައްކަތްޕުޅުން އިންސާނިއްޔަތަށް ހެޔޮކަމުގެ އިންޤިލާބެއް ގެންނެވިއެވެ. އެ އިންޤިލާބު އޭގެ ބޮންތިއަށް ވާޞިލުވެފައިވަނިކޮށް ނުބައިނުލަފާ ބަޔަކު ރޭވުމެއް މިރޭވީ އެ އިންޤިލާބުގެ މޫތައް ކޮށައިލައި ނަގައިއެއްލައިލާށެވެ. އެ އިންޤިލާބުގެ ޤާއިދު އަވަހާރަކޮށްލާން ރާވައި އެކަމަށް ޢަމަލީ ސިފަގެނައުމުގެ ފިޔަވަޅުވެސް މިވަނީ އަޅައިފައެވެ. އެކަން ބޭޒާރުވެ، މުޖްރިމުންވަނީ ކުށަށް އިޢުތިރާފުވެސް ވެފައެވެ. އެކަމަކު އިންސާނިއްޔަތުގެ އެންމެ ރީތި ނަމޫނާކަމުގައި މާތް اللّــــه ފޮނުއްވި ސާހިބާވަނީ އެ ފާސިދުންގެ އެންމެންނަށް މާފުދެއްވައި ދޫކޮށްލައްވައިފައެވެ. އެއޮތްފަދަ ބޮޑު ޖަރީމާއަށް ޢަފޫދެއްވައިފައެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އިލްތިމާސުވެސް ކުރެވުނެވެ. އެއިން ކޮންމެ މީހެއްގެވެސް ޤަބީލާއަށް އެމީހެއްގެ ބޯ އަރިހަށް ގެންނާން އަމުރުކުރައްވާން ދެންނެވުނެވެ. އެކަމަކު ދެއްވީ ކޮން ޖަވާބެއްތޯއެވެ. އިންސީންކުރެ އެންމެ ބުއްދިވެރި ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވިދާޅުބަސްފުޅު އިއްވެވިއެވެ.

"محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ބަޔަކުމީހުން ގޮވައިގެން ހަނގުރާމަޔަކަށްގޮސް ހަނގުރާމައިގައި ކާމިޔާބު ލިބުމުން އަމިއްލަޔަށް އޭނާގެ ބައިވެރީން ޤަތުލުކޮށްފިއޭ ކިޔައިފައި ވާހަކަ ދައްކާނެ ފުރުސަތު ޢަރަބީންނަށް ދޭކަށެއް ބޭނުމެއް ނޫނެވެ." (ތަފްސީރު އިބްނުކަޘީރު)

(ނުނިމޭ)